ބޮޑުމަސް މަރުވުމުގެ ރެކޯޑް އޮންނަ ނިއުޒީލަންޑްގެ ގޮނޑުދޮށުގައި ތާށިވި ބޮޑުމަސް އައިނުގައި ހިމެނޭ 31 މަހެއް މަރުވެއްޖެއެވެ.

ނިއުޒީލަންޑްގެ ސައުތު އައިލަންދްގެ ފެއާވެލް ސްޕިޓްއޭ ކިއުނު ސަރަހައްދާ ގާތްގަނޑަކަށް 3 ކިލޯމީޓަރު ދުރުން، ބޮޑުމަސް އައިން ތިލަވެފައި ވާތީ، ވައިލްޑްލައިފް އޮފިޝަލުންނަށް އެންމެ ފުރަތަމަ ފެނުނީ ބުރާސްފަތި ދުވަހުގެ ވަގުތެއްގައެވެ.

ގޮނޑުދޮށަށް ބީހި، ތިލަވެފައިވާ ބޮޑުމަސްތައް ފުންކޮށް، ކަނޑަށް ދޫކުރުމުގެ މަސައްކަތް މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު، ސަލާމަތް ކުރެވުނީ 5 މަހެއް ކަމަށް މައުލޫމާތު ލިބެއެވެ. ކަނޑަށް ފޮނުވާލި 5 މަހުގެ ތެރެއިން 2 މަސް އަނެއްކާވެސް އެއްގަމަށް ތިލަވުމުން، ބޭސް ދީގެން އެ މަސްތައް މަރާލާފައި ވާ ކަމަށްވެސް ހަބަރު ލިބެއެވެ.

ގޮނޑުދޮށަށް ބޮޑުމަސް ތިލަވުމަކީ ހިތްދަތި ކަމަކަށް ވީ ނަމަވެސް، އެއީ ގުދުރަތުން ހިނގަމުން އަންނަ ކަމެއް ކަމަށް ނިއުޒީލަންޑްގެ ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

މިފަހަރުވެސް ބޮޑުމަސްތައް ބީހުނު ސަރަހައްދު، ނުވަތަ ފެއާވެލް ސްޕިޓްއަކީ މިފަދަ ހާދިސާތައް އާންމުކޮށް ހިނގާ ސަރަހައްދެކެވެ. ނަމަވެސް އެއީ ކަނޑައެޅިގެން ކީއްވެގެން މެދުވެރިވާ ކަމެއްކަން އަދި ހޯދިފައެއް ނުވެއެވެ.