ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް އެއް ދުވަހާ ރެކޯޑް އަދަދެއްގެ ބަޔަކު، އެމެރިކާއިން ޕޮޒިޓިވް ވެއްޖެއެވެ.

ލިބިފައިވާ މައުލޫމާތަށް ބަލާއިރު ބުދަ ދުވަހު، 102591 ޕޮޒިޓިވް ކޭސް ފެނިފައި ވާ ކަމަށް ދައްކައެވެ.

މިއާއެކު އެކި ސަރަހައްދުތަކުން ދަނީ، ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދުވެސް އިންތިހާއަށް އިތުރު ވަމުން އަންނަ ކަމަށް ރިޕޯޓް ކޮށްފައެވެ. ހޮސްޕިޓަލުތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ މީހުންގެ އަދަދު 50000 އަށް ވުރެ މައްޗަށް އަރާފައި ވާއިރު، މިއީ ފާއިތުވީ 3 މަހެއްހާ ދުވަހުގެ ތެރޭގައި މިއަދަދު މިހާ މައްޗަށް އެރި ފުރަތަމަ ފަހަރެވެ.

ބުދަ ދުވަހު ރެކޯޑް އަދަދަކަށް ކޭސް ނަމްބަރު އިތުރުވެގެން 9 ސްޓޭޓަކުން ވަނީ ރިޕޯޓް ކޮށްފައެވެ. އޭގެ ތެރޭގައި ކޮލަރާޑޯ، އައިޑަހޯ، އިންޑިއާނާ، މެއިން، މިޝިގަން، މިނެސޯޓާ، ރޯޑް އައިލަންޑް، ވޮޝިންގްޓަން އަދި ވިސްކޮންސިން ހިމެނެއެވެ.

ރިޔާސީ އިންތިހާބުގެ ފޯރީގައި ބަނދެވިފައިވާ އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރު ވަމުންނެވެ. ދުވާލެއްގެ މައްޗަށް މީހުން މަރުވާ މިންވަރުވެސް އިތުރު ވާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން މި ބަލީގައި މިހާރު އެވަރޭޖުކޮށް، ދުވާލެއްގެ މައްޗަށް 850 މީހުން އެމެރިކާއިން މަރުވަމުން ދާ ކަމަށް ދައްކައެވެ. މީގެ މަހެއްހާ ދުވަސް ކުރިން މިއަދަދު އުޅުނީ 700 ގައެވެ.

ޖުމުލަ ގޮތެއްގައި އެމެރިކާގެ ހާލަތަށް ބަލާއިރު، އެ ގައުމުން ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 9.8 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު 239829 އަށް އަރާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.