އިންޑޯ-ޔޫރަޕިއަން އާއިލާއަށް ނިސްބަތްވާ ޕަޝްޓޯ ބަހުން "ދަރިވަރުން" ނުވަތަ "ތޯލިބާން"ގެ ނަމުން ނަން ކިޔައިގެން ހަރަކާތެއްގެ ގޮތުގައި މި ޖަމާއަތް އުފެދިގެން އައީ 1990ގެ އަހަރުތަކުގެ ކުރީކޮޅުގައެވެ. އަފްގާނިސްތާނުގައި ތިބި އޭރުގެ ސޯވިއެޓް (މިހާރުގެ ރަޝިއާ) ގެ ފައުޖުތައް އެ ގައުމުން ފޭބުމާ އެކުގައި ހެންނެވެ. ގަބޫލު ކުރެވުނު ގޮތުގައި، އޭރު މި ޖަމާއަތުގެ ހަރަކާތްތައް ހިންގަމުން އައީ ސައުދީ އަރަބިއްޔާއިން ފޯރުކޮށްދިން އެހީއިންނެވެ.

ތޯލިބާނުންގެ ފައުޖު ބޮޑު ކުރަމުން އައީ ޕާކިސްތާނާއި އަފްގާނިސްތާނުގެ ޕަޝްތޫން ސަރަހައްދުތަކުގައި ސުލްހައާއި ހަމަޖެހުން ގާއިމު ކޮށްދޭނެ ކަމުގެ ފޮނި ހުވަފެންތައް ދައްކަމުންނެވެ. ބާރު ލިބުމާއެކު އިސްލާމީ ޝާރިއާ ގާއިމު ކުރާނެ ކަމުގެ ވައުދާއެކުގައެވެ.

އަފްގާނިސްތާންގައި ބާރުގަދަ ކުރުން

ތޯލިބާނުން ދިޔައީ އަފްގާނިސްތާނުގެ ހުޅަނގު ދެކުނު ސަރަހައްދަށް، ހަލުވިކަމާއެކު އަތްގަދަ ކުރަމުންނެވެ. ސެޕްޓެމްބަރު 19956 ގައި، އިރާނާއި އިންވެގެން އޮންނަ ހީރާތު ޕްރޮވިންސް ހިފިއެވެ. އަދި ބަރާބަރު 1 އަހަރު ފަހުން، އަފްގާނިސްތާނުގެ ވެރިރަށް ކާބުލް ހިފާ، ރައީސް ބުރުހާނުއްދީން ރައްބާނީގެ ވެރިކަން ވައްޓާލިއެވެ. 1998 ވަނަ އަހަރާ ހިސާބަށް އާދެވުނުއިރު، މުޅި އަފްގާނިސްތާނުގެ 90 ޕަސެންޓް ކޮންޓްރޯލް އޮތީ ތޯލިބާނުންގެ އަތުގައެވެ.

ޕާކިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާނު ހަނގުރާމަވެރިން ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ޒީނިއުސްނެޓްވާކް

އަފްގާނިސްތާނުގެ ރައްޔިތުންވެސް ދިޔައީ ތޯލިބާނުންނަށް މަރުހަބާ ކިޔަމުންނެވެ. ސަބަބެއް ނެތިއެއް ނޫނެވެ. ކޮރަޕްޝަން ނައްތާލުމާއި ގާނޫނީ ހުސްކަން ދުއްވާލަދިނުން ފަދަ ސަބަބުތަކާއެކުގައެވެ. ތޯލިބާނުންގެ ކޮންޓްރޯލްގައި ވާ ސަރަހައްދުތަކަކީ ސަލާމަތާއި ރައްކާތެރިކަން ލިބިފައި ވާ، ވިޔަފާރި ފުޅާވެގެންދާ މަންޒިލްތަކެއްގެ ގޮތުގައި ތަސްވީރު ވުމުގެ ނަތީޖާއެއްގެ ގޮތުންނެވެ.

ހަރުކަށި ފިކުރު މޫލާ ފަތުރާލުން

އިސްލާމް ދީނަކީ މެދު މިނުގެ ދީނެވެ. ނަމަވެސް، ތޯލިބާނުން ތަންފީޒު ކުރަމުން ދިޔައީ ހަރުކަށި އުސޫލުތަކެކެވެ. އަންހެނުންނަށް މޫނު ބުރުގާ މަޖުބޫރު ކުރިވިއެވެ. އުމުރުން 10 އަހަރު ފުރުމުން، ސްކޫލަށް ހާޒިރުވެގެން އިލްމު ހާސިލު ކުރުމުގެ ދޮރުގައި، އަންހެން ކުދިންނަށް ތަޅުއެޅުވިއެވެ.

