އުފަންވި އިރުވެސް ހިތުގައި އައިބެއް ހުރުމުގެ ސަބަބުން އޯޕަން ހާޓު ސާޖަރީއެއް ހަދަން ޖެހުނު 6 މަހުގެ ތުއްތު ކުއްޖެއްގެ ސާޖަރީ، ކޮވިޑް ވެކްސިން ޖެހި މީހުންގެ ލޭ ނާޅާ ކޮށްފިއެވެ.
ނިއުޒީލަންޑްގައި ހިނގި މި ހާދިސާގައި އޮޕަރޭޝަން ކުރަން ޖެހުމުން ކުއްޖާއަށް ލޭ ބޭނުން ވާތީ، ހޮސްޕިޓަލުން ހަމަޖެއްސި ހުރިހާ ޑޯނަރުންނަކީ ވެސް ކޮވިޑް ވެކްސިން ޖަހާފައި ތިބި މީހުން ކަމަށް ވުމުން އެ ކުއްޖާގެ މައިންބަފައިން އެކަމާ ދެކޮޅު ހެދިއެވެ. އެމީހުން ބުނީ، ވެކްސިން ޖަހާފައި ތިބޭ މީހުންގެ ލެޔަށާއި ހަށިގަނޑަށް އަންނަ ބަދަލާ ގުޅޭ ވާހަކަތައް އާންމު ވެފައި ވާ އިރު އެފަދަ މީހުންގެ ހަށިގަނޑުގެ ތެރޭގައި ހުންނަ ޕްރޮޓީން މިންވަރު ކުއްލި އަކަށް މަތިވެ، ލޭ ދޭ ހާލަތުގައި ލޭ އަޅާ މީހާ މަރުވާކަމުގެ މައުލޫމާތު ލިބިފައި ވާ ކަމަށެވެ.
އެހެން ކަމުން އެ ސާޖަރީގެ މައްސަލަ ކޯޓަށް ހުށަހެޅުމުން، ކޮވިޑް ވެކްސިން ޖެހި މީހުންގެ ލެޔާ ނުލައި އޯޕަން ހާޓް ސާޖަރީ ކުރަން ކޯޓުން އަމުރު ކުރިއެވެ.
ކޯޓު އޮފިޝަލުންގެ ވެސް ބެލުމުގެ ދަށުން ކުރިއަށް ގެންދިޔަ އެ ސާޖަރީ ކާމިޔާބު ކަމަށާއި ކުއްޖާގެ ހާލު ރަނގަޅު ކަމަށް ހޮސްޕިޓަލުން ވަނީ ބުނެފައެވެ.
ލޭގައި ޕްރޮޓީންގެ މިންވަރު އިތުރު ވާ މައްސަލައިގައި ހޮސްޕިޓަލުން ބުނީ، މިންވަރެއް އިތުރު ވާ ކަން ފެނުމުގެ ޗާންސް ވަރަށް ކުޑަ ކަމަށާއި އަދި ފެނުނަސް އެއީ ޕިކޯގްރާމެއް (ޒައްރެއްގެ މިންވަރު) އެއް ކަމަށެވެ. އަދި ކޮވިޑް ވެކްސިން ޖެހި މީހުންގެ ލޭ އެޅި މީހަކަށް އެއްވެސް ނުރައްކަލެއް ދިމާވި ކަމުގެ ރެކޯޑެއް މިހާތަނަށް ނެތް ކަމަށްވެސް ބުނެއެވެ.
މި މައްސަލަ ކޯޓާ ހިސާބަށް ދާން ޖެހުނީ އެ ކުއްޖާގެ އޮޕަރެޝަނަށް އާއިލާގެ ފަރާތުން ހޯދި ޑޯނަރުގެ ގައިން ނަގާ ލޭ ނޫން ލެޔެއް އަޅަން އެ ކުއްޖާގެ މައިންބަފައިން ދެކޮޅު ހެދުމުން، ވަކި މީހެއްގެ ލޭ އަޅަން ހޮސްޕިޓަލަށް މަޖުބޫރު ނުވާނެ ކަމަށް ހޮސްޕިޓަލުން ބުނުމާ އެކުގައެވެ.
ނިއުޒީލަންޑަކީ ކޮވިޑް ވެކްސިން ފުރިހަމަ ކުރި ގައުމުތަކުގެ ތެރެއިން 1 ގައުމެވެ. އެގައުމުގެ އާބާދީގެ 90 ޕަސެންޓް މީހުން ވަނީ ވެކްސިން ޖަހާފައެވެ.