ބޮޑުވަޒީރު ކަމުގެ މަގާމަކީ ޒިންމާތަކަކާއި މަސްއޫލިއްޔަތު ތަކެއް އޮންނަ ކަމެއް ކަމަށާއި އިތުރަށް މަގާމުގައި ދެމިހުންނެވުމުގެ ހިއްވަރު ނެތުމުން އިސްތިއުފާ ދެއްވަން ނިންމަފައިވި ކަމަށް ނިއުޒީލަންޑްގެ ބޮޑުވަޒީރު ޖެސިންޑާ އާޑަން ވިދާޅުވެއްޖެއެވެ.
އިންސާފުވެރިކޮށް މަސްއޫލިއްޔަތު އަދާ ކުރާކަށް "ޓޭންކްގައި ބާކީ އެއްޗެއް ދެން ނެތް" [ޒިންމާ އުފުލާނެ އިތުރު ހިއްވަރެއް ނެތް] ކަމަށް ވިދާޅުވެ ކަރުނަ ފޮއްސަވަމުން އޭނާ ވިދާޅުވީ، ވެރިކަމުގެ އެންމެ ފަހު ތާރީހަކީ އަންނަ ފެބްރުއަރީ 7 ކަމަށެވެ.
ނިއުޒީލަންޑްގެ އާންމު އިންތިހާބު އޮންނާނީ އަންނަ އޮކްޓޯބަރު މަހުގެ 14 ގައެވެ.
އޭގެ މާ ކުރިން ޖެސިންޑާ އިސްތިއުފާ ދެއްވަން އިއުލާން ކުރެއްވުމުން އާ ލީޑަރަކު އިންތިހާބު ކުރުމަށް އަންނަ އާދީއްތަ ދުވަހު އެތެރޭގެ [ކޯލިޝަން] ވޯޓު ނަގާގޮތަށް ވަނީ މިހާރު ނިންމާފައެވެ.
މީގެ 5 އަހަރު ކުރިން ކޯލިޝަން ސަރުކާރެއް އެކުލަވާލި ޖެސިންޑާ ވަނީ މީގެ 2 އަހަރު ކުރިން ބޭއްވި މެދު އިންތިހާބު ވެސް ކާމިޔާބު ކުރައްވާފައެވެ. އެ އިންތިހާބުގައި ކޮންޒަވޭޓިވުން ބޮޑުތަނުން ބަލިކޮށް ލޭބާ ޕާޓީން ކާމިޔާބު ކުރި އިރު ހިޔާލު ހޯދުމުގެ ވޯޓުން ދައްކާ ގޮތުން އަދިވެސް އެގައުމުގައި ބޮޑުވަޒީރަކަށް އެންމެ މަގުބޫލު ބޭފުޅަކީ ޖެސިންޑާއެވެ. ނަމަވެސް ފާއިތުވެ މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ލޭބާ ޕާޓީގެ މަގުބޫލުކަން ކުޑަވާ ކަމަށްވެސް ހިޔާލު ހޯދުމުގެ ނަތީޖައިން ދައްކައެވެ.
ޖެސިންޑާ އިސްތިއުފާ ދެއްވުމުން އެ މަގާމަށް ވާދަ ކުރައްވަން އެއްވެސް ބޭފުޅަކު އަދި ޝައުގުވެރިކަން ފާޅު ކުރައްވާފައި ނުވާ އިރު އޭނާގެ ޑެޕިއުޓީގެ މަގާމުގައި ހުންނެވި އަދި ފިނޭންސް މިނިސްޓަރުކަން ވެސް ކުރައްވާ ގްރާންޓް ރޮބާޓްސަން ވިދާޅުވެފައި ވަނީ އޭނާގެ ޝައުގުވެރިކަން ނެތް ކަމަށެވެ.
ޖެސިންޑާގެ މަގުބޫލުކަން އަދިވެސް އޮތް އިރު އޭނާ އިސްތިއުފާ ދެއްވާ ސާފު ސަބަބެއް ނޭނގެއެވެ. އޭނާގެ ޒައާމަތުގައި އެގައުމު ކޮވިޑާ ހަނގުރާމަ ކުރި ގޮތާއި، އެގައުމުގެ މުސްލިމުންނާ މެދު ކަންތައްތައް ކުރައްވާފައި ވާ ގޮތުން ގިނަ ބައެއްގެ ތައުރީފު އޭނާއަށް ލިބެއެވެ.
ޖެސިންޑާ ވިދާޅުވީ، ބޮޑުވަޒީރު ކަމުން އޭނާ އިސްތިއުފާ ދެއްވި ނަމަވެސް އަންނަ އިންތިހާބާ ހަމައަށް ގާނޫނު ހަދާ މަޖިލީހުގައި ދެމިހުންނަވާނެ ކަމަށެވެ. އަދި އޭގެ ފަހުން ކަންކުރައްވާނެ ގޮތް ކަމަށް ހަބަރުތަކުން ބުނެފައި ވަނީ، އޭނާގެ ދަރިފުޅަށް ވަގުތު ދެއްވުމާއި ޒަމާންވީ ލޯބިވެރިޔާއާ ކައިވެނި ބައްލަވައިގަތުން ކަމަށެވެ.