ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) ގެ އަސަރުކުރި ކަމުގައި ވީ ނަމަވެސް، ހަށިގަނޑުން ބަލީގެ އަސަރު ނުފެންނަ މީހުން، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ކަން އަންގައިދިނުމުގެ ގާބިލުކަން ލިބިފައިވާ އެޕްލިކޭޝަނެއް ތަރައްގީ ކޮށްފައި ވާކަމަށް ސައެންސްވެރިންގެ ޓީމަކުން ބުނެފިއެވެ.
ބަލިޖެހުމަށްފަހު ހަށިގަނޑުގެ ބޭރުފުށުން ބަލީގެ އަސަރު ފެންނަ މީހުން ކޮވިޑް-19އަށް ޕޮޒިޓިވްކަން އަންގައިދޭ އެޕްލިކޭޝަންއަކީ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ނުވަތަ މަސްނޫއީ ތޫނުފިލިކަމުގެ ޓެކްނޮލޮޖީ ބޭނުންކުރާ އެޕްލިކޭޝަނެއް ކަމަށް މައުލޫމާތު ލިބެއެވެ.
އެމެރިކާގެ މެސަޝޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގެ ރިސާޗަރުން ބުނާ ގޮތުގައި، ކޮވިޑް-19ގެ އެސިމްޓޮމެޓިކް ޕޭޝަންޓުން ކެއްސާ ގޮތް، ދުޅަހެޔޮ މީހުންނާ ތަފާތު ވާނެއެވެ. މި ތަފާތަކީ އިންސާނުންގެ ކަންފަތަށް ފާހަގަވާނެ ފަރަގެއް ނޫން ކަމަށާ، ނަމަވެސް މިއީ އެއައި ޓެކްނޮލޮޖީގެ އެހީގައި ދެނެގަނޭވެނެ ފަރަގެއް ކަމަށްވެސް ރިސާޗަރުން ބުނެއެވެ.
އައިއީއީއީ ޖާނަލް އޮފް އިންޖިނޭރިންގް އިން މެޑިސިން އެންޑް ބައޮލޮޖީގައި އާންމު ކޮށްފައިވާ ދިރާސާ ބުނާ ގޮތުގައި އޭއައި ޓެކްނޮލޮޖީގެ އެހީގައި ކޮވިޑް-19ގެ އެސިމްޓޮމެޓިކް ޕޭޝަންޓުން ދެނެގަންނަނީ، ގަދަކަމުން ކެއްސުވައިގެން ރެކޯޑްކޮށްފައިވާ އަޑުތައް ބޭނުން ކޮށްގެންނެވެ.
މި ރެކޯޑިންގްތަކަކީ ވެބް ބްރައުސަރުތަކާ، މޯބައިލްއާއި ލެޕްޓޮޕް ފަދަ ޑިވައިސްތައް ބޭނުން ކޮށްގެން މީހުން އަމިއްލަ އިހުތިޔާރުގައި ހުށަހަޅާފައިވާ ރެކޯޑިންގްތަކެއް ކަމަށްވެސް އެމްއައިޓީގެ ރިސާޗަރުން ވަނީ ހާމަކޮށްފައެވެ. ދިރާސާ ޓީމުން ވަނީ، ކެއްސުމުގެ އެތައް ހާސް ރެކޯޑިންގްއަކަށް މި އެޕްލިކޭޝަން ހާނުވާފައެވެ. ހަމަ އެހެންމެ، ވާހަކަދައްކާ އުޅުމުގައި ބޭނުންކުރާ ބަސްތަކަށްވެސް މި އެޕް ހާނުވާފައި ވާ ކަމަށް މައުލޫމާތު ލިބެއެވެ.
މި މޮޑެލްއަށް، (ކޮވިޑް-19ގެ ކަށަވަރު ކޭހެއް) ކެއްސުމުގެ އާ ރެކޯޑިންގްއެއް ފީޑް ކުރުމުން، 98.5 ޕަސެންޓަށް ކަށަވަރު ޖަވާބުދެއެވެ.
ދިރާސާ ޓީމުން ބުނާ ގޮތުގައި ކެއްސުމުގެ 100 ޕަސެނެޓް އަޑުތަކަކީ އެސިމްޓޮމެޓިކް ކޮވިޑް ކޭސްތަކުގެ ރެކޯޑިންގްތަކެކެވެ. އެމްއައިޓީގެ ދިރާސާ ޓީމުން މިހާރު ދަނީ އާންމުންނަށްވެސް ބޭނުން ކުރަން ފަސޭހަ އެޕްލިކޭޝަނެއްގެ ގޮތުގައި މި މޮޑެލް އެޕްލިކޭޝަން ފަރުމާ ކުރުމުގެ މަސައްކަތް ކުރަމުންނެވެ.
ކަމާ ބެހޭފަރާތްތަކުން ނަގަން ޖެހޭ ހުއްދަތައް ލިބުމުން، މިއީ އެއްވެސް އިތުރު ހަރަދަކާ ނުލާ، ހަށިގަނޑުގައި ވޭން ނަޅާ، ކޮވިޑް-19އަށް ޓެސްޓު ކުރެވޭނެ އީޖާދާކަށް ވާނެއެވެ.
ކޮވިޑް-19ގެ ކުރިން، ދިރާސާ ޓީމުތަކުން ވަނީ ކެއްސާ އަޑަށް ބަލައިގެން، އެމީހަކީ ނިއުމޯނިއާ ޖެހިފައިވާ މީހެއްތޯ ނުވަތަ ނޭވާ ހިއްލާ މީހެއްތޯ ބެލުމަށް އެހީވެދޭ އެޕްލިކޭޝަން އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައެވެ.