ރާއްޖޭގައި ފަތުރުވެރިންނަށް ގިނަ ދުވަހަށް ޗުއްޓީ ހޭދަކުރެވޭނެ ފަދަ ޕެކޭޗްތަކެއް ތައްޔާރުކުރަމުންދާ ކަމަށް ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެެވެ.
މިނިސްޓަރ މައުސޫމު އެހެން ވިދާޅުވެފައިވަނީ ނިކެއި އޭޝިއާ އަށް ދިން އިންޓަވިއުއެއްގައެވެ.
އެގޮތުން މިނިސްޓަރ މައުސޫމު ވިދާޅުވީ، ރާއްޖެ އަލުން ފަތުރުވެރިންނަށް ހުޅުވާލާފައިވާ ފާއިތުވި ދެމަސްދުވަހު ފާހަގަވެފައިވާ އެންމެ ރަނގަޅު ކަމަކީ ރާއްޖެ އަންނަ ފަތުރުވެރިން ރާއްޖެގައި ގިނަ ދުވަހަށް ތިބުން ކަމަށެވެ. މިގޮތުން، މިހާރު ރާއްޖެ އަންނަ ފަތުރުވެރިން އެވްރެޖްކޮށް 20 ދުވަހަށް ރާއްޖޭގައި މަޑުކުރާ ކަމަށާ 2019 ވަނަ އަހަރު ރާއްޖޭގައި ފަތުރުވެރިން ތިބެނީ އެވްރެޖްކޮށް 7 ނުވަތަ 8 ދުވަހަށް ކަމަށެވެ.
މިނިސްޓަރ މައުސޫމް ވިދާޅުވީ، ރާއްޖެ އަންނަ ބައެއް ފަތުރުވެރިން އެމީހުންގެ ގައުމުގައި ކޮވިޑް-19 ގެ ކަންކަން ހުރި ގޮތާ މެދު ހިތްހަމަނުޖެހޭ ކަމަށާ މިފަދަ ބައެއް ފަތުރުވެރިން ރާއްޖެ އައުމަށްފަހު އެމީހުންގެ ޗުއްޓީ ދިގުދައްމާލާފައިވާ ކަމަށެވެ.
މިއާއެކު، ފަތުރުވެރިންނަށް ގިނަ ދުވަހު ރާއްޖޭގައި ޗުއްޓީ ހޭދަކުރެވޭނެ ފަދަ ގޮތަކަށް، ތިނެއް ނުވަތަ ހަތަރު ހަފްތާއަށް ޗުއްޓީ ކުރެވޭނެ ޕެކޭޗްތަކެއް ތައްޔާރުކުރަމުންދާ ކަމަށް ވެސް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.
ރާއްޖޭގެ ބޯޑަރު ހުޅުވާލި ފަހުން 40،840 ފަތުރުވެރިއަކު ވޭރުވެ ދިޔަ 3 މަސް ތެރޭ ރާއްޖެ އައިސްފައި ވާއިރު އެންމެ ގިނައިން ފަތުރުވެރިން އައީ ސެޕްޓެމްބަރު މަހެވެ. އެ މަހު އެކަނި ޖުމްލަ 9538 މީހަކު އަައިސްފައި ވެއެވެ.
މިދިޔަ މަހު އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައި ވަނީ، ރަޝިއާއިންނެވެ. އެގައުމުން 2065 ފަތުރުވެރިން އައިއިރު، ޔޫއޭއީ އިން 1029، ޔޫއެސް އިން 935 އަދި ޔޫކޭ އިން 625 ފަތުރުވެރިން ވަނީ އައިސްފައެވެ. އަދި ސްޕޭނުން 466، ބްރެޒީލުން 444، ޖާމަނީން 362، ފްރާންސުން 279، އިންޑިއާއިން 262ގެ އިތުރުން އިޖިޕްޓުން 232 ފަތުރުވެރިން އައެވެ.
ކޮވިޑް19 ގެ ބަލިމަޑުކަމާ ގުޅިގެން ބޯޑަރު ބަންދުކޮށްފައި އޮތުމަށް ފަހު މިދިޔަ ޖުލައި 15 ގައި ބޯޑަރު އަލުން ހުޅުވާލާފައި ވާއިރު، މިމަހު 15 އިން ފެށިގެން މާލެ ނޫން ސަރަހައްދުގެ ގެސްޓު ހައުސްތައް އޮޕަރޭޓްކުރަން ފެށުމަށް ހުއްދަ ދަނީ ދެމުންނެވެ.