އަވަސް މުސްތަގުބަލެއްގައި ނަމަވެސް ނުވަތަ ފަހުން ކަމުގައި ވީ ނަމަވެސް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާނުންގެ ވެރިކަން، އެމެރިކާއިން ކޮންމެވެސް ދުވަހަކުން ބަލައިގަންނަން ޖެހޭނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ތުރުކީވިލާތުގެ ދައުލަތާ ގުޅިފައިވާ ޓިއާރްޓީ ވޯލްޑްއަށް ދެއްވި ބަސްދީގަތުމެއްގައި އިމްރާން ވިދާޅުވީ، އޯގަސްޓް 15 ވަނަ ދުވަހު، ތޯލިބާނުން އަފްގާނިސްތާނުގެ ވެރިކަން ނެގުމާއެކު އެމެރިކާ އަދި އޮތީ "އޮޅުންބޮޅުން ބޮޑުވެ، ޝޮކެއްގައި" ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިމްރާން ވިދާޅުވީ، އެމެރިކާގެ އާންމުން މިހާރު މަސައްކަތް ކުރަމުން ދަނީ، އަފްގާނިސްތާނު މައްސަލާގައި ބަދުނާމުގައި "ގުރުބާން ކުރާނެ" ބޮލެއް ހޯދުމަށް ކަމަށާ، އެ މަސައްކަތުގައި، ރައީސް ޖޯ ބައިޑަންއަށް އެކި ޒާތްޒާތުގެ އަމާޒުތައް ކުރަމުން ދަނީ އިންސާފުން ނޫން ކަމަށެވެ.

ފާޑުކިއާ ފަރާތްތަކުން ބުނާ ގޮތުގައި ތޯލިބާނުންގެ މުށުތެރޭގައި ފިއްތާލެވުނީ، އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުން ދިޔަ އެމެރިކާގެ ފައުޖުތައް އެ ގައުމުން ބޭލުމަށް ބައިޑަން ނިންމެވުމުންނެވެ. އެތައް ގޮތަކުން ޕްރެޝަރު ކުރިމަތިވެވަޑައިގެންނެވި ކަމުގައި ވީ ނަމަވެސް، ބައިޑަން ވަނީ، ސިފައިން ބާލާ ހުސްކުރުމަށް ކަނޑައެޅުއްވި އޯގަސްޓް 31ގެ ސުންގަޑިއަށް އެކަން ކުރައްވާފައެވެ.

ބައެއް ގައުމުތަކުން ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރަމުން އަންނަ ތޯލިބާނުން އަފްގާނިސްތާނުގައި 2 ވަނަ ފަހަރަށް ވެރިކަން ފެށުމާއެކު، އެމެރިކާއާއި އެމެރިކާއަށް އެއްބާރުލުން ދޭ ބައެއް ގައުމުތަކާ ބައިނަލްއަގުވާމީ އިދާރާތަކުން ވަނީ އަފްގާނިސްތާނަށް ދެމުން ދިޔަ އެހީތައް މެދުކަނޑަލާފައެވެ. އަދި އަފްގާނިސްތާނުގެ އެސެޓްތައްވެސް ފްރީޒްކޮށްފައެވެ.

މިކަމަށް އިޝާރާތް ކުރައްވަމުން އިމްރާން ވަނީ، އެމެރިކާއިން ފްރީޒް ކޮށްފައި ވާ އަފްގާނިސްތާނުގެ ރިޒާވަށް ލުއި ނުދީފިނަމަ، ހާލަތު އިންތިހާއަށް ގޯސްވެދާނެ ކަމަށާ، އެ ފަދަ ހާލެއްގައި، އެމެރިކާއިން ހައްލު ހޯދާ ދޭން ޖެހޭނެ ކަމަށެވެ.

ބައިނަލްއަގުވާމީ ފިއްތުންތަކާއެކު އަފްގާނިސްތާނަށް ކުރިމަތިލާން ޖެހޭ އިގުތިސޯދީ އަދި އިންސާނީ ކާރިސާ، ބޯޑަރު ހުރަސްކޮށް ޕާކިސްތާނަށް ބަންޑުންވެދާނެ ކަމުގެ ބިރު، ޕާކިސްތާނުގައި ވަނީ އިންތިހާއަށް ބޮޑުވެފައެވެ. އަފްގާނިސްތާނުގެ 3.5 މިލިއަނެއްހާ ރެފިއުޖީން މިހާރުވެސް ދިރިއުޅެމުން ދަނީ ޕާކިސްތާނުގައެވެ.

އޭނާއަކީ ތޯލިބާންގެ ސަޕޯޓަރެއްތޯ ދެންނެވުނު ސުވާލަށް ޖަވާބު ދެއްވަމުން އިމްރާން ވިދާޅުވީ، އޭނާއަކީ "އަސްކަރީ ހައްލުތަކާ" ދެކޮޅު ބޭފުޅެއް ކަމަށާ، އަފްގާނިސްތާނުގައި އުފެދިފައިވާ މައްސަލައަށް ހައްލެއް ލިބެން އޮތް ހަމައެކަނި ގޮތަކީ، ސުލްހައިގެ މަގު ކަމަށެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިމްރާން ވިދާޅުވީ، ހަމައެކަނި ޕާކިސްތާނުން ތޯލިބާނުން ބަލައިގަނެގެން އަންނާނެ މާ ބޮޑު ބަދަލެއް ނޯންނާނެ ކަމަށެވެ. ނަމަވެސް ސަރަހައްދީ ބާރުތަކާއި އަވަށްޓެރި ގުޅިގެން، މިކަން ބަލައިގަތުމީ ރަނގަޅު ހައްލެއް ކަމަށެވެ.

އިމްރާން ވަނީ، ޕާކިސްތާނުގައި ހަރަކާތްތެރިވަމުންދާ ތޯލިބާނުން ޖަމާއަތް (ޓީޓީޕީ) ގެ ގުރޫޕުތަކާއެކު ސުލްހައިގެ މަޝްވަރާތަކެއް، ޕާކިސްތާނުގެ ސަރުކާރުން މިހާރު ކުރިއަށް ގެންދާ ކަން ހާމަ ކުރައްވާފައެވެ. އަދި މަޝްވަރާތައް ކުރިއަށް ދަނީ އަފްގާނިސްތާނުގައި ކަމަށާ، ސުލްހަ ގާއިމު ކުރެވިއްޖެނަމަ އެ ގުރޫޕަށް "މައާފު" ދެއްވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.