އަފްގާނިސްތާން އިނދަޖެހުނީ ތޯލިބާން ހަނގުރާމަވެރިންނާއި އެމެރިކާއާއި ދެމެދު އެއްބަސްވުން އެކުލަވާލުމުގައި އަވަސް އަރުވާލުމުގެ ސަބަބުން ކަން ދޭހަ ވަ ފަދަ މޭރުމަކުން، އެމެރިކާގެ އަސްކަރީ ޖެނެރަލް ވާހަކަދައްކަވައިފިއެވެ.

އެމެރިކާގެ ދިފާއީ އޮފިޝަލުން ވަނީ، ތޯލިބާނުންގެ މުށު ތެރެއަށް އަފްގާނިސްތާން ގެންދިޔަ ގެންދިއުމަކީ، ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ތޯލިބާން ޖަމާއަތާ ދެމެދު ހެދި އެއްބަސްވުމާ ހިސާބަށް ޓްރޭސް ކުރެވިދާނެ ކަމެއް ކަމަށް ވިދާޅުވެފައެވެ.

ފެބުރުއަރީ 2020 ގައި ސޮއިކުރި، ދޯހާ އެގްރީމަންޓްއޭ ކިއާ މި އެއްބަސްވުމަކީ، އަފްގާނިސްތާނުގެ ފަސްގަނޑުން އެމެރިކާގެ ފައުޖުތައް ފައިބާނެ ސުންގަޑި ކަނޑައެޅި އެއްބަސްވުމެވެ.

އެމެރިކާގެ އަސްކަރީ ޖެނެރަލް ފްރޭންކް މެކެންޒީ ވިދާޅުވީ، މި ދޯހާ އެއްބަސްވުމަކީ އަފްގާނިސްތާނުގެ ސަރުކާރާއި އަސްކަރިއްޔާއަށް ނޭދެވޭ އަސަރުތަކެއް ފޯރުވި އެއްބަސްވުމެއް ކަމަށެވެ.

ޖެނެރަލް މެކެންޒީއަކީ، 20 އަހަރުގެ ހަނގުރާމަ ނިންމާލުމަށްފަހު އެމެރިކާގެ ފައުޖުތައް އަފްގާނިސްތާނުން ފޭބި ފޭބުމުގެ ކަންކަން ވިލަރެސް ކުރެއްވުމުގައި، ޔޫއެސް ސެންޓްރަލް ކޮމާންޑްގައި އެންމެ އިސްކޮށް ހުންނެވި ޖެނެރަލެވެ.

ޑިފެންސް ސެކްރެޓަރީ ލޮއިޑް އޮސްޓިންވެސް ވަނީ، މި އެއްބަސްވުމަކީ އިތުރަށް ބާރުގަދަ ވުމަށް ތޯލިބާނުންނަށް ލިބުނު "އެހީ"އެއް ކަމަށް ސިފަކުރައްވާފައެވެ.

އެމެރިކާގެ އަސްކަރީ ފައުޖުތައް އަފްގާނިސްތާނުން ފައިބާނެ ތާރީހު ކަނޑައެޅުމުގެ އިތުރުން ދޯހާ އެގްރީމަންޓަކީ، އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުން ދޭ ގައުމުތަކަށް، ނުރައްކަލެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އަލް-ގައިދާ ފަދަ ޖަމާއަތްތަކަށް ބާރު ލިބުނަ ނުދިނުމަށްޓަކާ، ތޯލިބާނުންގެ މައްޗަށް ފިޔަވަޅުތަކެއް ލާޒިމު ކުރި އެއްބަސްވުމެއްވެސްމެއެވެ.

އެމެރިކާގެ ދީފާއި އޮފިޝަލުން މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި ވަނީ، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ، އާމްޑް ސާވިސަސް ކޮމިޓީއަށް ބަޔާން ދެއްވަމުންނެވެ.

މި ރޫހުގައި ވާހަކަ ކުރިއަށް ގެންދަވަމުން ޖެނެރަލް މެކެންޒީ ވަނީ، ދޯހާ އެގްރީމަންޓަކީ، އެ ސަރުކާރަށް ލިބެން އޮތް ހުރިހާ އެހީއަކަށް ނިމުން އަންނާނެ ތާރީހު ބަޔާން ވެވި، ނަފްސާނީ ގޮތުން އަފްގާނިސްތާނުގެ ސަރުކާރަށް އަސަރުތަކެއް ކުރިވި އެއްބަސްވުމެއް ކަމަށް ވިދާޅުވެފައެވެ.

ނޮވެމްބަރި 2020 ގައި އެމެރިކާގައި ކުރިއަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި ޓްރަމްޕަ ބަލިކުރައްވާ، ޖެނުއަރީ 2021 ގައި ވެރިކަމަށް ވަޑައިގެންނެވި ޖޯ ބައިޑަންވެސް ވަނީ ދޯހާ އެގްރީމަންޓް ނަގަހައްޓަވާފައެވެ. ނަމަވެސް ފައުޖުތައް ފައިބަން ކުރިން ހަމަޖެއްސި މެއި 2021ގެ ސުންގަޑި، އޯގަސްޓް 2021ގެ ނިޔަލަށް ފަސް ކުރެއްވީއެވެ.

ދޯހާ އެގްރީމަންޓްގެ އިތުރުން، އަފްގާނިސްތާނުގައި ތިބި އެމެރިކާ ސިފައިންގެ އަދަދު މަދު ކުރުމަށް، ބައިޑަން ކުރެއްވި އަމުރަކީ، އަފްގާނިސްތާން "ކަފުން ކުރުމަށް" ޖަހާލި އިތުރު ގޮށެއް ކަމަށް ޖެނެރަލް މެކެންޒީ ސިފަކުރައްވައެވެ.

އޯގަސްޓް 15 ވަނަ ދުވަހު އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގި ތޯލިބާން ޖަމާއަތުން ވަނީ، އަފްގާނިސްތާނުގެ ފަސްގަނޑަކީ އެއްވެސް ގައުމުތަކަށް ނުރައްކަލާއި ގެއްލުންދެނިވި ފަސްގަނޑަކަށް ނުވާނެ ކަމުގެ ޔަގީން ކަން، ބައިނަލްއަގުވާމީ މުޖުތަމައަށް ދޭ ކަމަށް ބުނެފައެވެ.