ސައުދީ އަރަބިއްޔާގެ ސަލާމަތަށް ނުރައްކާ ކުރުވަނިވި، ހަރުކަށިފިކުރުގެ މީހުންނާ ދެކޮޅަށް އެގައުމުން ބޭނުން ކުރާނީ "ގޮށްމުށުގެ ބާރު" ކަމަށް، ސައުދީ އަރަބިއްޔާގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމްބީއެސް) ވިދާޅުވެއްޖެއެވެ.

އެމްބީއެސް ވަނީ، "ޖިހާދު"ގެ ނަމުގައި ހަރަކާތް ހިންގާ ފަރާތްތަކަށް، "ވޭންދެނިވި، ވަރުގަދަ" އަދަބު ދެއްވާނެ ކަމަށްވެސް އިންޒާރު ކުރައްވާފައެވެ.

އެމްބީއެސް މިފަދަ ރޫހެއްގައި އިންޒާރު ކުރައްވާފައި މިވަނީ، ސައުދީ އަރަބިއްޔާގެ ޖިއްދާގައި ގައިރު މުސްލިމުންނަށް ހާއްސަކޮށްފައިވާ ސަހަރާއެއްގައި ކުރިއަށްދިޔަ، 1 ވަނަ ބޮޑު ހަނގުރާމައިގެ ހަނދާނީ އިހުތިފާލަކަށް އަމާޒުކޮށް ބުދަ ދުވަހު ދިން ހަމަލާގެ ޒިންމާ، ހައްދު ފަހަނަ އަޅާފައި ވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުން އުފުލާފައި ވާ ދަނޑިވަޅެއްގައެވެ. މި ހާދިސާ ހިނގާފައި މިވަނީ، ސައުދީގައި ހުންނަ ފަރަންސޭސި އެމްބަސީ ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ، އެ ތަނުގެ ގާޑަކަށް ޒަހަމްކޮށްލިތާ 2 ހަފުތާ ފަހުންނެވެ.

އެމްބީއެސް ވިދާޅުވީ ސައުދީ އަރަބިއްޔާއަކީ ހަރުކަށި ފިކުރާ ދެކޮޅަށް ހަރަކާތްތެރި ވުމަށް ތައްޔާރަށް އޮތް ގައުމެއް ކަމަށާ، ސައުދީއަކީ ޓެރަރިޒަމްގެ ހުރިހާ އަމަލެއްވެސް ކުށްވެރި ކުރާ ގައުމެއް ކަމަށެވެ.

ސައުދީގެ ދާހިލީ ވުޒާރާއާއި، ސަލާމަތާ ބެހޭ ސެކްޓަރަށް އިސްލާހީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް، 2017 ވަނަ އަހަރުގެ މެދެއްހާ ހިސާބުގައި ފެށިފަހުން، ސައުދީގައި ދޭ ޓެރަރިސްޓް ހަމަލާތައް، ގާތްގަނޑަކަށް ސުން ރޭޓަށް ވެއްޓިފައި ވާ ކަމަށްވެސް އެމްބީއެސް ވަނީ ވިދާޅުވެފައެވެ.

އިސްލާހީ ބަދަލުތަކެއްގެ ނަމުގައި، ހަރުކަށި ފިކުރާ ދެކޮޅަށް ސިޔާސަތައް ބަދަލު ކުރެއްވި އެމްބީއެސް ވަނީ، މިނިވަން ކަމުގެ ނަމުގައި ހައްދު ފަހަނަ އަޅާ ދާ ފަރާތްތަކާ ދެކޮޅަށްވެސް ފިޔަވަޅު އަޅުއްވާފައެވެ.