އަފްގާނިސްތާނުގެ އިރުމަތީ ސަރަހައްދެއްގައި ކުރިއަށް ދިޔަ ކައިވެނި ހަފުލާއަކަށް އަމާޒުކޮށް، ހަތިޔާރުއެޅި ހަނގުރާމަވެރިންތަކެއް ހަމަލާ ދީ، 2 މީހުން މަރާލައިފިއެވެ.

މި ހަމަލާގައި އިތުރު 10 މީހަކަށް އެކި ވަރުގެ ޒަހަމްތައް ލިބިފައި ވާ އިރު، ހަމަލާ ދިން މީހުންނަކީ އަފްގާނިސްތާނުގެ ކޮންޓްރޯލް ނަގާފައި ވާ ތޯލިބާނުން ކަމަށް އެ މީހުން ވަނީ ބުނެފައެވެ.

ތޯލިބާނުންގެ ތަރުޖަމާނަކު ބުނީ ހަތިޔާރުއެޅި 3 މީހުންގެ ތެރެއިން 2 މީހަކު ހައްޔަރު ކޮށްފައި ވާ ކަމަށެވެ. ނަމަވެސް އެ 3 މީހުން ހަރަކާތްތެރި ވެފައި ވަނީ އެ ޖަމާއަތުގެ ނަމުގައި ކަމަށް ދެކެވޭ ވާހަކަތަކަށް، ތަރުޖަމާނު ވަނީ އިންކާރު ކޮށްފައެވެ.

ކައިވެނި ހަފުލާއަށް އަމާޒުކޮށް ހަނގުރާމަވެރިން ހަމަލާ ދިނީ، އެ ހަފުލާގައި މިއުޒިކް ޖަހާފައި ހުރުމުން ކަމަށް މައުލޫމާތު ލިބެއެވެ. 1996 އިން 2001 ވަނަ އަހަރަށް، އަފްގާނިސްތާނުގައި ތޯލިބާނުން ވެރިކަން ކުރިއިރު، މިއުޒިކް ވަނީ މަނާ ކޮށްފައެވެ. ނަމަވެސް އޯގަސްޓް 2021 ގައި އަފްގާނިސްތާނުގެ ކޮންޓްރޯލް، ތޯލިބާނުންގެ ބާރުގެ ދަށަށް ގެންދިޔަ ފަހުން އަދި އެ ފަދަ ފިޔަވަޅެއް އަޅާ، އިއުލާން ކޮށްފައެއް ނުވެއެވެ.

މަންޒަރު ދުށް މީހުން ބުނީ، ހަމަލާ އަމާޒުވީ އެއް ކައިވެންޏަށް ވުރެ ގިނަ ކައިވެނިތަކެއް ކުރެވިގެންދިޔަ ހަފުލާއަކަށް ކަމަށެވެ. އެގޮތުން 4 ޖޯޑެއްގެ ކައިވެނި، އެ ހަފުލާގައި ކުރިއަށް ދިޔަ ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަންހެނުންނަށް ހާއްސަކޮށްފައި އޮތް ސަރަހައްދުގައި، ރެކޯޑަޑް މިއުޒިކް ބޭނުން ކުރުމަށް، ތޯލިބާނުންގެ ސަރަހައްދީ ލީޑަރުގެ ހުއްދަ ހޯދާފައި އޮތް ކަމަށްވެސް ހަބަރު ލިބެއެވެ.

ނަމަވެސް ހަތިޔާރު އެޅި ހަނގުރާމަވެރިން އެ ހަފުލާގެ މާލަމަށް ވަދެގަނެ، ސައުންޑް ސިސްޓަމަށް ގެއްލުން ދޭން މަސައްކަތް ކުރި ކަމަށާ، އެކަމަށް އާންމުން ހުރަސް އެޅުމުން، ބަޑިޖަހަން ފެށި ކަމަށް މައުލޫމާތު ލިބެއެވެ.

ތޯލިބާނުންގެ ތަރުޖަމާނު، ޒަބީއުއްލޯ މުޖާހިދު ބުނީ، މި ހާދިސާގެ ތަހުގީގު މިހާރު ކުރިއަށް ދާ ކަމަށެވެ.

ތޯލިބާނުންނާ ދެކޮޅަށް އަފްގާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތަކީވެސް ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވާ ޓެރަރިސްޓް ޖަމާއަތަކަށް ވާއިރު، މިފަދަ ރެކޯޑްތަކެއް އެ ޖަމާއަތުގައި އޮވެއެވެ.