ތޯލިބާނުންގެ ވެރިކަމުގައި އަފްގާން އަންހެނުންގެ ބާރުތައް ވަނީ އިންތިހާއަށް ހަނިކޮށްފަ / ފޮޓޯ: ވޮއިސް އޮފް އެމެރިކާ

ތޯލިބާނުންގެ ފަންނުވެރިއަކީ އެ ގައުމު ކަމަށް އަމާޒު ކުރާ ތުހުމަތުތަކަށް ޕާކިސްތާނުން، އޭރުވެސް އަދި މިހާރުވެސް އިންކާރު ކުރެއެވެ. ނަމަވެސް، އަފްގާނިސްތާނުގައި ތޯލިބާނުންގެ ވެރިކަން އޮތް އިރު، އެ ޖަމާއަތް ބަލައިގަތް 3 ގައުމުގެ ތެރޭގައި ޕާކިސްތާން ހިމެނެއެވެ. ދެން ހިމެނެނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) އާއި ސައުދީ އަރަބިއްޔާއެވެ.

ތޯލިބާނުން ވަނީ ޕާކިސްތާނު ގުޑުވާލި އެތައް ޖަރީމާއެއްވެސް ހިންގާފައެވެ. މިފަދަ އެއް ހާދިސާއަކީ، ޕާކިސްތާނުގައި ހަރަކާތްތެރިވާ ތޯލިބާން ގޮފިން، އޮކްޓޯބަރު 2012 ގައި، މާލާލާ ޔޫސުފްޒާއީއަށް ހަމަލާ ދިން ހާދިސާއެވެ. އޭގެ 2 އަހަރު ފަހުން ޕެޝާވަރުގެ ސްކޫލަކަށްވެސް ތޯލިބާނުން ހަމަލާ ދިނެވެ. މި ހަމަލާއަށް ފަހު ތޯލިބާނުންގެ ބާރު އިންތިހާއަށް ކެނޑިގެން ދިޔައެވެ.

ދުނިޔޭގެ ސަމާލުކަން ތޯލިބާނުންނަށް

މުޅި ދުނިޔޭގެ ސަމާލުކަން ތޯލިބާން ޖަމާއަތަށް ހުއްޓުނީ، ސެޕްޓެމްބަރު 11، 2001 ވަނަ ދުވަހު، އެމެރިކާއަށް ދިން ޓެރަރިސްޓް ހަމަލާއަށް ފަހުގައެވެ. ހަމަލާ ދިނުމުގެ އިސް މޭސްތިރި ކަމުގައި ވާ އަލް-ގައިދާގެ އުސާމާ ބިން ލާދިންއަށް ހިމާޔަތް ދެމުން ދިޔައީ ތޯލިބާނުންނަށް ކަމަށް ތުހުމަތު ކުރަން ފެށުނެވެ.

ސެޕްޓެމްބަރު 11، 2001 ވަނަ ދުވަހު އެމެރިކާއަށް ޓެރަރިސްޓް ހަމަލާއަށް ފަހު ވޯލްޑް ޓްރޭޑް ސެންޓަރު ބިމާ ހަމަވެފަ / ފޮޓޯ: ގެޓީ އިމޭޖަޒް

އުޒުރަކަށް މިކަން ހަދާ، އޮކްޓޯބަރު 7، 2001 ގައި އެމެރިކާގެ ގުޅިފައި ވާ ބައިނަލްއަގުވާމީ އަސްކަރީ ފައުޖު އަފްގާނިސްތާނަށް އަރާ، ހަނގުރާމަ ފެށިއެވެ. ޑިސެމްބަރު މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ތޯލިބާނުންގެ ވެރިކަން ވައްޓާލިއެވެ. ނަމަވެސް ތޯލިބާނުންގެ މައި މުގުލުގައި ތިބި ލީޑަރުން ފިލިއެވެ. މުއްލާ މުޙައްމަދު އުމަރާއި އެނޫންވެސް އިސް ލީޑަރުން ހިމާޔަތް ހޯދަމުން ދިޔައީ ޕާކިސްތާނުގައި ކަމަށް ރިޕޯޓްތައް ދިޔައީ ބުނަމުންނެވެ.

އެމެރިކާ ސިފައިން އަރާ، ތޯލިބާނުންގެ ވެރިކަން ވައްޓާލި ނަމަވެސް، އަފްގާނިސްތާނުން ތޯލިބާނުންގެ ނަން ފިލާ ދިއުމުގެ ފުރުސަތެއް އެ ޖަމާއަތަކުން ނުދެއެވެ. ދޭތެރެ ދޭތެރެއިން ބާރު ގަދަކޮށް، ހަމަލާތައް ދެއެވެ. ނަމަވެސް، ސުލްހަ ވެދާނެ ކަމުގެ ކޮޅުމަތި ފެންނަން ފެށީ 2013 ވަނަ އަހަރު، ގަތަރުގައި، ތޯލިބާނުންގެ އޮފީހެއް ހުޅުވާކަން އިއުލާން ކުރި ހިސާބުންނެވެ. އަފްގާނިސްތާނުގައި އޮތް މައި ސަރުކާރާއި ތޯލިބާނުން ސުލްހަވެދާނެ ކަމުގެ ނިޝާންތައް ދިޔައީ ފެންނަމުންނެވެ. ނަމަވެސް ބިލާހެއް ފަދަ ހުވަފެނެއްގެ ގޮތުގައެވެ.

