މީގެ ފަސް އަހަރު ކުރިން އޭޕްރިލް މަހު، ޖުމްހޫރީ ޕާޓީގެ އޮފީސް ކަމަށްވާ މ. ކުނޫޒުގައި ބޮމެއް ގޮއްވާލަން އުޅުނު ކަމަށް، ދައުލަތުން ބުނެފިއެވެ.

އެ މައްސަލައިގައި ފުލުހުން ބައެއް ތަންތަން ބަލައި ފާސް ކުރުމަށް ފަހު، ޓީއެންޓީ އާއި ގޮވާ ތަކެތި ހަދަން ބޭނުންކުރާ ކެމިކަލްގެ 10 ކިލޯ ހޯދާފައިވެއެވެ. އެ ތަންތަނަކީ:

  • މއ. ކިނާރާހައުސް
  • ބިދޭސީން ގެންނަ އޭޖެންސީއެއް ކަމަށްވާ އެޓިކް ޕްރައިވެޓް ލިމިޓެޑްގެ އޮފީސް
  • މއ. ނަމޫނާގެ

އެގޮތުން، ބޮމުގެ ހަމަލާ ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރުކޮށް ދައުވާ ކުރުމަށް ފަހު، ފުލުހުން ބުނެފައިވަނީ އެ މީހުން ހައްޔަރުކުރީ މާލޭގެ ފަސް ތަނެއްގައި އައިއީޑީ ގޮއްވާލަން އުޅުމުން ކަމަށެވެ. ނަމަވެސް ފުލުހުން މިއަދު ބުނީ، އެ މީހުން މަސައްކަތްކުރީ ޖުމްހޫރީ ޕާޓީގެ ޖަލްސާއެއް ކުރިއަށް ދަނިކޮށް ކުނޫޒު ގޮއްވާލަން ކަމަށެވެ.

އެ މައްސަލައިގައި ހައްޔަރުކޮށް، ޓެރަރިޒަމްގެ އަމަލެއް ހިންގަން އުޅުނު ކަމުގެ ދައުވާ އުފުލާފައި ވަނީ:

  • އިއުތިސާމް މުހައްމަދު، ގަމަރީ / ގދ. މަޑަވެލި
  • ނާސިއު މުހައްމަދު، ވިދުވަރުގެ / ހއ. ހޯރަފުށި
  • މުހައްމަދު ތަސްލީމް، އަލަނާސިގެ / ހއ. ހޯރަފުށި
  • ޝިމާން ޝަރީފް، ރިވެލި / ހދ. ނައިވާދޫ

އެ މައްސަލައިގެ އަޑުއެހުންތައް އެންމެ ފުރަތަމަ ގެންގޮސްފައި ވަނީ ސިއްރުންނެވެ. ނަމަވެސް، އެ މައްސަލައާ ފަހުން ހަވާލުވެ ވަޑައިގަތް ގާޒީ އަލީ ނަދީމް ނިންމަވާފައިވަނީ އެ މައްސަލައިގެ އަޑުއެހުންތައް އާންމުކޮށް ހުޅުވާލައިގެން ގެންދިއުމަށާއި، މައްސަލަ އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށެވެ.

ބޮން ގޮއްވާލަން އުޅުނު މައްސަލައިގައި ނާސިއު ފިޔަވައި، ދައުވާ ލިބޭ ބާކީ މީހުން ވަނީ އެ ދައުވާއަށް އިންކާރުކޮށްފައެވެ.

