އަފްގާނިސްތާނުގައި ގާއިމު ކޮށްފައި ވާ އެ ޖަމާއަތުގެ ވެރިކަމާ ތޮޅި، ވެރި ކަމަށް ލޮޅުން އަރުވަން މަސައްކަތް ނުކުރުމަށް، ހަތިޔާރު އެޅި ހަނގުރާމަވެރި ތޯލިބާން ޖަމާއަތުން، އެމެރިކާއަށް އިންޒާރު ކޮށްފިއެވެ.

ތޯލިބާނުން މިފަދަ އިންޒާރެއް އެމެރިކާއަށް ދީފައި ވަނީ، އަފްގާނިސްތާނު ހަނގުރާމަ ނިންމާލުމަށްފަހު އެ ގައުމުން އެމެރިކާ ސިފައިން ފައިބައިގެން ދިޔަ ފަހުން، ދެ ބައި މީހުންގެ މެދުގައި ފުރަތަމަ ފަހަތަށް ކުރިއަށް ގެންދިޔަ ސީދާ މަޝްވަރާތަކުގައި ކަމަށް، ތޯލިބާން ސަރުކާރުގެ ފޮރިން މިނިސްޓަރު އާމިރު ހާން މުއްތަގީއާ ހަވާލާދީ އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.

ގަތަރުގެ ވެރިރަށް ދޯހާގައި ކުރިއަށް ގެންދިޔަ މަޝްވަރާތަކަށް ފަހު ވާހަކަ ދައްކަމުން މުއްތަގީ ވަނީ، އަފްގާނިސްތާނުގައި އޮތް ވެރިކަން ގުޑުވާލަން އެމެރިކާއިން މަސައްކަތް ކުރުމަކީ، އެއްވެސް ބަޔަކަށް އެ ކަމުގައި ހެވެއް އޮތް ކަމަކަށް ނުވާނެ ކަމަށް އެމެރިކާއަށް އަންގާފައި ވާނެ ކަމަށް ބުނެފައެވެ.

ރެކޯޑްކޮށްގެން ދިން އެ ބަޔާނުގައި މުއްތަގީ ވަނީ، އަފްގާނިސްތާނާއެކު ރަނގަޅު ގުޅުމެއް ބޭއްވުމަކީ ހުރިހާ އެންމެނަށްވެސް އެ ކަމުގައި ރަނގަޅު ކަންތައްތަކެއް އެކުލެވޭ ކަމެއް ކަމަށާ، އަފްގާނިސްތާނުގެ ސަރުކާރު ބަލިކަށި ކުރުމަކީ އެންމެނަށްވެސް މައްސަލަތަކާ ކުރިމަތި ކުރުވާނެ ކަމެއް ކަމަށް އިންޒާރު ކޮށްފައެވެ.

މި މަޝްވަރާތަކާ ގުޅިގެން، އެމެރިކާގެ ފަރާތުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ނަމަވެސް އެމެރިކާގެ ފޮރިން މިނިސްޓްރީން ވަނީ، އަފްގާނިސްތާނުގައި އިންސާނީ ހައްގުތައް ގާއިމުކޮށް، އާބާދީނިސްބަތުން ބައިމަދު މީހުންގެ ހައްގުތައްވެސް ކަށަވަރު ވާނެ ކަން ޔަގީން ކުރުމަށް، ތޯލިބާނުންނަށް ބާރު އަޅާނެ ކަން ހާމަކޮށްފައެވެ.