އަލުން އަނބުރާ ކޮންޓްރޯލަށް

ސުލްހައިގެ މަޝްވަރާތައް ދިގުލާ ގޮސް، ކޮޅެއްގައި ނުޖެހި ދެމެމުން ދިޔައެވެ. ދެން އައީ ހުއްޓުމަކަށެވެ. ސުލްހައިގެ މަޝްވަރާތައް އަލުން ފެށުމަށް ބައިނަލްއަގުވާމީ މުޖުތަމައުން ކުރަމުން ދިޔަ މަސައްކަތްތައް ކާމިޔާބު ނުވެ އުޅެނިކޮށް، އެމެރިކާ ސިފައިން އަފްގާނިސްތާނުން ފައިބަން ނިންމާ، އޯގަސްޓް 31، 2021 ވަނަ ދުވަހަކީ އެކަން ކުރާނެ ސުންގަޑި ކަމުގައި ކަނޑައެޅިއެވެ.

އަފްގާނިސްތާނުން ފޭބި އެމެރިކާ ސިފައިންގެ އެންމެ ފަހު މީހާ، މޭޖާ ޖެނެރަލް ޑޮނަހިއު/ ފޮޓޯ: އެމެރިކާގެ ދިފާއީ ވުޒާރާ

މިކަން ވީ ތޯލިބާނުންނަށް ލިބުނު އެ ފަދަ ދެވަނައެއް ނެތް ހިތްވަރަކަށެވެ. ތޯލިބާނުންގެ ބާރާ އަޅާ ބަލާއިރު ލުއި ގޮތަކަށް ހަނގުރާމަ ކޮށް، މުޅި އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާ، ސަރުކާރު ވައްޓާލީ އޯގަސްޓް 15، 2021 ވަނަ ދުވަހުއެވެ. ބުނަމުން ދިޔައީ އެއީ ބަދަލުވެފައި ވާ ޖަމާއަތެއް ކަމަށެވެ. ހައްގުތަކަށް އިހުތިރާމް ކުރާނެ ޖަމާއަތެއް ކަމަށެވެ.

ސައުދީއާއި އެކުވެރި އަރަބި އިމާރާތް އަދި ޕާކިސްތާނަކީ އެންމެ ކުރީއްސުރެވެސް ތޯލިބާނުންނަށް އެއްބާރުލުން ދެމުން ދިޔަ ގައުމުތަކެވެ. ރަސްމީ ސިފައެއްގައި ގުޅުން ކަނޑާލި ނަމަވެސް، އެހީގެ ޗޭނަށް ނިމުން ނާންނަ ކަމަށް ބުނެވެއެވެ. ނަމަވެސް މި ލިސްޓަށް ފަހުން އިތުރުވި ގައުމުތަކެއްވެސް އެބަހުއްޓެވެ.

ތޯލިބާނާއި ތުރުކީގެ މަޝްވަރާ

އެމެރިކާގެ އަސްކަރީ ފައުޖުތަކާއެކު އަފްގާނިސްތާނުގެ ފަސްގަނޑުގައި ހަރަކާތްތެރިވި އެއް ބަޔަކީ ތުރުކީވިލާތެވެ. އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބުމާ ދިމާކޮށް، އަފްގާނިސްތާނުގައި މަސްރަހު އިންތިހާއަށް ގޯސްވެގެން ދިޔައިރު، އެކަމަށް ހައްލެއް ލިބޭތޯ ތޯލިބާނުންނާއެކު އެންމެ ގާތުން މަޝްވަރާ ކުރަމުން ދިޔަ އެއް ގައުމަކީވެސް ތުރުކީވިލާތެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާން/ފޮޓޯ: ގެޓީއިމޭޖަޒް

ތުރުކީވިލާތުގެ ރައީސް ރަޖަބް ތޮއްޔިބު އުރުގާން ވަނީ، ތޯލިބާން ލީޑަރުންގެ ފަރާތުން ލިބުނު މެސެޖު ބަލައިގެންނެވީ، ސަމާލުވެވަޑައިގެން ހުންނެވި އުއްމީދީ ރޫހެއްގައި ކަމަށެވެ. އަދި މަޝްވަރާ ކުރާނެ ބަޔަކު ކަނޑައެޅުމުގައި އެއްވެސް މީހެއްގެ ހުއްދަ ހޯއްދަވަން ޖެހިވަޑައިނުގަންނަވާނެ ކަމަށްވެސް އުރުގާން ވަނީ ވިދާޅުވެފައެވެ.

ތޯލިބާނުންނާއެކު މަޝްވަރާ ކުރިއަށް ގެންދެވުމުން އަމާޒުވި ފާޑުކިއުންތަކަށް ރައްދު ދެއްވަމުން އުރުދުގާން ވިދާޅުވީ، އެއީ ޑިޕްލޮމަސީ ކަމަށެވެ. އަފްގާނިސްތާނުގެ އެއްބައިވަންތަ ކަމަށް ބޭނުންވާ ކޮންމެ އެހީއެއްވެސް ތުރުކީވިލާތުން ދޭނެ ކަމަށް އުރުދުގާން ވަނީ ވިދާޅުވެފައެވެ. އަފްގާނިސްތާނާއި ތުރުކީގެ ގުޅުންތައް ދިރާސާ ކުރަމުން ގެންދަވާ ޕްރޮފެސާ އަހުމަދު ގާސިމް ހާން ވިދާޅުވާ ގޮތުގައި، ތޯލިބާނުން ބާރުގައި ދެމިއޮތުމަށް ބޭނުންވާ ޔަގީންކަން، ރަޝިއާއާއި ޗައިނާއަށްވުރެ ބޮޑަށް، ތުރުކީވިލާތަށް ދެވިދާނެއެވެ.

