ނިއުޒިލޭންޑްގެ ބޮޑުވަޒީރު ކަމަށް ޖަސިންޑާ އާޑަން އަލުން ހޮވިވަޑައިގަތުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކަމަނާއަށް މަރުހަބާ ދަންނަވައިފިއެވެ.
ޖަސިންޑާ ބޮޑުވަޒީރު ކަމުގެ ދެވަނަ ދައުރަކަށް ހޮވިވަޑައިގެންނެވީ މިއަދު ނިއުޒިލޭންޑްގައި ބޭއްވި އިންތިޚާބު ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވުމަށް ފަހުއެވެ.
ރައީސް ސޯލިހް މަރުހަބާގެ މެސެޖެއް ފޮނުއްވަމުން ވިދާޅުވީ، ގުދުރަތީ ގޮތުން ރާއްޖެއާއި ނިއުޒިލެންޑަކީ ވަރަށް ދުރުގައި އޮންނަ ގައުމެއް ކަމަށެވެ. ނަމަވެސް ދެ ގައުމުގެ ދެމެދުގައި ގާތް ގުޅުމެއް އަބަދުވެސް އޮންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އަދި ކުރިއަށް އޮތް ތަނުގައި އެ ގައުމާ އެކު ގިނަ މަސައްކަތްތަކެއް ކުރައްވަން ނިންމަވާފައިވާ ކަމަށް ވެސް ރައީސް ސޯލިހް ވިދާޅުވިއެވެ.
ޖަސިންޑާ އަކީ މުސްލިމް ގައުމުތަކުގައި މަގުބޫލު މީހެކެވެ. އަދި ކޮވިޑްގެ މި ހާލަތުގައި ނިއުޒިލެންޑާ އެކު ޖަސިންޑާ ވަނީ ގިނަ ގުނަ މަސައްކަތްތަކެއް ކޮށްފައެވެ. އެގޮތުން މި ޕެންޑެމިކްގައި އެ ގައުމުން ކޮވިޑް ބަލީގައި މަރުވެފައި ވަނީ 25 މީހުންނެވެ. އަދި ނިސްބަތުން އެ ގައުމުގައި ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ ވެސް މަދު އަދަދެއްކަން ފާހަގަކޯށް ގިނަ ބަޔަކު ވަނީ ޖަސިންޑާއަށް ތައުރީފް ކޮށްފައެވެ.