ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުވުމަށް، ފާމަސޫޓިކަލް ކުންފުނި، އަސްޓްރާޒެނީކާއާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން ތަރައްގީ ކުރަމުންދާ ވެކްސިންގެ ތަހުލީލީ މަރުހަލާގެ ބައިވެރިއަކު މި ދުނިޔެ ދޫކުރި ކަމުގައި ވީ ނަމަވެސް، ތަހުލީލުތައް ހުއްޓާނުލާ ކުރިއަށް ގެންދާނެ ކަމަށް، ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

ދުނިޔޭގެ އެކި މަންޒިލްތަކުގައި އަސްޓްރާޒެނީކާއާއި އޮކްސްފޯޑުން ކުރިގެންދާ ތަހުލީލީ ސިލްސިލާގެ ތެރެއިން، ބްރެޒިލްގެ ބައިވެރިއަކު ވަނީ މި ދުނިޔެ ދޫކޮށްފައެވެ. ނަމަވެސް އެ މީހާގެ މަރާ ބެހޭ އިތުރު އެއްވެސް ތަފްސީލެއް، ބްރެޒިލްއިން ހާމަކޮށްފައެއް ނުވެއެވެ.

އޮކްސްފޯޑް ޔުނިވާސިޓީއިން ބުނީ ވަރަށް ފަރުވާތެރިކަމާއެކު ހާލަތު މުރާޖައާ ކޮށްފައި ވާނެ ކަމަށާ، ސަލާމަތާ ގުޅިގެން ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ފެންނަން ނެތް ކަމަށެވެ.

އަސްޓްރާޒެނީކާއިންވެސް ވަނީ ވަކިވަކި ކޭސްތަކުގެ ތަފްސީލު ހާމަ ނުކުރެވޭނެ ކަމަށާ، ނަމަވެސް ކަންބޮޑުވާންޖެހޭ ސަބަބެއް ނެތް ކަމަށް ބުނެފައެވެ.

ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، މަރުވި ބައިވެރިޔާއަށް އޮކްސްފޯޑާއި އަސްޓްރާޒެނީކާގެ ވެކްސިން ދީފައި ނުވާކަން އެ ނޫހަށް ވަނީ އެނގިފައެވެ.

ދިރާސާގެ ބައިވެރިން 2 ގުރޫޕަކަށް ބަހާލުމަށްފަހު، އެއް ގުރޫޕަށް އޮކްސްފޯޑްއާއި އަސްޓްރާޒެނީކާގެ ވެކްސިން ދޭ އިރު، އަނެއް ގުރޫޕަށް ދެނީ މެނިންޖައިޓީސްއިން ދިފާއުވުމަށް މިހާރުވެސް ލައިސަންސް ދޫކޮށްފައިވާ ވެކްސިނެއް ކަމަށް މައުލޫމާތު ލިބެއެވެ.

އޮކްސްފޯޑްއާއި އަސްޓްރާޒެނީކާއިން ތަރައްގީ ކުރަމުން އަންނަ ވެކްސިންގެ ތަހުލީލީ މަރުހަލާގެ ބައިވެރިއަކަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެގެން، މިދިޔަ މަހު އިނގިރޭސިވިލާތުގެ ތަހުލީލުތައް މެދުކަނޑާލި ނަމަވެސް، މިމަޝްރޫއުވެސް އަލުން ވަނީ ފަށާފައެވެ.

ޗައިނާއިން ތަރައްގީ ކުރާ ވެކްސިނެއް ނުގަންނާނެ ކަމަށް ބުނެފައިވާ ބްރެޒިލްއިން ވަނީ، އޮކްސްފޯޑްއާއި އަސްޓްރާޒެނީކާގެ ވެކްސިން ކާމިޔާބު ވެއްޖެނަމަ، އެ ވެކްސިން ގަންނާނެ ކަން ހާމަކޮށްފައެވެ. އަވަށްޓެރި އިންޑިއާއިންވެސް ދަނީ މި ވެކްސިން ތަޖުރިބާ ކުރަމުންނެވެ.