ސީރިއާގެ އެކި ސަރަހައްދުތަކުގައި ޓްރަފަލް (ބިމު އަޑިއަށް ގޮނޑިލައި ހެދޭ މީރުވަސް ދުވާ ފަންގަހެއް) ނަގަން އުޅުނު ބަޔަކު އެގައުމުގައި ހަރަކާތްތެރިވާ އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތުން މަރާލައިފިއެވެ.

އެކި ދުވަސް މަތިން މި ޖަރީމާ ހިންގާފައި ވަނީ، ސީރިއާގެ ޕްރޮވިންސެއް ކަަމަށް ވާ ހޮމްސްގައެވެ. ޓްރަފަލްސް އަކީ މީރު ވަހެއް ދުވާ ގްރާނެއް 2.5 ޑޮލަރަށް ވިއްކޭ އަގުބޮޑު އަދި ތަޖު އެއްޗެކެވެ.

ސީރިއާގެ ޕަލްމޭރާ ހޮސްޕިތަލުގެ ޑިރެކްޓަރާ ހަވާލާދީ ބީބީސީ ބުނާ ގޮތުން، އެ ހޮސްޕިޓަލަށް ގެންދިޔަ ހަށިގަނދުތަކުގެ ތެރޭގައި އާންމުންގެ 46 މީހަކާއި ސިފައިންގެ 7 މީހަކު ހިމެނެއެވެ. ސީރިއާގެ ސަންއާ ނިއުސް އެޖެންސީން ރިޕޯޓު ކުރާ ގޮތުގައި، އެ އެންމެންވެސް މަރާލާފައި ވަނީ ބޮލަށް ބަޑިޖަހައިގެންނެވެ.

ޔޫކޭގައި ތިބޭ ސީރިއަން އޮބްޒަވެޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއާރްއެޗް) އިން ރިޕޯޓު ކޮށްފައި ވާ ގޮތުގައި، ޓްރަފަލް ނަގަން ތިބޭ މީހުން ހޯދާ އެމީހުން މަރަނީ، ސައިކަލުތަކުގައި އުޅޭ އައިއެސްގެ މެންބަރުންނެވެ.

މީގެ ކުރިންވެސް މިފަދަ ގަތުލު އާންމް ހިންގާ ކަމަށާއި މިދިޔަ ހޮނިހިރު ދުވަހުވެސް އެ ފަދަ ހަމަލާތަކުގައި 16 މީހަކު މަރާލާފައި ވާކަމަށް ވެސް ރިޕޯޓް ކޮށްފައި ވެއެވެ.

ސީރިއާގެ ސަރުކާރާ ދެކޮޅަށް އެގައުމުގައި ހިނގަމުން ދާ ދާހިލީ ހަނގުރާމަ އަށް 12 އަހަރު ވެފައި ވާ އިރު އިދިކޮޅު ހަނގުރާމަވެރިންގެ އަދަދު ގިނަވެ، ތަފާތު އެކިއެކި ޖަމާއަތްތައް ބައިވެރިވި މިހާރު ވަނީ ސީރިއާގެ އުތުރު ބިތް ހަނގުރާމަވެރިންގެ އަތްދަށުލައިފައެވެ. އެ ސަރަހައްދުގައި 4 މިލިއަނެއްހާ މީހުން ދިރިއުޅޭ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ސީރިއާ ހަނގުރާމައިގައި މިހާތަނަށް ބައި މިލިއަނެއްހާ މީހުން މަރުވެފައި ވާ އިރު، މުޅި ގައުމު ވަނީ ސުންނާފަތިވެ، އުމްރާނީ ވަސީލަތްތައް ނެތި ގޮސް، އިންގތިސޯދީ ގޮތުންނާއި، އިޖުތިމާއީ ގޮތުން ދަށު ދަރަޖައެއްގައެވެ. އދ ގެ އިދާރާތަކުން ބުނާ ގޮތުން، ސީރިއާގައި މިވަގުތުވެސް އިންސާނީ އެހީ ބޭނުންވާ 5 މިލިއަނަށް ވުރެ ގިނަ މީހުން އެބަތިއްބެވެ.

2014 ގައި އިސްލާމިކް ސްޓޭޓް ވަރުގަދަވެ ބަރުހަތިޔާރާއި، ތެލާއި އެނޫންވެސް މުއްސަނދިކަން އެމީހުންގެ ކޮންޓްރޯލަށް ގޮސްފައި ވާ އިރު، ސީރިއާ އާއި އިރާގު ހިއްސާކުރާ ސަރައްދުތަކުގައި ޖުމްލަ 8 މިލިއަނެއްހާ މީހުންގެ މައްޗަށް އަމްރުމައުރޫފް ހިންގަނީވެސް އައިސިސް އިންނެވެ.

ސީރިއާގެ ދާއިހިލީ ހަނގުރާމަ ކޮޅެއްގައި ނުޖެހި ދިހުލައިގެން ދާއިރު، އެގައުމުގެ ރައީސް ބައްޝާރުލް އަސަދު ދިފާއު ކޮށްދޭން ރަޝިއާ އާއި، އީރާން ފަދަ ގައުމުތަކާއެކު ބައިތި ހިފާފައި ވާ އިރު، ތުރުކީ، ގަތަރު، ސައުދީ އަދި އެމެރިކާ ފަދަ ގައުމުތަކަކީ ވަކިވެގަތުމަށް ހަނގުރާމަ ކުރާ ބައެއް ޖަމާއަތްތަކަށް މަދަދު ދޭ ގައުމުތަކެވެ. އަދި ލުބުނާންގެ ހިޒުބުﷲ ޖަމާއަތަކީ ވެސް ސީރިއާ ސަރުކާރަށް މަދަދު ދޭ ވަރުގަދަ ޖަމާއަތެކެވެ. މީގެ އިތުރުން ޔަހޫދީ އިޒްރޭލުންވެސް ވަނީ އަސަދާއެކު ޑީލެއް ހަދައި އިޒްރޭލުން ބޭނުންވާ ސީރިއާގެ މަގާމުތަކަށް ހަމަލާ ދެވޭ ގޮތަށް އަސަދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްފައެވެ.