ފަރުވާއެއް އަދި ވެކްސިނެއްވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަވަށްޓެރި ސްރީލަންކާއިން "ކަރަންޓީނު ގާނޫނު" އިތުރަށް ހަރުކަށިކޮށް، ގެޒެޓް ކޮށްފިއެވެ.

ކޮވިޑް-19ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމުގައި ދެކުނު އޭޝިއާ ސަރަހައްދުން ކާމިޔާބު މަސައްކަތްތަކެއް ކޮށްފައިވާ ސްރީލަންކާއިން، ކަރަންޓީނު ގާނޫނަށް ގެނައި ހަރުކަށި އިސްލާހުތައް ބުނާ ގޮތުގައި، މާސްކު އެޅުމާއި ޖިސްމާނީ ގައިދުރުކަން ތަންފީޒު ކުރަން ފެއިލްވެއްޖެނަމަ، 6 މަސްދުވަހުގެ ޖަލު ހުކުމެއް އިއްވުން ނުވަތަ 10000 ރުޕީޒްއިން ޖޫރިމަނާ ކުރުން އެކަށީގެންވެއެވެ.

އާ އުސޫލުތައް ބުނާ ގޮތުގައި ބޭރުގައި އުޅޭ ހުރިހާ ވަގުތެއްގައި މާސްކު އެޅުން މަޖުބޫރެވެ. އަދި ކޮންމެ 2 މީހެއްގެ ދެމެދުގައި އެންމެ ކުޑަވެގެން 1 މީޓަރުގެ ޖިސްމާނީ ގައިދުރުކަން ހުންނަން ލާޒިމެވެ. މި އިސްލާހުގައި "ބޭރުތެރެ" މަނާ ކުރާ ގޮތަށް ބަލާއިރު، ސުޕާމާކެޓްތަކާ، ރީޓެއިލް ފިހާރަތަކުގެ އިތުރުން އާންމު ދަތުރުފަތުރުގެ އުޅަނދުތައްވެސް ވަނީ ހިމަނާފައެވެ.

ސްރީލަންކާއިން ކަރަންޓީނު ގާނޫނަށް އިސްލާހީ ހަރުކަށި ބަދަލުތަކެއް ގެނެސްފައި މިވަނީ، މިމަހުގެ 4 ވަނަ ދުވަހުން ފަށައިގެން އެ ގައުމުން ކޮވިޑް-19ގެ ކޭސްތައް ފެންނަ މިންވަރު އިތުރުވާން ފެށުމާ ގުޅިގެންނެވެ. ކޭސް ނަމްބަރު އިތުރު ވަމުންދާ ސަރަހައްދުތަކގުގައި ކާފިއު ތަންފީޒު ކުރަން ފަށާފައިވާއިރު، ބައިނަލްއަގުވާމީ ވައިގެ ބަނދަރު ހިމެނޭ ސަރަހައްދުގައިވެސް ވަނީ ކާފިއު އިއުލާންކޮށްފައެވެ.

ސްރީލަންކާގެ އަދުގެ ހާލަތަށް ބަލާއިރު އެގައުމުން ކޮވިޑް-19 ޖެހުނު މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 5354 އަށް އަރާފައެވެ. ނަމަވެސް، ކޮވިޑް-19ގައި ސްރީލަންކާއިން މަރުވި މީހުންގެ އަދަދު މާޗް މަހުން ފެށިގެން ރެކޯޑް ކޮށްފައިވަނީ އެންމެ 13 ކޭހުގެ ގޮތުގައެވެ.