ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް މިމަހު 17 ގައި ދެ އަހަރު ފުރޭއިރު ސަރުކާރުން ވައުދުވި ކަންކަން ކޮށްދެވިފައި ނުވާކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ފާޑުކިޔައިފިއެވެ.
މިއަދު އިދިކޮޅު ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ މި ދެ އަހަރަކީ ރައްޔިތުންނަށް ގެއްލުނު ދެ އަހަރު ކަމަށެވެ.
އޭގެ އިތުރުން ރާއްޖޭގައި ބޮޑެތި މުންކަރާތްތައް އިތުރުވެފައިވާ ކަމަށާއި ރޭޕް ކުރުމާއި ޖިންސީ ފުރައްސާރަކުރުން އާންމުވަމުން އަންނަ ކަމަށް ވެސް ޝަރީފް ވިދާޅުވެފައެވެ.
ޝަރީފު ވަނީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތު ކުރިއަރުވަން މަސައްކަތް ނުކުރާ ކަމަށާއި ދަނޑުވެރިކަމުގެ ސިނާއަތު ކުރިއަރުވާނެ ހަރުދަނާ ޕްލޭނެއް ސަރުކާރުގެ ނެތް ކަމަށް ވެސް ވިދާޅުވެފައެވެ. އަދި ދިވެހި މަސައްކަތްތެރިންގެ ހުނަރުވެރިކަމާއި ގާބިލުކަން އިތުރުކުރުމަކަށް ސަރުކާރުން އިސްކަން ނުދޭ ކަމަށް ވަނީ ވިދާޅުވެފައެވެ.
ހަމައެހެންމެ ވަޒީފާގެ ފުރުސަތުތައް މަދުވެ ވަޒީފާ ނުގެއްލޭނެ ކަމުގެ އެއްވެސް ޔަގީންކަމެއް ސަރުކާރަށް ނުދެވުނު ކަން ވެސް ޝަރީފު ވަނީ ފާހަގަކުރައްވާފައެވެ.
ޝަރީފު ވިދާޅުވީ ކޯލިޝަން ސަރުކާރުގެ ހިންގުން އިންތިހާއަށް ލަސްވެފައިވާ ކަމަށެވެ. އަދި ރައްޔިތުންނަށް ވީ ވައުދުތަކެއް ނުފުއްދޭ ކަން ފާހަގަކުރައްވާ މި ސަރުކާރަށް ދޭނީ 'އެފް' ރިޕޯޓެއް ކަމަށް ޝަރީފު ވަނީ ވިދާޅުވެފައެވެ. އަދި ރައްޔިތުންނަށާއި ދިވެހި ގައުމަށް ހެޔޮއެދޭނަމަ އަވަސް އިންތިހާބަކަށް ދިއުމަކީ ސަރުކާރަށް އޮތް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ޝަރީފު ވިދާޅުވިއެވެ.