ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އިން ޖައްސާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އެމެރިކާ ފެއިލްވެފައި ވާ ކަމަށް، ރައީސް ޑޮނާލްޑް ޓްރަމްޕްގެ ޗީފް އޮފް ސްޓާފް އިއުތިރާފުވެވަޑައިގެންފިއެވެ.
ވައިޓްހައުސްގެ ޗީފް އޮފް ސްޓާފް މާކް މެޑޯޒް ވިދާޅުވީ، ކޮވިޑް-19 ކޮންޓްރޯލް ކުރެވެން އޮތީ ވެކްސިނާ ފަރުވާ ހޯދިގެން ކަމަށެވެ.
މާކް މެޑޯޒް މިފަދަ ރޫހެއްގައި ވާހަކަދައްކަވާފައި މިވަނީ، އަނެއްކާވެސް އެމެރިކާގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވާން ފަށާފައިވާ ދަނޑިވަޅެއްގައެވެ. އަދި މިއީ، ރިޔާސީ އިންތިހާބަށް ވަގުތު ކުޑަތަންވަމުން އަންނަ ދުވަސްވަރެއް ކަން ވެސް ފާހަގަ ކުރަން ޖެހެއެވެ.
ރިޔާސީ ރޭހުގައި ޓްރަމްޕާ ދެކޮޅަށް ނިކުންނަވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ސިފަކުރެއްވި ގޮތުގައި މާކް މެޑޯޒްގެ ވާހަކަތަކަކީ، ބަލި ގަބޫލުކޮށް، ވިހުރާލި އާމަން ދިނުމުގެ ހުދު ދިދައެކެވެ. އަދި އެމެރިކާގެ ރައްޔިތުން ހިމާޔަތް ކުރުމަށް ސަރުކާރަށް މަތިކޮށްފައިވާ އެންމެ އަސާސީ ޒިންމާވެސް އަދާ ނުކޮށް ދޫކޮށްލާފައި ވާކަމަށް ބައިޑަން ވަނީ ސިފަކުރައްވާފައެވެ.
އެމެރިކާގެ އަދުގެ ހާލަތަށް ބަލާއިރު އެ ގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 8.88 މިލިއަނަށް ވުރެ މައްޗަށް އަރާފައެވެ. މިވަގުތު އެކްޓިވް ކޭހުގެ ގޮތުގައި 5.77 މިލިއަނަށް ވުރެ ގިނަ ކޭސް ރެކޯޑް ކޮށްފައި ވާއިރު، މީގެ ތެރޭގައި ކުރިޓިކަލް/ސީރިއަސް ހާލުގައި އޮތް 16377 ޕޭޝަންޓެއްވެސް ހިމެނެއެވެ. އެމެރިކާއިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 230510 މީހަކު ވަނީ އެ ބަލީގައި ދުނިޔެ ދޫކޮށްފައެވެ.