ހިންދުކަނޑުގެ މުތީގެ ހާރުގެ ގޮތުގައި އޮތް މި ކުޑަކުޑަ ދިވެހިރާއްޖެ އަކީވެސް ފަހްރުވެރިވުން ހައްގު ތާރީހެއްގެ ވެރި ބައެކެވެ. އުފަލުގެ ކަރުނައިން ލޯތައް ތެންމާލަނިވި އެތައް ފަތަހައަކާއި ނަސްރެއް ދުށް ދިވެހިންނަށް، ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހަކީވެސް ހަމަ އެފަދަ ދުވަހެކެވެ. ދިވެހިންގެ ތެރެއިން ގައުމަށް ގައްދާރުވި މަދު ބައެއްގެ ރޭވުން ނާކާމިޔާބު ކޮށް، ދީނާއި ގައުމަށްޓަކައި އަމިއްލަ ފުރާނަ ދޫކޮށްލި 19 ޝަހީދެއްގެ ޒިކުރާއާއެކު، މިއަދު އަޅުގަނޑުމެންނާ ބައްދަލު ކޮށްފައި މިވަނީ 32 ވަނަ ނަސްރުގެ ދުވަހެވެ.

ހުޅަނގުން ދެއްކި "ޒަމާނީ ޑިމޮކްރަސީ"ގެ އަވާގައި ޖެހި، ސިޔާސީ ކުލަވަރުގެ ކޯރެއްގައި ގައުމު ބެހެމުންދާ ކަމުގެ އިހުސާސް ކުރެވުނު ކަމުގައި ވީ ނަމަވެސް، އެ ބައެއްގެ ފިކުރުގައި ކޮންމެ ބަޔަކުވެސް މިއަދު ތެދުވެ ހުރީ ގައުމުގެ ދިފާއުގައެވެ. މިނިވަންކަމާއި އިސްތިގުލާލީ ނަސްރު ދެމެހެއްޓުމުގެ އަޒުމުގައެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް މި ދިވެހި ފަސްގަނޑުން ވެލިފުކެއްގެ މިންވަރުވެސް ބޭރު ބައެއްގެ އަޅުވެތިކަމާއި ނަމާންކަމުގެ ދަލުގައި ނުޖެހި އޮތް ކަމީ، ދިވެހިންނަށް ލިބިފައި އޮތް އަގުބޮޑު ނިއުމަތެއް ކަން ކޮންމެ މީހަކުވެސް، އެމީހެއްގެ ގޮތުގައި ގަބޫލު ކުރެއެވެ.

ނޮވެމްބަރު 3 ގެ ޝަހީދުވި މީހުން

ރައްޔިތުން ތިބީ ދިވެހި ފަޒާގައި ވިހުރެމުންދާ ދިވެހި ދިދައިގެ ހިޔަލުގައެވެ. މިޒަމާނުގައި، ބޭރުގެ ބާރުތަކުން ގައުމުތައް އަޅުވެތި ކުރުމަށް ކުރާ އެންމެ ބޮޑު ކަމަކީ، ގައުމުގެ ދާހިލީ ކަންތައްތަކުގެ ތެރެއަށް ނުފޫޒު ފޯރުވާ، ގައުމުގެ ގާނޫނީ ވެރިކަން ބަދަލު ކުރުމަށް ވާގިވެރިވުން ކަމަށް ވީ ނަމަވެސް، މި އޮއެވަރުގެ ޝިކާރައަކަށް ވެ، ދިވެހި ގައުމު ދޫކޮށްލަން ބޭނުން ހަމަ އެންމެ ދިވެހި ދަރިއަކުވެސް މިއަދު މި ފަސްގަނޑުގައި ނެތް ކަމީ ގަބޫލުކުރަންޖެހޭ ހަގީގަތެކެވެ. އެއީ އިރުމަތީ ބިތުގެ ބާރަކަށް ވިއަސް، ނުވަތަ ދެކުނު އޭޝިއާ ސަރަހައްދުގެ ނިއުކްލިއާ ސުޕާޕަވަރެއް އަތް މައްޗަށް ކަމަށް ވީ ނަމަވެސް، ދިވެހި ފަސްގަނޑުން އިސްލާމީ ވަހުދަތާއި ދިވެހިވަންތަކަން ގެއްލިދާން އެދޭ މީހަކު ހުރިހެނެއް ހިއެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ތާރީހަށް ނަޒަރު ހިންގާއިރު، ގައުމުގެ މިނިވަން ކަމާ އިސްތިގުލާލަށް ނުރައްކާވެ، ގައުމުގައި ހަމަނުޖެހުން ހިންގާ، އަދި އުދުވާނީ ހަމަލާތައް ރާއްޖެއަށް ކުރިމަތިވެފައި ވަނީ ވެރިކަމުގެ ކޮއިލުގެ ތެރޭގައި ނުވަތަ ވެރިކަން ކުރާ ހާންދާނުގެ ތެރޭގައި، ނުވަތަ އެ ނޫންވެސް ގޮތަކުން ވެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކާ ދެމެދުގައި އުފެދޭ ފިތުނަވެރިކަމުގެ ތެރެއިން ކަމީ، ތަކުރާރުކޮށް އެ ވާހަކައެއް ދައްކާ، އެކަމަށް ދިވެހި ރައްޔިތުން ހުށިޔާރު ކުރުވަން ޖެހޭ ވާހަކައެކެވެ.

