ހަަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ކޮންޓްރޯލް ކުރުމަށް ސައުދީ އަރަބިއްޔާއިން ތަންފީޒު ކުރަމުންދާ ފިޔަވަޅުތަކަށް ލުއި ދޭން ފަށާފައިވާއިރު، މުސްލިމުންގެ އެންމެ މުޤައްދަސް މަސްޖިދުލް ޙަރަމްގައި އާންމުކޮށް ނަމާދު ކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން ތަންފީޒު ކުރަން ފެށި ހަރުކަށި ފިޔަވަޅުތަކަށް، މަރުހަލާތަކަކަށް ބަހާލައިގެން ސައުދީއިން ލުއި ދޭން ފަށާފައި ވާއިރު، މިއަދުގެ ފަތިސް ނަމާދުން ފެށިގެން، މަސްޖިދުލް ޙަރަމްގައި ނަމާދު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.
މިއަދުގެ ފަތިސް ނަމާދުން ފެށިގެން މަސްޖިދުލް ޙަރަމްގައި ނަމާދު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ސައުދީގެ ރައްޔިތުންނާއި އެ ގައުމުގައި ވަޒަންވެފައިވާ ރަށްވެހިންނަށެވެ. މައުލޫމާތު ލިބޭ ގޮތުގައި، މަސްޖިދުލް ޙަރަމްގައި ނަމާދު ކުރުމުގެ ފުރުސަތު އަދި ހުޅުވާލާފައިވަނީ ހާއްސަ ހުއްދައެއް އޮންނަ މީހުންނަށެވެ.
ކޮވިޑް-19އާ ގުޅިގެން އުމްރާގެ އަޅުކަން މެދުކަނޑާލާފައި އޮތުމަށްފަހު ސައުދީއިން އެކަމަށްވެސް ލުއިތަކެއް ދީފައިވާއިރު، މިއަދަކީ ލުއި ދިނުމުގެ ދެވަނަ މަރުހަލާ ތަންފީޒު ކުރަން ފެށި ދުވަހެވެ. އެގޮތުން މަސްޖިދުލް ޙަރަމްގެ ކެޕޭސިޓީގެ 75 ޕަސެންޓް ބޭނުން ކުރަމުންދާނެ ކަމަށް ޚަބަރު ލިބެއެވެ. މި މަރުހަލާގައި މަސްޖިދުލް ޙަރަމްގައި ޢުމްރާ ވެވޭ ކެޕޭސިޓީ 15000 މީހުންނަށް އިތުރުކޮށް، އަޅުކަން ކުރުމަށް ދުވާލެއްގެ މައްޗަށް 40000 މީހުންނަށް އެ މިސްކިތަށް ވަދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ.
ގައުމުން ބޭރުން ސައުދީއަށް ދަތުރުކުރާ ފަރާތްތަކަށް ޢުމްރާ ވުމުގެ ފުރުސަތު ދެނީ 3 ވަނަ މަރުހަލާގައެވެ. 3 ވަނަ މަރުހަލާ ފެށުމަށް ތާވަލު ކޮށްފައި ވަނީ ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހަށެވެ. މިއީ ފުލް-ކެޕޭސިޓީގައި ހިންގައިގަންނާނެ މަރުހަލާއެކެވެ. ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން ދުވާލަކު 20000 ޢުމްރާ ވެރިންނަށް ފުރުސަތު ލިބޭނެ ކަމަށާ، އަޅުކަން ކުރުމަށް ދުވާލަކު 60000 މީހުންނަށް ފުރުސަތު ދެވޭނެ ގޮތަށް ވަނީ ހަމަޖައްސާފައެވެ. ވަނަ މަރުހަލާއަކީ މަސްޖިދުލް ޙަރަމް، އާންމު ހާލަތަށް ގެނެވޭ މަރުހަލާއެވެ. އެއީ ކޮވިޑް-19ގެ ހުރިހާ ނުރައްކަލެއް ފިލާ ދިއުމުން ތަންފީޒު ކުރާ މަރުހަލާއެކެވެ.