އެމެރިކާގެ އެއްބާރުލުމާއެކު ސޫރިޔާގެ އުތުރުގެ ސަރަހައްދުތައް ކޮންޓްރޯލް ކުރަމުންދާ ހަތިޔާރުއެޅި ހަނގުރާމަވެރި ކުރުދީންގެ ބާރުގެ ދަށުގައިވާ ސަރަހައްދުތަކުގައި ހައްޔަރުކޮށްފައިވާ، އައިސިސް ގައިދީންގެ ތެރެއިން އެތައް ސަތޭކަ ގައިދީންނެއް މިނިވަން ކޮށްފިއެވެ.

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތުގެ ހަނގުރާމަވެރިންގެ ގޮތުގައި ސޫރިޔާގައި ހަރަކާތްތެރިވި ހަނގުރާމަވެރިންގެ ތެރެއިން ކުރުދީންގެ ބާރުގެ ދަށުގައި ހައްޔަރުކޮށްފައި ތިބި 600 އަށްވުރެ ގިނަ ހަނގުރާމަވެރިން މިނިވަން ކޮށްފައި ވަނީ ޢަފޫއާންމު އުސޫލުން ކަމަށް ޚަބަރު ލިބެއެވެ.

ޤަމީޝްލީގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަމުން، ސީރިއަން ޑިމޮކްރަޓިކް ކައުންސިލްގެ އިސްވެރިޔާ އަމީނާ އުމަރު ބުނީ، މިނިވަން ކުރި ހަނގުރާމަވެރިންނަކީ އެމީހުންގެ "އަތްތައް، ލެއިން ތަގައްޔަރުވެފައިވާ" ބައެއް ނޫން ކަމަށާ، އައިސިސްއާއި ގުޅެވުނީތީ އެ މީހުން ތައުބާވެސް ވެފައި ވާ ކަމަށެވެ. މިނިވަން ކުރި ހަނގުރާމަވެރިންނަކީ "އިސްލާހު" ވެވޭނެ މީހުން ކަމަށް އަމީނާ ވަނީ ބުނެފައެވެ.

ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި އައިސިސް ޖަމާއަތާ ގުޅުނު އިސްހާގު މުސްތޮފާއޫއީ (މ) ގެ އިނގިރޭސި ރަށްވެހިކަން ގެއްލުނީ 2018ގަ /ފޮޓޯ: ބީބީސީ

ސީރިއަން ޑިމޮކްރަޓިކް ކައުންސިލުން ބުނީ ބުރާސްފަތި ދުވަހު 631 ހަނގުރާމަވެރިއަކު މިނިވަން ކޮށްފައި ވާ ކަމަށާ، ހަމަ އެހެންމެ، 253 ހަނގުރާމަވެރިއެއްގެ ބަންދުގެ މުއްދަތުން 2 ބައިކުޅަ 1 ބައި މައާފު ކޮށްފައި ވާނެ ކަމަށެވެ. އަދި މިނިވަން ކޮށްފައިވާ ހަނގުރާމަވެރިންނަކީ، އެމީހުންގެ މައްޗަށް އިއްވާފައި ވާ ހުކުމުގެ 2 ބައިކުޅަ 1 ބައި ފުރިހަމަ ކޮށްފައި ވާ މީހުން ކަންވެސް އަމީނާ ވަނީ ފާހަގަ ކޮށްފައެވެ.

ހައްދުފަހަނައަޅާފައިވާ ޓެރަރިސްޓް އައިސިސް ޖަމާއަތާ ގުޅިގެން ހަނގުރާމަ ކުރަމުންދިޔަ މީހުން ހައްޔަރު ކުރުމަށް، ސޫރިޔާގެ އިރުއުތުރު ސަރަހައްދުތަކުގައި ކުރުދީންގެ ބާރުގެ ދަށުގައި 24 އަށްވުރެ ގިނަ ޖަލު އޮޕަރޭޓް ކުރެއެވެ. އައިސިސްގައި ހަރަކާތްތެރިވި 10000 އެއްހާ ހަނގުރާމަވެރިން މި ޖަލުތަކުގައި އެބަތިބި ކަމަށް ޚަބަރު ލިބެއެވެ. މީގެ ތެރޭގައި 2000 އެއްހާ ބިދޭސީ ހަނގުރާމަވެރިންވެސް ތިބިއިރު، މީގެ ތެރެއިން ބައެއް މީހުން ނިސްބަތްވާ ގައުމުތަކުން ވަނީ، އެމީހުން އަނބުރާ ގައުމަށް ގެންދަން ބޭނުން ނުވާ ކަން ހާމަކޮށްފައެވެ.

2014 ވަނަ އަހަރުން ފެށިގެން އިންތިހާއަށް ނުފޫޒުގަދަ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި އައިސިސްގެ ބާރު ގަދަ ކުރަމުން ދަނިކޮށް، ސޫރިޔާއާއި އިރާގު ހިމެނޭ ސަރަހައްދުގައި އައިސިސްއަށް ބާރު ގެއްލުނީ، އެމެރިޚާގެ އެއްބާރުލުމާއެކު، ސޫރިޔާގެ އިރުމަތީ އަވަށެއް ކަމަށްވާ ބާގޫޒްއަށް ކުރުދީ ބާރުގެ ސީރިއަން ޑިމޮކްރަޓިކް ފޯސަސް ވެރިވި ހިސާބުންނެވެ.