ކުރިއަށް އޮތް ރިޔާސީ އިންތިހާބާ ދިމާކޮށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކުރިއަށް ގެންދެވި ކެމްޕޭން ރެލީތަކާ ގުޅިގެން ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވްވެ، އެ ބަލީގައި މަރުވި މީހުންގެ އަދަދު 700 އަށް އަރާފައި ވާ ކަމަށް، ސްޓޭންފޯޑް ޔުނިވާސިޓީގެ ރިސާޗަރުން ލަފާކޮށްފިއެވެ.
ސްޓޭންފޯޑް ޔުނިވާސިޓީގެ ދިރާސާ ރިޕޯޓް ބުނާ ގޮތުގައި، ޓްރަމްޕްގެ ކެމްޕޭން ރެލީތައް ކުރިއަށް ދިޔަ ސަރަހައްދުތަކުން ވަނީ ބައްޔަށް ޕޮޒިޓިވްވެގެންނާ، އެ ބަލީގައި މަރުވެގެން ގޮސްގެން "ބޮޑު އަގެއް" އަދާ ކޮށްފައި ކަމަށެވެ.
"ދި އިފެކްޓްސް އޮފް ލާޖް ގްރޫޕް މީޓިންގްސް އޮން ދަ ސްޕްރެޑް އޮފް ކޮވިޑް-19: ދަ ކޭސް އޮފް ޓްރަމްޕް ރެލީޒް" ގެ ނަމުގައި އެކުލަވާލާފައި ވާ ދިރާސާ ރިޕޯޓަށް ބަލާއިރު، ޖޫން 20 އިން ސެޕްޓެމްބަރު 22 ގެ ނިޔަލަށް ކުރިއަށް ދިޔަ 18 ރެލީއަކާ ގުޅުން އޮތް 30000 ކޭސް ވަނީ ފެނިފައެވެ. އަދި 700 އެއްހާ މީހުން މި ދުނިޔެ ދޫކޮށްފައިވުން އެކަށީގެން ވާ ކަމަށްވެސް ރިސާޗަރުން ބުނެއެވެ. މިއީ ކޮންމެހެން ރެލީތަކަށް ހާޒިރުވި މީހުންނަށް ނުވެދާނެ ކަމަށްވެސް ރިޕޯޓްގައިވެއެވެ.
ކަން މިހެން އޮތް އިރު، ޖޯންސް ހޮޕްކިންސް ޔުނިވާސިޓީގެ ސެންޓާ ފޮ ހެލްތު ސެކިއުރިޓީގެ އިންފެކްޝަސް ޑިޒީޒަސް ތަޖުރިބާކާރު، އަމޭޝަ އަދަލްޖާ ވިދާޅުވީ، މި ރިޕޯޓްގައި ވަނީ "ވެދާނެ" ގޮތްތަކެއް ކަމަށެވެ. އެގޮތުން، ފުރިހަމައަށް ހިންގާ ތަފްސީލީ ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތާ ނުލާ، ވަކި އިވެންޓްތަކަކާއި ވަކި ކޭސްތަކެއް ގުޅެވެން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.
ދުނިޔޭގެ ނިސްބަތުން ބަލާއިރު ކޮވިޑް-19ގެ ކޭސްތައް ރެކޯޑް އަދަދުތަކުން ރިޕޯޓް ކުރަމުން އަންނަ އެމެރިކާގައި މި ދަނޑިވަޅުގައި ކެމްޕޭން ރެލީތައް ކުރިއަށް ގެންދިއުމަކީ ބަލީގެ ހުޅުގަނޑު ފަޅައިގެން ހިނގައިދާނެ ކަމެއް ކަމަށް، އެމެރިކާގެ އާންމު ސިއްހަތާ ބެހޭ އޮފިޝަލުން ވަނީ ތަކުރާރު ކޮށް ޓްރަމްޕަށް އިންޒާރު ކުރައްވާފައެވެ.