ދައުލަތުން އެ މީހުނާ ދެކޮޅަށް ހުށަހެޅި ހެކިތައް:

  • ސީނަށް ދިޔަ ފުލުހުން
  • ސިއްރު ހެކިން
  • އިންޓެލިޖެންސް ރިޕޯޓުތައް
  • ސީރިއާ އަށް ހަނގުރާމައަށް ދެވޭނެ މަގު ބަންދުވާތީވެ، ކަންބޮޑުވުން ފާޅުކޮށް ދައްކާފައިވާ ވާހަކަތައް
  • ސިޔާސީ ޕާޓީތަކުގެ މެދުގައި އިތުރު ހަމަނުޖެހުން އުފައްދަން ޖެހޭ ކަމަށް ދައްކާފައިވާ ވާހަކަތައް
  • އެޓިކް އޮފީހުގެ ތެރޭގައި އައިއީޑީ ހަދަން ބޭނުންކުރާ ކެމިކަލް ކައްކާފައިވާ ކަމާއި، ޕޮޓޭސިއަމް ނައިޓްރޭޓް ފެނިފައިވާ ކަން ސާބިތު ކުރުމަށް ހުށަހަޅާ ހެކި

ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އެ މައްސަލައިގައި ދައުވާ ލިބޭ ޝިމާންގެ ދިފާއީ ވަކީލު އައިޝަތު ޝިފްނީ ވިދާޅުވީ، ޝިމާނަކީ މިކަމުގައި އެއްވެސް ބައިވެރިވުމެއް އޮތް މީހެއް ނޫން ކަމަށާއި، ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި އޭނާގެ ނަން ނޫން އިތުރު ތަފްސީލެއް ނެތް ކަމަށެވެ.

ތަސްލީމާއި އިއުތިސާމްގެ ދިފާއީ ވަކީލް އަހްމަދު ޔާމީން ވިދާޅުވި ގޮތުގައި، ދިފާއުންނަށް އެއްވެސް ވަރަކަށް އެންގުމެއް ނެތި، މައްސަލައިގެ ސީޣާ އަށާއި، ހެކިން ހުށަހަޅާފައިވާ ސަބަބުތަކަށް ދައުލަތުން ބަދަލު ގެނެސްފައިވެއެވެ.

އޭގެ ރައްދުގައި ދައުލަތުން ބުނީ، މައްސަލައިގެ ސީޣާ އަށާއި ހެކިން ހުށަހަޅާފައިވާ ސަބަބުތަކަށް ބަދަލު ގެނެސްފައި ވަނީ ޝަރީއަތުގެ ހުއްދަ އާ އެކުގައި ކަމަށެވެ.

ދައުވާ ލިބޭ މީހުން ދިފާއީ ހެކިން ހުށަހަޅަން ބޭނުންވާތީވެ، ހަތް ދުވަހުގެ ތެރޭ ހެކި ހުށަހެޅުމަށާއި، މި މަސް ނިމުމުގެ ކުރިން ހުށަހަޅާ ހުށަހެޅުންތައް ހުށަހެޅުމަށް ގާޒީ ފުރުސަތު ދެއްވާފައިވެއެވެ.

މީގެ ކުރިން ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލާފައިވެއެވެ. ނަމަވެސް، މީގެ އަހަރެއް ކުރިން، މޭ މަހުގެ ހަވަނަ ދުވަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލައާ ގުޅިގެން ހަރުކަށި ފިކުރާ ދެކޮޅަށް ހިންގި އޮޕަރޭޝަނެއްގައި ފުލުހުން ވަނީ އޭގެ މަހެއް ފަހުން މި ހަތަރު މީހުން އައްޑޫ ސިޓީން ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

ދައުވާ ލިބޭ ހަތަރު މީހުންގެ ތެރެއިން އިއުތިސާމަކީ ޓްވިޓާގައި އައިއެސް ޖަމާއަތަށް ވާގިދޭ ގޮތަށް ހިޔާލު ފާޅު ކުރުމުން، ޓްވިޓާއިން ބްލޮކްކޮށްފައިވާ މީހެކެވެ. ހަމަ އެއާއެކު، އެ ދައުވާ ލިބޭ ތަސްލީމަކީ ނަޝީދަށް އަމާޒުކޮށް ދިން ހަމަލައާ ގުޅިގެން އިތުރު ދައުވާ އެއް ވެސް ދައުލަތުން އުފުލާފައިވާ މީހެކެވެ.