ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު އާއި އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ މިއަދު ފޮރިން މިނިސްޓްރީގައި ރަސްމީ މަޝްވަރާތައް ބާއްވަވައިފިއެވެ.
އެ ބައްދަލުވުމުގައި، ދެގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް 55 އަހަރު ފުރިފައި ވާއިރު ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތްގުޅުމާ ބެހޭ ގޮތުންނާއި އެކި ދާއިރާތަކުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.
މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ސަބަބުން ލިބިފައިވާ ގެއްލުންތަކުން އަރައިގަތުމަށް ކުރެވޭ މަސައްކަތްތަކާ ބެހޭ ގޮތުން ދެ ގައުމުގެ ފޮރިން ސެކްރެޓަރީ އިން މަޝްވަރާ ކުރައްވައިފައިވާ ކަމަށެވެ.
އެގޮތުން ފަތުރުވެރިކަން ކުރިއެރުވުމާއި އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގައި ކުރިއަށް ދާ ތަރައްގީގެ މަޝްރޫއުތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމާއި ދެގައުމުގެ ދެމެދުގައި ވިޔަފާރިއާއި ދަތުރު ފަތުރު އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވައިފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.
އޭގެ އިތުރުން ސިއްހީ ދާއިރާއާއިން ގުޅިގެން މަސައްކަތް ކުރުމާއި އިންސާނީ ވަސީލަތްތައް ތަރައްގީ ކުރުމުގެ އިތުރުން ކޮންސިއުލާ ހިދުމަތްތައް ހަރުދަނާ ކުރުމާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވައިފައި ވާ ކަމަށް މިނިސްޓްރީން ބުނެއެވެ.
ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދު ވަނީ އިންޑިއާ ސަރުކާރުން ރާއްޖެއަށް ވެދޭ އެހީތެރިކަމާއި ދިވެހި ރައްޔިތުންނާމެދު ބަހައްޓާ ގާތްކަމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ.
އިންޑިއާގެ ފޮރިން ސެކްރެޓަރީ ރާއްޖެއަށް ވަޑައިގެންފައި ވަނީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުހައްމަދުގެ ދައުވަތަކަށް 2 ދުވަހުގެ ރަސްމީ ދަތުރެއްގައެވެ.