އަބުރު، ވެއްޔާ މޮޑެވުން

ތޯލިބާން ޖަމާއަތުން ކާބުލް ހިފި ހިސާބުން، އެ ޖަމާއަތާއެކު ކޮންމެވެސް ވަރެއްގެ ގުޅުންތަކެއް ބޭއްވޭތޯ އެކި ގައުމުތަކުން ދިޔައީ މަސައްކަތް ކުރަމުންނެވެ. މިކަން ކުރީ، ދޯހާ މަގުންނެވެ. ޕްރޮފެސާ ހާން ވިދާޅުވާ ގޮތުގައި މިކަމުގައިވެސް ތުރުކީވިލާތުން އުޅެނީ ކުރީގައެވެ. ތޯލިބާނުންނާ ގުޅުން ބޭއްވުމަކީ، އުރުދުގާންގެ ހާރިޖީ ރާޒުވާ ކުޅިބައި އިތުރަށް ފަތުރާލުމަށް ލިބިވަޑައިގެންފައި ވާ ފުރުސަތެއް ކަމަށް ޕްރޮފެސާ ހާން ވަނީ ސިފަކުރައްވާފައެވެ.

އަފްޣާނިސްތާނުގެ ކުރީގެ ހާރިޖީ ވަޒީރުގެ ނައިބު އަހުމަދު ޚަލީލު ކަރުޒާއީ (ވ) އަދި ތޯލިބާނުންގެ އިސް މަންދޫބު ޝޭރު މުޙައްމަދު ޢައްބަސް ސްޓަނަކްޒާއީ ގަތަރުގެ ވެރިރަށް ދޯހާގައި ސުލްހައިގެ މަޝްވަރާގެ މާލަށް ވަޑައިގަންނަވަނީ/ފޮޓޯ: ސޮރީން ފުރުކޯއީ

ދެން އޮތީ ގަތަރުގެ ވާހަކައެވެ. މީގެ ކުރިން ތޯލިބާނުންނަށް އެންމެ ފާޅުގައި މަޝްވަރާގެ ޗެނަލްތައް ހުޅުވާ ދެމުން ދިޔަ ގައުމަކީ ގަތަރު ކަމުގައި ވީ ނަމަވެސް، ގަތަރު ދައުރު ފަނޑުވެގެން ދާނެ ކަމަށް ލަފާ ކުރެވެއެވެ. ހައްދު ފަހަނައަޅާފައި ވާ ހަނގުރާމަވެރިންނާ އެއްބައި ވާ ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުގައި ގަތަރުގެ އަބުރު ވެއްޔާ މޮޑެވުނެވެ. ނަމަވެސް، ގަތަރުން އަދިވެސް ދަނީ، ބައިނަލްއަގުވާމީ ދުނިޔެއާއި ތޯލިބާނުން ގުޅުވާ ދިނުމަށް މަސައްކަތްތަކެއް ކުރަމުން ކަން ފޮރުވޭކަށް ނެތެވެ.

ތުރުކީވިލާތާއި ގަތަރުގެ މައްޗަށް ކުރި ހޯދާ، ތޯލިބާނުންގެ އެންމެ ގާތް އެކުވެރިއަކަށް ވުމުގެ ރޭހުގައި އެންމެ ހަލުވިކޮށް އުޅޭތީ މިހާރު ފެންނަނީ ޗައިނާއާއި ރަޝިއާއެވެ. މި އުފެދުނީ އަނެއްކާވެސް އަނެއް ކޯޅުން ކަމެވެ.

އެމެރިކާއާއި ޗައިނާގެ ވާދަވެރިކަން

އެމެރިކާގެ ތާރީހުގައިވެސް އެ ގައުމުން ކުރި އެންމެ ދިގު ހަނގުރާމަ ނިންމާލުފަހު އެ ގައުމުގެއަސްކަރީ ފައުޖުތައް އަފްގާނިސްތާނުން ފައިބާފައި ވާއިރު، އެއް ގޮތަށް ވުރެ ގިނަ ގޮތުން ސުންނާފަތި ވެފައި ވާ އަފްގާނިސްތާނުގައި އުފެދިފައި ވާ "ހުސްކަން ފަޅު ފިލުވާލުމަށް" އެންމެ ހުށިޔާރު ކަމާއެކު ކަޅި އަޅަމުން އަންނަ އެއް ގައުމަކީ ޗައިނާއޭ ދެންނެވުމަކުން ގޯހެއް ނެތެވެ. އަފްގާނިސްތާނަކީ، އޭޝިއާ ސަރަހައްދުގެ ކޮންޓްރޯލް ނެގުމަށް ޗައިނާއިން ކުޅެމުން އަންނަ ކުޅިގަނޑުގައި މަދުވާ މައިދާނުގެ ގޮތުގައި ވެސް ސިފަކުރެވިދާނެއެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާނުންގެ އިސް އޮފިޝަލު މުއްލާ ބަރާދަރު (ވ) އަދި ޗައިނާގެ ފޮރިން މިނިސްޓަރު ވޭންގް ޔީ / ފޮޓޯ: އެންޕީއާރް

