ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސިވިއާ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޯމް ކޮރޯނާވައިރަސް ޑިޒީޒް 2 (ސާސްކޮވް-2) އަކީ، ނަގުދު ފައިސާ ނޫޓާއި، ފޯނު ސްކްރީންގެ އިތުރުން ސްޓެއިންލަސް ސްޓީލް ފަދަ އުފެއްދުންތަކުގައި 28 ދުވަހަށް ދިރިހުންނަ ވައިރަހެއް ކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެފިއެވެ.

އޮސްޓްރޭލިއާގެ ނޭޝަނަލް ސައެންސް އޭޖެންސީގެ މި ހޯދުމާއެކު، ސާސްކޮވް-2، ދިރިހުންނާނެ ކަމަށް ކުރިން ހީކުރެވިފައި އޮތް މުއްދަތު މިވަނީ އިތުރު ކުރަން ޖެހިފައެވެ.

ކަން މިހެން އޮތް ނަމަވެސް، ފާހަގަ ކުރަންޖެހޭ ކަމަކީ، މި ދިރާސާއަކީ ލެބެއްގެ ތެރޭގައި، "އަނދިރީގައި" ކުރިއަށް ގެންދިޔަ ދިރާސާއެއް ކަމެވެ. ބުނެވޭ ގޮތުގައި ސާސްކޮވް-2އަކީ އަލްޓްރާވައިލެޓް (ޔޫވީ)ގެ އަލީގެ ސަބަބުން މަރުވެދާ ވައިރަހެކެވެ. ހަމަ އެހެންމެ، ތަނެއްގައި ނުވަތަ އެއްޗެއްގެ ބޭރުގައި ވައިރަހުގެ އަސަރު ހުރެގެން، އިންސާނެއްގެ ހަށިގަނޑަށް އެ ވައިރަހުގެ އިންފެކްޝަން ފޯރަފާނެ ކަމާ މެދުވެސް ބައެއް ތަޖުރިބާކާރުން ވަނީ ސުވާލު އުފައްދާފައެވެ.

ރޯގާ ޖެހި، ކެއްސާ، ކިނބިހި އަޅާ މީހަކު ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ކޯލޯ

އެންމެ އާންމުކޮށް ކޮރޯނާވައިރަސް ފެތުރެނީ، ކެއްސާ، ކިނބިހިއެޅުމާ، ވާހަކަ ދެއްކުމުގެ ތެރޭގައި ހަށިގަނޑުން ބޭރުވެދާ ތިކިތަކުގެ ޒަރިއްޔާއިންނެވެ.

ހަމަ އެހެންމެ، ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ވައިރަހުގެ ތިކިތަކުގެ ޒަރިއްޔާއިންވެސް މި ބަލި ފެތުރިގެންދާކަން ވަނީ ސާބިތުވެފައެވެ. އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ) އިން ބުނެފައި ވާ ގޮތުގައި، ވައިރަހުގެ އަސަރު ހުރި ތަނެއް ނުވަތަ އެއްޗެއް (މިސާލަކަށް ދަގަނޑު، ޕްލާސްޓިކް) ގައި އަތްލެވޭ މީހަކަށްވެސް އިންފެކްޝަންގެ ނުރައްކާ އެބައޮތެވެ. މިއީ މަދުން ނަމަވެސް ހިނގާ ކަމެއް ކަމެކެވެ.

ފަހުގެ ދިރާސާ ބުނީ ކީކޭ؟

މީގެ ކުރިން ލެބްތަކުގައި ހަދާފައިވާ ދިރާސާތަކަށް ބަލާއިރު، ސާސްކޮވް-2 ވައިރަހަކީ، ނަގުދު ފައިސާ ނޫޓާއި ބިއްލޫރީގެ އުފެއްދުންތަކުގައި 2 ނުވަތަ 3 ދުވަހަށް ދިރިހުންނަ ވައިރަހެކެވެ. އަދި ޕްލާސްޓިކްއާއި ސްޓެއިންލަސް ސްޓީލްގެ އުފެއްދުންތަކުގައި 6 ދުވަހަށް ވައިރަސް ދެމިހުންނަ ކަމަށް އޭރު އޮތީ ހީވެފައެވެ.

ފިނިކުރި ކުކުޅުގެ ޝިޕްމަންޓަކުން ކޮވިޑް-19ގެ އަސަރު ވަނީ ފެނިފަ/ފޮޓޯ: ލޯކަލްއެގްރޯ

ނަމަވެސް، އޮސްޓްރޭލިއާގެ ސީއެސްއައިއާރްއޯގެ އެންމެ ފަހުގެ ހޯދުންތަކަށް ބަލާއިރު އޮމާން ސަތަހަ (ސާފަސް) ތަކުގައި 28 ދުވަހަށް މި ވައިރަސް ދިރި ހުންނަކަން ވަނީ ހާމަވެފައެވެ. އެގޮތުން، މޯބައިލް ފޯނުތަކުގެ ސްކްރީންގައި ހުންނަޒާތުގެ ބިއްލޫރިއާއި، ޕްލާސްޓިކް އަދި ކަރުދާސް ނަގުދު ފައިސާ ނޫޓުގައި ގާތްގަނޑަކަށް މަހެއްހާ ދުވަހަށް ވައިރަސް ދިރިހުންނަކަން ވަނީ ހާމަވެފައެވެ. މި ހާލަތުގައި ވައިރަސް ދިރިހުރީ ފިނިހޫނު މިން 20 ޑިގްރީ ސެލްސިއަސްގައި ހުރި، އަނދިރި ތަނެއްގައެވެ.

ވައިރޮލޮޖީ ޖާނަލްގައި ޝާއިއު ކޮށްފައި ވާ މި ދިރާސާ ބުނާ ގޮތުގައި، ހޫނުގަދަ ތަންތަނުގައި ސާސްކޮވް-2 މަރުވާލެއް އަވަހެވެ. އެގޮތުން 40 ޑިގްރީ ސެލްސިއަސްގެ ހޫނު މިނުގައި، 24 ގަޑިއިރުގެ ތެރޭގައި ވައިރަސް މަރުވާކަން ވަނީ ފާހަގަކޮށްފައެވެ.

ކަނޑައެޅިގެން ވަކި ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖައްސާ ސާސްކޯވް-2 ރަމްޒުކޮށްދިނުމަށް ބޭނުންކޮށްފައިވާ ތަސްވީރެއް/ފޮޓޯ: ބައޮވޯލްޑް

ކަން މިހެން އޮތް ނަމަވެސް، ލޯވަޅު ހުންނަ ސަތަހަތަކަށްވުރެ، އޮމާން ސަތަހަތަކުގައި ވައިރަސް ހަރުލާ ހުންނަ މުއްދަތު އިތުރުކަން ދިރާސާއިން ވަނީ ހާމަވެފައެވެ. އެގޮތުން ބައެއް ކަހަލަ އަންނައުނުގައި 14 ދުވަހަށްވުރެ އިތުރަށް ވައިރަސް ހަރުލާފައި ނުހުންނަ ކަމަށްވެއެވެ.

ދިރާސާއާ މެދު ހިލާފުތަކެއް

ކާޑިފް ޔުނިވާސިޓީގެ ކޮމަން ކޯލްޑް ސެންޓަރުގެ ކުރީގެ ޑައިރެކްޓާ، ޕްރޮފެސާ ރޮން އެކްލެސް ވިދާޅުވީ، 28 ދުވަސް ވަންދެން ވައިރަސް ދިރިހުންނަ ކަމަށް ބަޔާންކޮށް މިފަދަ ދިރާސާއެއް އާންމު ކުރުމުގެ ސަބަބުން ބޭނުމެއް ނެތް ގޮތުގައި އާންމުންގެ މެދުގައި ބިރުވެރިކަން އުފައްދާ ކަމަށެވެ.

ރޯގާޖެހިފައި ހުރި މީހަކު ފޯނާ ކުޅެނީ/ފޮޓޯ؛ ކިމް ކޮމާންޑޯ

"ސަތަހައަކަށް ވައިރަސް ފެތުރެނީ ކެއްސާ، ކިނބިހި އެޅުމާ، ތަގައްޔަރުވެފައިވާ އިނގިލިތަކުގެ ޒަރިއްޔާއިން އަރިދަފުސް ހޭކިގެން. އެކަމަކު މި ދިރާސާގައި ވައިރަސް ފެތުރުމަށް އިންސާނެއްގެ ހަށިގަނޑުން ބޭރުވި އަރިދަފުސް ބޭނުން ކޮށްފައެއް ނުވޭ. އަރިދަފުހަކީ ވައިރަހަކަށް ނުރައްކާތެރި ވެއްޓެއް. އެހެނީ، އަރިދަފުހުގައި ހުންނާނެ ވައިރަސް މަރާލަނިވި ހުދު ސެލްތަކާ އެންޓިބޮޑީޒްވެސް. އަރިދަފުހާ އެކުވެގެން ވައިރަސް ދެމި ހުންނާނީ ދުވަސްތަކަކަށް ނޫން. ގަޑިއިރުތަކަކަށް" ޕްރޮފެސާ ރޮން އެކްލެސް ވިދާޅުވިއެވެ.

