2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 20 ވަނަ ދުވަހުން ފަށައިގެން އެމެރިކާގެ ވެރިކަމުގައި ހުންނަ ވަނީ އޭނާ ނޫން ކަމަށް ވިދާވުމާ "އިންޗިއެއް ހާ ތަން" ގާތް ވެވަޑައިގަތުމަށް ފަހު، އެމެރިކާގެ އަދުގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވާހަކަފުޅު ބައްދަލު ކުރައްވައިފިއެވެ.

މި މަހު ކުރީކޮޅު އެމެރިކާގައި ކުރިއަށް ގެންދިޔަ ފޯރިގަދަ ރިޔާސީ އިންތިހާބުގައި، ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފެއިލްވެވަޑައިގެންނެވި ޓްރަމްޕް، މި ފަހުގެ ތާރީހެއްގައި އާންމު ކޮށް ދެއްވި ފުރަތަމަ ތަގުރީރުގައި، ވައިޓްހައުސްގެ ރޯޒް ގާޑަންގައި ހުންނަވާ، ވާހަކަފުޅު ދައްކަވަމުން ވަނީ، އޭނާގެ ސަރުކާރުން ދެން އިތުރު ލޮކްޑައުންއެއް އިއުލާން ނުކުރައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

"އަޅުގަނޑެއް ނޫން... މި ސަރުކާރުން ދެން އިތުރު ލޮކްޑައުންއަކަށް ނުދާނެ. ކުރިއަށް އޮތް ތަނުގައި ވާނެ ގޮތެއް ވާނެ... ދެން އަންނާނީ ކޮން ސަރުކާރެއް ކަމެއް އެނގެނީ ކާކަށް؟ ވަގުތު ޖެހުނީމަ އެނގޭނެ. އެކަމަކުވެސް ދަންނަވާފާނަން، މި ސަރުކާރަކުން ދެން އިތުރު ލޮކްޑައުން އަކަށް ނުދާނެ" ޓްރަމްޕް ވިދާޅުވިއެވެ.

އެމެރިކާގެ ވެރިކަމުން ދެން ފެނިގެންދާނީ ތަފާތު ސަރުކާރެއް ކަން ނުސީދާ ގޮތެއްގައި ދޭހަވުމާ ގާތަށް، ޓްރަމްޕްގެ ވާހަކަފުޅު ބައްޓަން ކުރެއްވި ނުވަތަ ކުރެއްވުނު މިއީ ފުރަތަމަ ފަހަރެވެ. އިންތިހާބުގައި، އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓު، ޖޯ ބައިޑަންއަށް ކާމިޔާބީ ލިބިވަޑައިގެންފި ކަން ގަބޫލުކުރެއްވުމަށް ޓްރަމްޕް އަދިވެސް ގެންދަވަނީ ފާޅުގައި އިންކާރު ކުރައްވަމުންނެވެ.

މިހާލަތުގައި އިތުރު ލޮކްޑައުންއަކަށް ނުދާނެ ކަމަށް ޓްރަމްޕް ވިދާޅުވާއިރު، އެމެރިކާގައި ބަލި ޖެހުނު މީހުންގެ އަދަދު 10 މިލިއަންގެ ފާހަގަ، މިދިޔަ ހޯމަ ދުވަހު ހުރަސް ކުރި ފަހުން އެކަނިވެސް، އިތުރު ބައި މިލިއަނަށް ވުރެ ގިނަ މީހުން ވަނީ އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. ކޮވިޑް-19އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 100000 އަށްވުރެ މަތިން އެމެރިކާއިން ރިޕޯޓް ކުރަމުން އަންނަތާ މިހާރު، ވިދިވިދިގެން 10 ދުވަސް ވެއްޖެއެވެ.