ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އިން ދިފާއުކޮށްދޭ އެންޓިބޮޑީޒްއަކީ އެތައް މަހެއް ވަންދެން ހަށިގަނޑުގައި ދެމި ހުރުމުގެ ބާރު ލިބިފައިވާ އެންޓިބޮޑީތަކެއް ކަމަށް ބުނާ 3 ރިޕޯޓެއް އާންމުކޮށްފިއެވެ.

މި ދިރާސާތަކުގެ ހޯދުންތައް ދައްކާ ގޮތުން ކޮވިޑް-19އަށް އިންފެކްޓްވެ، އެ ބަލިން ރަނގަޅުވާ މީހުންނަށް، ގިނަ ދުވަސްތަކަކަށް ދެމިގެންދާ ދިފާއެއް ލިއްބައިދެއެވެ. އަދި ބަލިން ދިފާއުވުމަށް ތަރައްގީ ކުރާ ވެކްސިނެއްގެ އެހީގައި ގިނަ ހަފުތާތަކަކަށް ދިފާއު ހޯދިދާނެ ކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

މީގެ ތެރެއިން އެއް ދިރާސާއެއް ބުނާ ގޮތުގައި 5 މަހާއި 7 މަސް ދުވަހުގެ މުއްދަތަކަށް ދިފާއު ލިއްބައިދެއެވެ.

ކޮވިޑް-19އާ ދެކޮޅަށް އަލަށް ހެދި އެންޓިބޮޑީ ޓެސްޓުގެ ރެކްޕެކްތަކެއް ހިފައިގެން ޣޯޝް ޑިވަލޮޕްމަންޓް ލެބްގައި ޓެކްނީޝަނަކު ހަރަކާތްތެރިވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ޔުނިވާސިޓީ އޮފް އެރިޒޯނާގެ ކޮލެޖް އޮފް މެޑިސިންގެ އިމިއުނޯބައޮލޮޖިސްޓެއް ކަމަށްވާ ދީޕްތާ ބައްޓަޗާރްޔާ ވިދާޅުވީ، 7 މަހަށް ދިފާއު ލިބިފައިވާ މީހަކު ފާހަގަ ކުރެވިފައި ވާއިރު، 5 މަހާއި 7 މަހާ ދެމެދު މުއްދަތަކަށް ދިފާއު ލިބިފައިވާ ގުރޫޕެއްވެސް ފާހަގަކުރެވިފައި ވާ ކަމަށެވެ.

ސިއްހީ ޖާނަލް 'އިމިއުނިޓީ' ގައި ޝާއިއު ކޮށްފައިވާ މި ދިރާސާ ބުނާ ގޮތުގައި، ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް 2 (ސާސްކޮވް-2) އަށް އިންފެކްޓް ވުމަށްފަހު، 5 މަހާއި 7 މަހާ ދެމެދު މުއްދަތަކަށް "ސްޓޭބަލް" ގޮތެއްގައި ހަށިގަނޑުން އެންޓިބޮޑީޒް އުފައްދައެވެ.

އިތުރު ޖާނަލްއެއް ކަމަށްވާ 'ސައެންސް އިމިއުނޮލޮޖީ' ގައި، މެސަޝޫސެޓްސް ޖެނެރަލް ހޮސްޕިޓަލުގެ ޓީމުން އާންމު ކުރި ދިރާސާ ބުނާ ގޮތުގައި، ސާސްކޮވް-2 އަށް އިންފެކްޓް ވުމަށްފަހު، 4 މަހެއްހާ ދުވަހަށް އެންޓިބޮޑީޒް ދެމިހުރެއެވެ. މީގެ އިތުރުން، ކުޅު ބޭނުން ކޮށްގެން ކެނެޑާގެ ޓީމަކުން ކުރި ދިރާސާއިންވެސް 115 ދުވަހުގެ މުއްދަތަކަށް ހަށިގަނޑުގައި އެންޓިބޮޑީޒް ހުންނަކަން ވަނީ ހޯދިފައެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަކީ މުޅި ދުނިޔެއަށްވެސް އާ ބައްޔެކެވެ. މި ބަލި ޖައްސާ ވައިރަހުގެ މާ ބޮޑު ހަގީގަތްތަކެއްވެސް އަދި ހޯދިފައި ނުވާއިރު، އިންފެކްޓް ވެގެން ދިފާއެއް ލިބެނީ ކިހާ މުއްދަތަކަށް ކަންވެސް އަދި ކަށަވަރެއް ނުވެއެވެ. ހަމަ މިފަދައިން، ވެކްސިނެއްވެސް އަދި ކަށަވަރެއް ނުވެއެވެ.

ކޮވިޑް-19ގެ އެންޓިބޮޑީ ތެރަޕީ ޑްރަގް ތައްޔާރު ކުރުމުގެ މަސައްކަތް ލެބެއްގައި ކުރާ މަންޒަރު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް /ފޮޓޯ: ޓޮރޯންޓޯސްޓާ

ކަން މިހެން އޮތް އިރު "ހާޑް އިމިއުނިޓީ" އަކީ ކޮވިޑް-19ގެ ހައްލު ކަމަށް ބައެއް ފަރާތްތަކުން ވަކާލާތު ކުރެއެވެ. ނަމަވެސް، މިއީ "ގަތުލުއާންމެއް" ކަމަށް، އެކްސެސް ހެލްތް އިންޓަނޭޝަނަލްގެ ރައީސް ވިލިއަމް ހެސެލްޓައިން ވަނީ ސިފަކުރައްވާފައެވެ. އަދި މިއީ ސުލޫކީ ގޮތުން އެކަށީގެންވާ މިންގަނޑެއް ނޫން ކަމަށް، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ އިސްވެރިޔާ ޑރ ޓެޑްރޯޒް އެޑަނޮމް ގެބްރިޔޭސޫސްވެސް ވަނީ އިންޒާރު ކުރައްވާފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވެ، އެ ބަލިން ރަނގަޅު ވުމަކީ ދެވަނަ ފަހަރަށް އެ ބަލި ނުޖެހޭނެ ކަމުގެ ސެޓްފިކެޓް ކަށަވަރު ކޮށްދޭ ކަމެއް ނޫންކަން ލިބެމުންދާ ތަފާސް ހިސާބުތަކުން ދައްކައެވެ. ދެވަނަ ފަހަރަށް އިންފެކްޓްވުމުގެ ކޭސްތަކެއް ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންމަތިވެފައި ވާއިރު، ދެވަނަ ފަހަރަށް އިންފެކްޓްވި މީހަކު މަރުވެގެން، ނެދަލަންޑްސް ވަނީ ރިޕޯޓްކޮށްފައެވެ.