ޖުލައި މަހު އާންމުކުރި ލޭންސެޓް ޖާނަލްގައި، ރަޓްގާޒް ޔުނިވާސިޓީގެ ޕްރޮފެސާ އޮފް މައިކްރޮބައޮލޮޖީ، އިމެނުއަލް ގޯލްޑްމަން ވިދާޅުވެފައި ވަނީ، ދިރުން ނެތް ސަތަހައަކުން ވައިރަސް ފެތުރުމަށް އޮތީ ހަނި ފުރުސަތެއް ކަމަށެވެ. ހަމަ މިފަދައިން، ޔުނިވާސިޓީ އޮފް ކެލިފޯނިއާގެ ޕްރޮފެސާ އޮފް މެޑިސިން، މޮނިކާ ގާންދީ ހުސްވި ހަފުތާގައި ވިދާޅުވީ، ކޮރޯނާވައިރަހަކީ، ސަތަހައިގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެއް ނޫން ކަމަށެވެ.

އެކަމަކު އޮސްޓްރޭލިއާގެ ދިރާސާ މުހިންމު ވަނީ ކީއްވެ؟

ސީއެސްއައިއާރްއޯގެ ޗީފް އެގްޒެކެޓީވް ޑރ ލެރީ މާޝަލް ވިދާޅުވާ ގޮތުގައި، ވައިރަހުން ސަލާމަތްވުމަށްޓަކައި، ސަތަހަތަކުގައި ވައިރަސް ދިރިހުންނަ މުއްދަތު އެނގުމަކީ ކޮންމެހެން ބޭނުން ކަމެކެވެ.

ފިނިކަން ހުންނަ، ސްޓެއިންލަސް ސްޓީލް ސަތަހަތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ވައިރަސް ދިރިހުންނަކަން ހާމަވުމަކީ، ފިނިކުރި މަހުގެ އުފެއްދުންތަކާ ގުޅިގެން ކޮވިޑް-19ގެ ކޭސްތައް ފެންމަތިވި މައްސަލަ ތަފްސީލު ކޮށްދެވިނި ހުއްޖަތެއް ކަމަށް އޮސްޓްރޭލިއާގެ މުސައްނިފުން ވަކާލާތު ކުރެއެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފިނިކުރި މަހުގެ އުފެއްދުންތަކުގެ މަސައްކަތް ކުރާ ކާރުހާނާތަކުގައި މަސައްކަތް ކުރާ އެތައް ހާސް މުވައްޒަފުންނެއް ވަނީ ކޮވިޑް-19އަށް ޕޮޒިޓިވްވެފައެވެ. އަދި ބައެއް ޕެކޭޖުތަކުގެ ބޭރުންވެސް ވައިރަހުގެ އަސަރު ވަނީ ފެނިފައެވެ.

ޗައިނާ ރޯގާ ނުވަތަ 2019-އެންކޯވް ވައިރަސް އެންމެ ފުރަތަމަ ފެނުނީ ޗައިނާގެ ވޫހާން ސިޓީގައި ގަވައިދާ ހިލާފަށް ސީފުޑްގެ ވިޔަފާރި ކުރަމުންދިޔަ ބާޒާރެއް ހިމެނޭ ސަރަަހައްދުން/ފައިލް ފޮޓޯ: ގެޓީ އިމޭޖަޒް

ސީއެސްއައިއާރްއޯއިން ވަކާލާތު ކުރާ ގޮތުގައި އެ ލެބްގެ އެންމެ ފަހުގެ ހޯދުންތަކަކީ، ކާބޯތަކެތީގައިވެސް ވައިރަސް ހަރުލާކަމަށް ބުނާ ބުނުމަށް ބާރުދޭ ހޯދުންތަކެކެވެ.

ކަން މިހެން އޮތް ނަމަވެސް، ކާބޯތަކެތީގެ ޒަރިއްޔާއިން ވައިރަސް ފެތުރޭ ކަމުގެ ކަށަވަރު އެއްވެސް ކޭހެއް އަދި ފެނިފައި ނުވާކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ބުނެފައެވެ.