ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް ތަރައްގީ ކުރަމުން އަންނަ ވެކްސިންތަކުގެ ތެރެއިން 1 ނުވަތަ 2 ވެކްސިނެއް ކާމިޔާބު ކަމަށް އިއުލާން ކުރުމަކީ، އެހެން ވެކްސިން ކެންޑިޑޭޓުންގެ ކާމިޔާބީ ވަޒަން ކުރުމަށް ކުރިއަށް ގެންދާ ތަހުލީލިތައް ހުއްޓާލަންޖެހެ ސަބަބެއް ނޫން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސް ސައެންސްޓިސްޓު ޑރ ސޯމްޔާ ސްވާމިނާތަން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްގައި ޑަބްލިއުއެޗްއޯއިން ލައިވްކޮށް ކުރިއަށް ގެންދިޔަ ސުވާލާއި ޖަވާބު ސެޝަންއެއްގައި ޑރ ސޯމްޔާ ވިދާޅުވީ، ޓްރަޔަލްތައް ކުރިއަށް ގެންދިއުން މުހިންމު ކަމަށާ، 1 ނުވަތަ 2 ކެންޑިޑޭޓެއް ކާމިޔާވުމަކީ، ހުރިހާ މަސައްކަތެއް ހުއްޓާލަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

މި މޭރުމުން ޑރ ސޯމްޔާ ވިދާޅުވީ، ބައެއް ވެކްސިނަކީ ވަކި އުމުރުފުރާއެއްގެ ބައެއްގެ މެދުގައި ވަކި ގޮތަކަށް މަސައްކަތް ކޮށްފާނެ ވެކްސިނެއް ކަމަށެވެ. އެގޮތުން ބައެއް ވެކްސިނަކީ ދޮށީ އުމުރުގެ މީހުންނަށް ރަނގަޅު ވެކްސިނަށް ވެދާނެ ކަމަށާ، އަދި އަނެއް ބައި ވެކްސިނަކީ މާބަނޑު މީހުންނަށް ރައްކާތެރި ވެކްސިނަކަށް ވެދާނެ ކަމަށް ޑރ ސޯމްޔާ ވިދާޅުވިއެވެ. އަދި ބައެއް ވެކްސިންތަކަކީ، އަނެއް ބައި ވެކްސިންތަކަށް ވުރެ ދިގު މުއްދަތަކަށް ދިފާއު ލިއްބައިދެނިވި ވެކްސިންތަކަކަށް ވެދާނެ ކަމަށްވެސް ޑަބްލިއުއެޗްއޯގެ ޗީފް ސައެންޓިސް ވަނީ ފާހަގަ ކުރައްވާފައެވެ.

ޑރ ސޯމްޔާ ވިދާޅުވީ ކޮވިޑް-19ގެ ވެކްސިން ޓްރަޔަލްތަކުގައި އަމިއްލަ އިހުތިޔާރުގައި ބައިވެރިވާ މީހުންގެ އަދަދު ގިނަ ކަމީ، ރަނގަޅު ކަމެއް ކަމަށެވެ. ހަމަ މިއާއެކު މާސްކު ބޭނުން ކުރުމާ އެކު ޖިސްމާނީ ގައިދުރުކަން ބެހެއްޓުމުގެ އާދަ އަކީ ގިނަ ދުވަސްތަކަކަށް ތަންފީޒު ކުރަންޖެހޭނެ ކަމެއް ކަންވެސް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ.

ކޮވިޑް-19 އިން ދިފާއުވުމަށް 100 އަށްވުރެ ގިނަ ވެކްސިން ކެންޑިޑޭޓެއް ރަޖިސްޓްރީ ކޮށްފައި ވާއިރު، އާންމު ބޭނުންތަކަށް ވެކްސިން އުފެއްދުމުގެ ކުރިން ފުރިހަމަ ކުރަން ޖެހޭ އެންމެ ފަހު މަރުހަލާގައި އޮތީ މީގެ ތެރެއިން 10 ކެންޑިޑޭޓެކެވެ. ބައެއް ވެކްސިންތައް، ވަކި ހާއްސަ ގުރޫޕުތަކެއްގެ ބަޔަކަށް ދޭން ފެށި ކަމުގައި ވީ ނަމަވެސް، އަދި މިހާތަނަށް އެއްވެސް ވެކްސިނަކަށް ޑަބްލިއުއެޗްއޯގެ އިޒުނައިގެ ސިއްކަ ދޫކޮށްފައި ނުވާ ކަން ވެސް ފާހަގަކުރަންޖެހެއެވެ.