އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ގެ ޗީފް އޮފް ސްޓާފް މާކް މެޑޯޒް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެފައި ވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އެމެރިކާގެ ރިޔާސީ އިންތިހާބުގެ ވޯޓު ގުނުމުގެ ފޯރި އިންތިހާއަށް ގަދަ ވެފައި ވާ މި ދަނޑިވަޅުގައި މާކް މެޑޯޒް ކޮވިޑް-19އަށް ޕޮޒިޓިވްވި ހަބަރު އާންމު ވެފައި ވަނީ، ބައިނަލްއަގުވާމީ ފެންވަރުގައި ހަބަރު ފެތުރުމުގައި ގިނަ ބައެއްގެ އިތުބާރު ހޯދާފައި ވާ ރޮއިޓާޒްއާ ހަވާލާދީއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާކަން، މާކް މެޑޯޒްގެ އަރިސް މީހުންނާ ހިއްސާކުރައްވާފައި ވާ ކަމަށް ހަބަރު ލިބެއެވެ. އަދި މާކް މެޑޯޒްގެ ކޭހަކީ، ވައިޓްހައުސް ކްލަސްޓާއާ ގުޅޭ ކޭހެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ. މާކް މެޑޯޒް ކޮވިޑް-19އަށް ޕޮޒިޓިވް ވެފައި ވާ ކަން އޭނާއަށް އެނގިވަޑައިގަތީ ކޮން އިރަކު ކަމެއް، ނުވަތަ އޭނާގެ ހަށިގަނޑުން ބަލީގެ އަލާމާތްތައް ފެންމުން ދާކަން ނުވަތަ ނޫން ކަން އަދި ސާފެއް ނުވެއެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައި ވާ ކަން، އޭނާގެ އަރިސް މީހުންނަށް ދެންނެވީ، އަންގާރަ ދުވަހު ކުރިއަށް ދިޔަ ރިޔާސީ އިންތިހާބުގެ ފަހު ދުވަހުގެ ވޯޓަށް ފަހުގައި ކަމަށް މައުލޫމާތު ލިބެއެވެ. އޭގެ ފަހުންވެސް މާކް މެޑޯޒް ވަނީ، ޓްރަމްޕްގެ ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންފައެވެ. އެގޮތުން ބައެއް ދާއިރާތަކަށް ގޮންޖެއްސުމަށް ޓްރަމްޕް ހިއްޕެވި އަމާޒުގެ އަމަލީ މަސައްކަތުގައި މާކް މެޑޯޒް ބައިވެރިވެވަޑައިގެންނެވި ކަމަށް ހަބަރު ލިބެއެވެ.

ކަން މިހެން އޮތް އިރު، ޓްރަމްޕް ކެމްޕޭންގައި އިސްކޮށް ހަރަކާތްތެރިވާ ނިކް ޓްރެއިނާވެސް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައި ވާ ކަމަށް، މަސްދަރުތަކާ ހަވާލާދީ، ބްލޫމްބާގުން ވަނީ ރިޕޯޓް ކޮށްފައެވެ. މިކަމާ ބެހޭ ގޮތުން އެއްޗެއް ބުނުމަށް ޓްރަމްޕް ކެމްޕޭނުން އަދި ދަނީ އިންކާރު ކުރަމުންނެވެ.