އެމެރިކާ ސިފައިން އަފްގާނިސްތާނުން ފޭބި ހައްސާސީ ވަގުތުގައި، އެމެރިކާގެ އަސްކަރީ މަތިންދާ ބޯޓުން އާންމުންގެ މީހުން ވެއްޓި މަރުވާ މަންޒަރު ފެންނަ ވީޑީއޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވާން ފެށުމާއެކު، އެންމެ ހަރު އަޑުން އެމެރިކާއަށް ފާޑުކިއުން އަމާޒު ކުރި ގައުމަކީވެސް ޗައިނާއެވެ. އަފްގާނިސްތާނުގެ ރެފިއުޖީންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އެމެރިކާ ފެއިލްވި މަންޒަރު، އެންމެ ސާފުކޮށް ދުނިޔެއަށް ދައްކާ ދިނުމުގައި ޗައިނާ އޮތީ އެންމެ ކުރީގައެވެ.

ދުވަސްތަކަކަށް ދެމިގެން ދިޔަ ލުއިލުއި ކުރިމަތިލުންތަކަކަށް ފަހު، މުޅި އަފްގާނިސްތާނުގެ ކޮންޓްރޯލް، ހަތިޔާރުއެޅީ ހަނގުރާމަވެރި ތޯލިބާނުންގެ މުށުތެރެއަށް ލާ ފިއްތާލީ، އޯގަސްޓް 15، 2021 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ޖެހިގެން އައި 2 ހަފުތާއެއްހާ ދުވަސް، އެމެރިކާގެ އަސްކަރީ ފައުޖުތަކުން އަވަދި ނެތި މަސައްކަތް ކުރަމުން ދިޔައި "ނުރައްކަލުގައި" ތިބި އަފްގާނިސްތާނުގެ ރައްޔިތުންނާއި، އަފްގާނިސްތާނުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން، އަފްގާނިސްތާނުން ބޭލުމަށެވެ.

އަފްގާނިސްތާނުގެ ސަލާމަތްތެރިކަމާއި ހަމަނުޖެހުން އެތައް ފަހަރަކު ނަގާލި ތޯލިބާނުންގެ ކޮންޓްރޯލްގެ ދަށަށް މުޅި އަފްގާނިސްތާން ގެންދިއުމާއެކު، އަފްގާނިސްތާނުގެ ރަހުމަތްތެރި ގުޅުންތަކެއް ގާއިމު ކުރަން ބޭނުން ކަމަށް ބުނެ، ބައިނަލްއަގުވާމީ މުޖުތަމައުން އެންމެ ފުރަތަމަ ބަޔާން އާންމު ކުރި ފަރާތްތަކުގެ ތެރޭގައި ޗައިނާ ހިމެނެއެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާނުންގެ ހަނގުރާމަވެރިއެއް (ކ3)، އަފްގާނިސްތާނުގެ އާންމުންނާއެކު / ފޮޓޯ: އޭއެފްޕީ

އަފްގާނިސްތާނުގެ ވެރިކަން ނަގާފައިވާ ތޯލިބާނުންނާ މުޅި ބައިނަލްއަގުވާމީ މުޖުތަމައުވެސް ޝާމިލުވާން ޖެހޭ ކަމަށާ، ތޯލިބާނުގެ ވެރިންނަށް، އެދެވޭ ރޫހެއްގައި މުޅި ދުނިޔެއިންވެސް އިރުޝާދު ދޭން ޖެހޭ ކަމަށް، ޗައިނާގެ ސްޓޭޓް ކައުންސިލާ އަދި ފޮރިން މިނިސްޓަރު ވޭންގް ޔީ ވަނީ ވިދާޅުވެފައެވެ.

އަފްގާނިސްތާނަށް ބޭނުންވާ އިގުތިސޯދީ އަދި އިންސާނީ އެހީ ފޯރުކޮށްދިނުމުގައި، ބައިނަލްއަގުވާމީ މުޖުތަމައާއެކު އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށާ، އާންމު އުސޫލުން ވެރިކަން ހިންގުމަށް، އަފްގާނިސްތާނުގެ އާ ސަރުޚާރަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހޭ ކަމަށްވެސް ވޭންގް ވަނީ ވިދާޅުވެފައެވެ. އަދި އިޖުތިމާއީ ހަމަޖެހުން ގާއިމު ކޮށް، އަފްގާނިސްތާނު ފައިސާގެ އަގު ދަށްވިޔަ ނުދީ ހިފަހައްޓާ، ދިރިއުޅުމުގެ ހަރަދުތައް ކޮންޓްރޯލް ކުރުމަށްވެސް ބައިނަލްއަގުވާމީ މުޖުތަމައާއެކު އެމެރިކާގެ ސަރުކާރުން މަސައްކަތް ކުރުމަށް ވޭންގް ޔީ ވަނީ ބްލިންކެންއަށް ދަންނަވާފައެވެ.

