ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޑިމޮކްރަސީގެ ގޮތުގައި އޮތް އެމެރިކާގެ ރިޔާސީ އިންތިހާބުގެ ފަހު ދުވަހުގެ ވޯޓުލުން މިއަދު ކުރިއަށް ދާއިރު، މި ފަހަރުގެ އިންތިހާބުގައި ރެކޯޑް އަދަދެއްގެ ބަޔަކު ވޯޓު ދީފިއެވެ.
އެމެރިކާގެ ރިޔާސީ އިންތިހާބުގެ ނިޒާމް ހަމަޖެހިފައި އޮންނަ ގޮތުން، ވޯޓުލުމުގެ ރަސްމީ ދުވަހުގެ ކުރިންވެސް ވޯޓު ދިނުމުގެ ފުރުސަތު އޮވެއެވެ. އެހެން ކަމުން، މިހާތަނަށް 100 މިލިއަނެއްހާ މީހުން މިހާރުވެސް ވޯޓު ދީފައި ވާ ކަމަށް ހަބަރު ލިބެއެވެ. މިއާއެކު، މި ފަހަރުގެ އިންތިހާބަކީ ފާއިތުވީ ގަރުނެއްހާ ދުވަހުގެ ތެރޭގައި ވެސް އެމެރިކާގައި އެންމެ ގިނަ އަދަދެއްގެ ރައްޔިތުން ބަސްބުނި ފަހަރަށް ވުން ގާތެވެ.
ވެރިކަމުގެ ދެވަނަ ދައުރެއް ކަށަވަރު ކުރައްވަން ފައިވިއްދަވައިގެން ހުންނެވި މިހާރުގެ ރައީސް ޑޮނާލްޑް ޓްރަމްޕާ، އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއާ ދެމެދު ކުރިއަށްދާ ފޯރިގަދަ އިންތިހާބުގެ ރަސްމީ ނަތީޖާ ނުލިބި، ދުވަސްތަކެއް ވެދާނެ ކަމަށް ބެލެވެއެވެ.
ނަމަވެސް އިންތިހާބުގެ ރަސްމީ ވޯޓުލުން ކުރިއަށް ދާ ފަހު ދުވަހަށް ފަހު އާ ދުވަހަކަށް އަލިވިލިގެން ދާއިރު، ކުރިއަށް އޮތް 4 އަހަރަށް އެމެރިކާގެ ރައީސް ކަން ކުރައްވާނެ ބޭފުޅަކު އޮންނަނީ ޔަގީނާ ގާތަށް ކަށަވަރު ވެފައެވެ.
2016 ވަނަ އަހަރުގެ އިންތިހާބަށް ބަލާއިރު، ޑޮނާލްޑް ޓްރަމްޕް ވަނީ ޖެހިގެން އައި ދުވަހުގެ ހެނދުނު، (ޖީއެމްޓީ ގަޑިން) 08:00 ޖެހި އިރު، ގައުމާ މުހާތަބު ކުރައްވާ، އިންތިހާބު ކާމިޔާބު ވި ކަން އިއުލާން ކުރައްވާފައެވެ. ނަމަވެސް މިއީ މި ފަހަރު ވެދާނެ ގޮތެއް ނޫން ކަމަށް އޮފިޝަލުން މިހާރު ވެސް ވަނީ އިންޒާރު ކުރައްވާފައެވެ.
ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރެކޯޑް ކުރަމުންދާ އެމެރިކާގެ ގިނަ ވޯޓަރުން މިފަހަރު ވޯޓު ދީފައި ވަނީ ޕޯސްޓުގެ ނިޒާމު ބޭނުން ކޮށްގެންނެވެ. އެހެންކަމުން، ވޯޓު ގުނުމަށް ދުވަސްތަކެއް ހޭދަވާނެ ކަމަށް ބެލެވޭއިރު، މިކަމަށް ހަފުތާތަކެއްވެސް ހޭދަ ވެޑާނެ ކަމަށް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.
އިންތިހާބީ މާޒީއަށް ބަލާއިރު، މަދު ގަޑިއިރުކޮޅެއްގެ ތެރޭގައި ނަތީޖާ ނުލިބުނު އިންތިހާބެއް އެންމެ ފަހުން ފެނުނީ 2000 ވަނަ އަހަރުއެވެ. އެ ފަހަރު އިންތިހާބު ކާމިޔާބު ކުރެއްވީ ޖޯޖް ޑަބްލިއު ބުޝްކަން ކަށަވަރުވީ، އެމެރިކާގެ ސުޕްރީމް ކޯޓުން އިއްވި ހުކުމާއެކު، އިންތިހާބީ ދުވަހުގެ 1 މަސް ފަހުންނެވެ.
ކަން މިހެން އޮތް ނަމަވެސް، އިންތިހާބީ ދުވަހުގެ ޝަރަފުގައި ޑޮނާލްޓް ޓްރަމްޕް ދެއްވާ ހާއްސަ ޖާފަތެއް މިރޭގެ ވަގުތެއްގައި ވައިޓްހައުސްގައި ކުރިއަށްދާނެ ކަމަށް ހަބަރު ލިބެއެވެ. 400 އެއްހާ މީހުންނަށް ދައުވަތު އަރުވާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
އިންތިހާބާ ދިމާކޮށް އެތައް ހާސް ބަޔަކު މުޒާހަރާ ކުރާނެ ކަމަށްވެސް ވަނީ ލަފާ ކުރެވިފައެވެ. މުޒާހަރާތަކަށް ތައްޔާރުވުމުގެ ގޮތުން، ވިޔަފާރި މަރުކަޒުތަކާ ކަޑަތަކުން ވަނީ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ލަކުޑި ފަތި ޒާތުގެ ފްރޭމްތަކާއި ފްލައިވުޑް ބޭނުން ކޮށްގެން އިމާރާތް ރައްކާތެރި ކޮށްފައެވެ.
މިހާތަނަށް ކުރިއަށް ގެންގޮސްފައި ވާ ހިޔާލު ހޯދުމުގެ ގައުމީ ފެންވަރުގެ ސާވޭއަށް ބަލާއިރު 52 ޕަސެންޓާއެކު ކުރީގައި އޮތީ، އެމެރިކާގެ އެންމެ މަގުބޫލު ރައީސްގެ ގޮތުގައި މުޅި ދުނިޔެހެން އިއްތިފާގުވާ ބަރާކް އޮބާމާގެ ޒައާމަތުގައި ނައިބު ރައީސް ކަން ކުރެއްވި ޖޯ ބައިޑަންއެވެ. މި ފަހަރުގެ އިންތިހާބަށް ޓްރަމްޕަށް ތާއީދު ކުޑަ ވުމުގެ އެންމެ ބޮޑު އެއް ސަބަބަކީ، ކޮވިޑް-19އަށް އެމެރިކާގެ ސަރުކާރުން ދިން އިޖާބަ ކަމަށްވެސް ބުނެވިދާނެއެވެ.