ނޮވެމްބަރު 3، 1988 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނައުން / ފޮޓޯ: ޙުސައިން މަޚްތޫމް | ދަޕްރެސް

އިހުލާސްތެރި ވެރިއަކު އައްޔަން ކުރުމުގެ ބާރު މިއަދު އޮތީ ރައްޔިތުންގެ އަތުގައި ކަން ގަބޫލު ކޮށްދޭން ޖެހެއެވެ. ގައުމުގެ އިސްވެރިޔަކު އައްޔަން ކުރުމާއި ދުރުކުރުމުގެ ބާރުވެސް އޮންނަނީ ރައްޔިތުންގެ އަތުގައިކަން މިއަދު ދިވެހި ކޮންމެ ދަރިއަކުވެސް ހިތުގެ އެންމެ އަޑިން ގަބޫލުކުރާކަން، ކައިރި މާޒީގައި ދަމާލި އިންތިހާބީ ސަފުތަކުންވެސް ސާބިތުކޮށްދޭ ނޫން ތޯއެވެ.

އާންމު ދިރިއުޅުމުގައި އުޅޭ އިރު ތާއަބަދު ހިތަށް އަރާ ނުފޭބި ކަމުގައި ވީ ނަމަވެސް، ގައުމަށް ލިބިފައި އޮތް މިނިވަންކަމުގެ ނަސްރު އެގޮތުގައި ދަމަހައްޓެމުގެ އެންމެ އިސް ވާޖިބުތަކާ ހަވާލުވެ ތިބި ފަހުލާނުންގެ މައްޗަށް، ދިވެހި ލޭ ހިނގާ ކޮންމެ ދަރިއެއްގެ ހިތުގައި އިތުބާރު އޮވެއެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ހަރުދަނާ ފިޔަވަޅުތަކެއް އަޅާނެ ކަމުގެ ޔަގީންކަން އޮވެއެވެ.

ބަންޑާރަ ކޮށީގެ ބަޑި ގުދަނުގެ ތަޅުދަނޑި އޮތީ، އެ ފޮރުވާފައި އޮންނަން ޖެހޭ ތަނެއްގައި ފޮރުވާފައި ތޯ، އަޅުގަނޑުމެންގެ ކޮންމެ ފަރުދަކު ވަކި ވަކީން އެތަނަކަށް ގޮސް، ނުބަލަމު ނޫންތޯއެވެ. އެ ތަޅުދަނޑިއެއް އޮތީ ރައްކާތެރިކަމާއެކު، އިހުލާސްތެރިއެއްގެ ބެލެހެއްޓުމުގެ ދަށުގައި ކަން ހިތާ ހިތުން ކަށަވަރު ކުރެވޭ ނޫންތޯއެވެ. މިއީ އެތައް ޒަމާނެއްގެ މަސައްކަތުން، ދިވެހި ސަލާމަތީ ބާރުތަކުން، ދިވެހި ރައްޔިތުންގެ އިތުބާރު ހޯދިކަމުގެ ކުޑަ މިސާލެކެވެ.

މާލެ ލޮކްޑައުން ކުރުމާއި ގުޅިގެން ގޭގެއަށް ޑެލިވަރީ ކޮށްދިނުމުގައި ސިފައިން ހަރަކާތްތެރިވަނީ / ފޮޓޯ: އެމްއެންޑީއެފް

ބަވަނަވަންތަ ކުޑައިގެ ދަށުން ޖެހެމުންދާ ރޯޅީގައި، ހިސާބަކަށް މި ގައުމު ޖެހި، ބައިބައިވުންތަކެއް އުފެދުނު ކަމުގައި ވީ ނަމަވެސް، ދިވެހި ގައުމައިގެން ކުރިއަށް ދިޔުމަށް އަތުކުރި އޮޅާލަން މަސައްކަތް ކުރުމަކީ މިކަހަލަ ދުވަހެއް ފާހަގަ ކުރުމުގެ އެންމެ ބޮޑު އެއް ބޭނުންކަން ކަށަވަރެވެ.

ހަމަ ލޮލަށްވެސް ނުފެންނަ ކުޑަކުޑަ މަހުލޫގެއްގެ ސަބަބުން ކުޑަކަކޫ މައްޗަށް މުޅި ދުނިޔެ ތިރިވެފައިވާ މި ނަމާން ދަނޑިވަޅުގައިވެސް ދިވެހިންގެ އެއްބައިވަންތަކަމާ، އެއްބައެއް ވަންތަކަމުގެ ރޫހުގައި ފިޔަވަޅުތަކެއް އަޅައިފިނަމަ، މިއަދު ކުރިމަތިލާންޖެހިފައިވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ހަނގުރާމަ ނިމި، ނަސްރު ލިބުންވެސް އޮތީ މާ ދުރުގައި ނޫން ކަމަށް ގަބޫލު ކުރެވެއެވެ.

މި ލޮބުވެތި ދިވެހި ވަޒަން، އަޅުވެތިކަމުގެ ދަށަށް ދިޔަނުދެއްވައި ސަލާމަތްކުރެއްވުމަށް މާތް ﷲ ގެ ތަނަވަސް ރަހުމަތްފުޅުން ދިވެހި މުސްލިމު އަހުންނާ އުހުތުންނަށް، ނަސްރުގެ ނިއުމަތް މިންވަރުކޮށްދެއްވި ކަމުގެ ޝުކުރު އެކަލާނގެއަށް ދަންނަވާ ހާލު، ނަމާން ކަމާއި ބިރުވެރިކަމުން ފުރިގެންވި އަޅުވެތިކަމާ މުސީބާތްތަކުން މި ގައުމު ސަލަމާތްކޮށްދެއްވުން އެދި މާތް ﷲ ގެ ހަޒްރަތުގައި ދުއާ ދަންނަވަމެވެ. އާމީން!