އިސްތިރާޖު ވަޒަން ކުރާ ކައްޓާ ފެއިލްވީތަ؟

އަފްގާނިސްތާނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދީ، ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކޮށް، އެ ގައުމުގައި ހިންގަމުންދާ ހަމަނުޖެހުންތައް ހުއްޓުވުމުގައި އެމެރިކާއިން، އަފްގާނިސްތާނުގެ އިސްތިގުލާލަށް އިހުތިރާމް ކުރަން ޖެހޭ ކަމަށާ، ޓެރަރިޒާމާ ގުޅުން ހުރި ކަންކަމުގައި އެމެރިކާއިން ދެފުށް ދެގޮތް އުސޫލު ދޫކޮށްލަން ޖެހޭ ކަމަށްވެސް ވޭންގް ވަނީ ވިދާޅުވެފައެވެ.

އެމެރިކާގެ 46 ވަނަ ރައީސް ޖޯ ބައިޑަން، ރިޔާސީ ގަރާރުތަކެއްގައި ސޮއި ކުރެއްވުމުގެ ތެރެއިން / ފޮޓޯ: ނިއުސްޑޮޓްކޮމް

މިހާ ހިސާބުން އުފެދޭ ސުވާލަކީ، އެމެރިކާއިން އަފްގާނިސްތާނު ދޫކޮށްލުމަށް ނިންމި ވަގުތަކީ، އެކަމަށް އެންމެ އެކަށީގެން ވާ ވަގުތޯ ނުވަތަ ނޫންތޯ ވިލަރެސް ކުރުމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރާމްޕާއި މިހާރުގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ކުރިތޯ އުފެދޭ ސުވާލެކެވެ. އުފެދިދާނެ އިސްތިރާޖީ ހައިޖާނަކާ މެދު، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ކަމަށް ވަކާލާތު ކުރާ އެމެރިކާއިން ވިސްނިތޯ ކުރެވޭ ސުވާލެވެ.

ބައިނަލްއަގުވާމީ މަސްރަހުގެ ހަރަކާތްތައް ދިރާސާ ކުރަމުން އަންނަ ފަރާތްތަކުން ބުނާ ގޮތުގައި، އަފްގާނިސްތާނުގެ "ދޮރުމަތީ" ގައި އޮތް ރަޝިއާއާއި ޗައިނާއަކީ އެމެރިކާގެ ބައިނަލްއަގުވާމީ އަދުއްވީ-ވާދަވެރިން ކަމު ވީ ހިނދު، އެ ގުޅުން އިންތިހާއަށް ނުތަނަވަސް ވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއިން އަފްގާނިސްތާނު ދޫކޮށް ފޭބުމަކީ، އެމެރިކާއަށް އެޅުނު "ޅަ އެއްޗެކެވެ". އަފްގާން ހަނގުރާމަ ފެއްޓެވި އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްވެސް ވިދާޅުވަނީ، މިއީ އެމެރިކާއަށް ހެދުނު ގޯހެއް ކަމަށެވެ.

ޓެރަރިޒަމާ ދެކޮޅަށް ކަމަށް ވިދާޅުވެ އަފްގާނިސްތާނުގައި ހަނގުރާމަ ފެއްޓެވި އެމެރިކާގެ ކުރިގެ ރައީސް ޖޯޖް ޑަބްލިއު ބުޝް / ފޮޓޯ: އޭބީސީ ނިއުސް

އެހެން ގައުމެއްގެ ފަސްގަނޑުގައި ގިނަ ބައެއްގެ ލޭ އޮހުރުވާ، އެތައް ބިލިއަން ޑޮލަރެއް ހަރަދު ކުރުމަށް ފަހުގައިވެސް، އެ ބަޔަކާ ދެކޮޅަށް އެމެރިކާއިން ހަނގުރާމަ ކުރި ހަތިޔާރުއެޅި ހަނގުރާމަވެރިންގެ އަތް މައްޗަށް އަފްގާނިސްތާން ދޫކޮށްލުމަށްފަހު، އެމެރިކާއިން އަފްގާނިސްތާނުން ފައިބައިގެން ދިއުމުން، އެމެރިކާގެ ރައްޔިތުންވެސް ދަނީ އެކަމަށް ފާޑުކިޔަމުންނެވެ. ބައިޑަންގެ ސަރުކާރުގެ މަގުބޫލު ކަމަށްވެސް އެކަމުން އަސަރު ކުރުވިއެވެ.

