އިނގިރޭސި އަދަބިއްޔާތުގައި އެފަދަ ދެވަނައެއް ނުވާ ޝާއިރުގެ ގޮތުގައި ސިފަކުރަމުން އަންނަ ވިލިއަމް ޝޭކްސްޕިއާގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތްތައް ހިމަނައިގެން އެކުލަވާލާފައިވާ 'ފަސްޓް ފޯލިއޯ'، ރެކޯޑް އަގަކަށް ވިއްކާލައިފިއެވެ.

ނީލަމުގެ އުސޫލުން 10 މިލިއަން ޑޮލަރަށް ޝޭކްސްޕިއާގެ 'ފަސްޓް ފޯލިއޯ' ވިއްކާލާފައި ވާއިރު، މިއީ އަދަބީ މަސައްކަތަކަށް މިހާތަނަށް ނީލަމެއްގައި ލިބުނު އެންމެ ބޮޑު އަގުކަން ކްރިސްޓީސް އިން ފާހަގަކުރެއެވެ.

ކްރިސްޓީސްއިން ބުނާ ގޮތުގައި މި ފޮތަކީ ޝޭކްސްޕިއާގެ 36 މަސައްކަތެއް އެކުލެވޭ ފޮތެކެވެ. މިއީ އޭނާ މި ދުނިޔެ ދޫކުރިތާ މާ ގިނަ ދުވަހެއް ނުވެ ޝާއިއު ކުރި މިފަދަ ފޮތްތަކުގެ ތެރެއިން، ހުރިހާ ލިޔުންތަކެއް ހަމައަށް އޮތް 5 ފޮތުގެ ތެރެއިން 1 ފޮތް ކަމަށްވެސް ކްރިސްޓީސްއިން ޚަބަރު ދެއެވެ.

'ފަސްޓް ފޯލިއޯ' އަކީ އިނގިރޭސި އަދަބިއްޔާތަށް އިންތިހާއަށް މުހިންމު ފޮތެއްގެ ގޮތުގައި އޮންނަނީ ސިފަކުރެވިފައެވެ. "ކޮމެޑީޒް، ހިސްޓްރީޒް އެންޑް ޓްރެޖެޑީޒް"ގެ ނަމުގައި އެންމެ ފުރަތަމަ އެކުލަވާލި މި ފޮތުގައިވާ ބައެއް މަސައްކަތްތަކަކީ، އެހެން ނޫންނަމަ އަދުގެ ދުނިޔެއަށް ގެއްލިދާނެ މަސައްކަތްތަކެއް ކަމަށްވެސް ބުނެވެއެވެ. ޝޭކްސްޕިއާގެ 'ފަސްޓް ފޯލިއޯ'ގައި ހިމަނާފައިވާ ބައެއް އަދަބީ މަސައްކަތްތަކަށް ބަލާއިރު، "މެކްބެތު" އަދި "ޓުވެލްފްތް ނައިޓް" ފާހަގަކުރެވެއެވެ.