ޕާކިސްތާނާ އޮތީ ކޮން ގުޅުމެއް؟

ޕާކިސްތާނަކީ އެ ޖަމާއަތުގެ "ދެވަނަ ވަޒަން" ނުވަތަ ގެދޮރު ކަމަށް، އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ހަތިޔާރުއެޅި ޓެރަރިސްޓް، ތޯލިބާން ޖަމާއަތުގެ ތަރުޖަމާނުގެ ގޮތުގައި މީޑިއާއާ ވާހަކަދައްކަމުން އަންނަ ޒަބީއުއްލޯ މުޖާހިދު ވަނީ ބުނެފައެވެ. މި މޭރުމުން ވާހަކަދައްކަމުން މުޖާހިދު ވަނީ، އަފްގާނިސްތާނުގެ ކޮންޓްރޯލް ނެގުމުގައިވެސް ޕާކިސްތާނުގެ ދައުރެއް އޮތް ކަމަށް ބުނެފައެވެ. ނަމަވެސް ތޯލިބާނުންގެ ކަންކަމާ ޕާކިސްތާނުން "ނުބެހޭ" ކަމަށްވެސް އޭނާ ވަނީ ފާހަގަ ކޮށްފައެވެ.

މުޖާހިދު އިތުރަށް ބުނީ ހުރިހާ ގައުމަކާއެކުވެސް ރަނގަޅު ގުޅުމެއް ބާއްވަން ބޭނުން ވާ ކަމަށާ، އެ ގައުމުތަކުގެ ތެރޭގައި އިންޑިއާވެސް ހިމެނޭ ކަމަށެވެ. އަދި އިންޑިއާއާއި ޕާކިސްތާން ސުލްހަ ވުމަށްވެސް މުޖާހިދު ވަނީ ގޮވާލާފައެވެ.

ތޯލިބާނުންގެ ތަރުޖަމާނުގެ ގޮތުގައި މީޑިއާއާ ވާހަކަދައްކަމުން އަންނަ ޒަބީއުއްލޯ މުޖާހިދު / ފޮޓޯ: އާރްއެފްއައި

ޕާކިސްތާންގެ އޭއާރްވައި ނިއުސްއާ ވާހަކަދައްކަމުން މުޖާހިދު ވަނީ، ސިޔާސަތުތައް އެކުލަވާލާއިރު، އަފްގާނިސްތާނުގެ މަސްލަހަތާ މެދު އިންޑިއާއިން ވިސްނާނެ ކަމަށް އުއްމީދު ކުރާ ކަމަށްވެސް ބުނެފައެވެ.

އަފްގާނިސްތާނާއި ޕާކިސްތާނަކީ ބޯޑަރު ހިއްސާ ކުރާ ދެ ގައުމު ކަމަށާ، ދީނަށް ބަލާއިރުވެސް ދެ ގައުމުގެ ގުޅުންތަކެއް އެބަހުރި ކަމަށް ބުނެ، މުޖާހިދު ވަނީ، ޕާކިސްތާނާއެކު ގުޅުން އިތުރަށް ބަދަހި ކުރަން އެދިގެން ތިބި ކަންވެސް ހާމަކޮށްފައެވެ.

އަފްގާނިސްތާނުގައި އަނެއްކާވެސް ޓެރަރިޒަމްގެ ހަރަކާތްތައް މޫލާފާނެތޯ ކުރި ސުވާލަށް ޖަވާބު ދެމުން މުޖާހިދު ވަނީ، އަފްގާނިސްތާނުގެ ފަސްގަނޑަކީ އެހެން އެއްވެސް ގައުމަކާ ދެކޮޅަށް ބޭނުން ކުރާނެ ފަސްގަނޑެއް ނޫން ކަން ކުރިންވެސް ބަޔާން ކޮށްފައި ވާނެ ކަމަށް ބުނެފައެވެ. އަދި އައިސިސް ޖަމާއަތުގެ ހިލަމެއް، އަފްގާނިސްތާނުގައި ނެތް ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ޕާކިސްތާނުން ބުނަނީ ކީކޭ؟

ތޯލިބާން ޖަމާއަތުން އަފްގާނިސްތާނުގައި ހިންގަމުންދާ ކަންކަމަށް، ޕާކިސްތާނުގެ ސަރުކާރު، ޒިންމާދާރު ނުކުރެވޭނެ ކަމަށް، ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވަނީ ވިދާޅުވެފައެވެ. އިމްރާން ވަނީ، ޕާކިސްތާނުގެ ސަރުކާރަކީ، ތޯލިބާން ޖަމާއަތުގެ ތަރުޖަމާނު ނޫން ކަމަށްވެސް ވިދާޅުވެފައެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިމްރާން ވަނީ، އަފްގާނިސްތާނުގެ ރައްޔިތުން ހިޔާރު ކުރާ ކޮންމެ ބަޔަކާއެކުގައިވެސް ޕާކިސްތާނުން ރަނގަޅު ގުޅުންތަކެއް ދަމަހައްޓާނެ ކަމަށެވެ.

ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން / ފޮޓޯ: އިންޑިއާ ވެސްޓް

އަފްގާނިސްތާނުގައި ހިންގަމުންދާ ކަންކަމުން ހަވާސާވެވަޑައިގަތުމަށް މަސައްކަތް ކުރެއްވުމުގެ ރޫހުގައި ވާހަކަދައްކަވަމުން އިމްރާން ވަނީ، އެދިވަޑައިގަންނަވާހާވެސް ކަމަކީ، އަފްގާނިސްތާނުގައި ސުލްހަ ގާއިމުވުން ކަމަށް ވިދާޅުވެފައެވެ.

ހޯދާނީ އަސްކަރީ ހައްލެއްތޯ ނުވަތަ ހުރިހާ ފަރާތެއްގެ ބައިވެރިވުން އެކުލެވިގެންވާ ގުޅިފައިވާ ސަރުކާރަކަށް މަގުފަހި ކުރާ ސިޔާސީ ހައްލެއްތޯ ހިޔާރު ކުރާނީ އަފްގާނިސްތާނުގެ ރައްޔިތުން ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ދިފާއަށް ކުޅުއްވުމުގެ ރޫހެއްގައި ވާހަކަފުޅު ކުރިއަށް ގެންދަވަމުން އިމްރާން ވިދާޅުވީ، އަފްގާނިސްތާނުގެ 3 މިލިއަނެއްހާ ރެފިއުޖީން ޕާކިސްތާންގައި އެބަތިބި ކަމަށާ، އޭގެ ތެރޭގައި ގިނައި ޕަޝްތޫންސް ކަމަށާ، އެމީހުންނަކީ، ތޯލިބާނުންނަށް ހަމްދަރުދީ ވާ ބައެއް ކަމަށެވެ. ދުވާލެއްގެ މައްޗަށް 30000 އެއްހާ މީހުން ބޯޑަރު ހުރަސްކުރާއިރު، އަފްގާނިސްތާނުގައި ކުރާ ހަނގުރާމައަށް ދަނީ އަދި ނުދަނީ ކޮން ބައެއްތޯ ބަލަނީ ކިހިނަކުންތޯވެސް އިމްރާން ވަނީ ސުވާލު ކުރައްވާފައެވެ.

އަފްގާނިސްތާނުގައި ދާހިލީ ހަނގުރާމައެއް ކުރުމަކީ، އެ ކަމުގައި ޕާކިސްތާނުގެ މަސްލަހަތު އޮތް ކަމެއް ނޫން ކަމަށާ، ބަޔަކު ލައްވާ، އަފްގާނިސްތާނުގެ ވެރިކަން އަތުލުމުގައި ޕާކިސްތާނަށް އޮތީ ކޮން ފައިދާއެއްތޯ ވެސް އިމްރާން ވަނީ ސުވާލު ކުރައްވާފައެވެ.

ޕާކިސްތާން ސަރުކާރަކީ، ތޯލިބާން ޖަމާއަތަށް އެއްބާރުލުން ދޭ ބައެއް ކަމުގެ ތުހުމަތު، ތަކުރާރުކޮށް ވަނީ ފެންމަތިވެފައެވެ. ހަމަ މިއާއެކު ޕާކިސްތާނުގެ އޮފިޝަލުންވެސް ގެންދަވަނީ، އަފްގާނިސްތާނުގެ ސުލްހަ މަޑުޖެހުމަކީ ޕާކިސްތާނުން އެކަމުގެ ޒިންމާ އުފުފުލާނެ ކަމެއް ނޫން ކަމަށް ވިދާޅުވެ، ދިފާއު ހޯއްދަވަމުންނެވެ.

ހަމަ ހަގީގަތުގައިވެސް ރާގު ބަދަލު ވީތަ؟

ސުލްހައިގެ އިމުގެ ތެރެއިން ތޯލިބާނުންނާއެކު މަޝްވަރާ ކުރާނެ ކަމަށް އެމެރިކާއާއި ބައެއް ބާރުތަކުން ބުނާއިރު، ތޯލިބާނުންގެ ސަރުކާރެއް ބަލައިގަތުމާ މެދު ގޮތެއް ނުނިންމާ، އަވަށްޓެރިޔާ ބުނާ އެއްޗެއްގެ އިންތިޒާރުގައިވެސް ބައެއް ގައުމުތަކުން އަނގަ ބަންދު ކޮށްގެން އެބައޮތެވެ.

އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައިވާ ތޯލިބާނުންގެ ޒުވާން ހަނގުރާމަވެރިން / ފޮޓޯ: އޭއެފްޕީ

ދެކެވި ދިޔަ ވާހަކަތަކަށް ބަލާއިރު، ތޯލިބާނުންނާ މެދު އިހު ދެކުނު ގޮތް ބަދަލު ކުރި ގައުމެއް އޮތް ކަމަކަށް ނުފެނެއެވެ. އޭރުވެސް އަދި މިހާރުވެސް ތޯލިބާނުންނަށް އެއްބާރުލުން ދީ، ބާރެއްގެ ގޮތުގައި އެ ޖަމާއަތް ނަހަގައްޓަން މަސައްކަތް ކުރަމުން ދަނީ އެއް ބައެކެވެ.

ބަދަލުވީ ރާގެއް ނޫނެވެ. ރާގަށް ދިން ނަމެވެ. "ޑިޕްލޮމަސީ"އެވެ.