ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވާ ރިޔާސީ އިންތިހާބުގެ ކުރިން އޮންނަ ފޯރިގަދަ، ސިލްސިލާ ބަހުސްތަކުގެ ތެރެއިން، އަންނަ ހަފުތާއަށް ތާވަލުކޮށްފައިވާ ދަންފަޅި، ފަސްކޮށްދީފިނަމަ، އިދިކޮޅު ޑިމޮކްރަޓިކް ކެންޑިޑޭޓް - ޖޯ ބައިޑަންއާ ކުރިމަތިލައްވަން ވަޑައިގަންނަވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ކެމްޕޭން އޮފީހުން ހާމަކޮށްފިއެވެ.

ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރައްވަން ފައިވިއްދަވައިގެން ހުންނެވި ޓްރަމްޕްގެ ކެމްޕޭން އޮފީހުން ބުރާސްފަތި ދުވަހު ވަނީ، އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހަށް ތާވަލު ކޮށްފައި ވާ ބަހުސްގައި ޓްރަމްޕް ބައިވެރިވެވަޑައި ނުގަންނަވާނެ ކަން ހާމަކޮށްފައެވެ. ނަމަވެސް، ބަހުސް އޮންނަ ތާރީހު، އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަށް ފަސްކުރެވިއްޖެނަމަ، ބަހުސްގައި ބައިވެރިވެވަޑައިގަތުމަށް ޓްރަމްޕް ހުންނެވީ ތައްޔާރަށް ކަމަށް ލިބެމުންދާ އެންމެ ފަހުގެ ޚަބަރުތައް ބުނެއެވެ.

އެމެރިކާގެ ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން/ފޮޓޯ: ވީއޯއެކްސް

އޮކްޓޯބަރު މަހުގެ 22 ވަނަ ދުވަހަކީ ބަހުސްގެ 3 ވަނަ ދަންފަޅި ތާވަލު ކޮށްފައި ވާ ތާރީހަށް ވާއިރު، އެ ސެޝަން، އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހަށް ފަސްކޮށްދިނުމަށްވެސް ޓްރަމްޕްގެ ކެމްޕޭނުން ވަނީ އެދިފައެވެ.

ކަން މިހެން އޮތް ނަމަވެސް، ބައިޑަންގެ ކެމްޕޭން އޮފީހުން ވަނީ ޓްރަމްޕްގެ ކެމްޕޭނުން ހުށަހެޅި އާ ތާރީހުތަކަށް ރުހުން ދޭން ބޭނުން ނުވާކަން ހާމަކޮށްފައެވެ. އެގޮތުން، 3 ވަނަ ބަހުސް އޮންނަ ތާރީހު ފަސް ކުރަން ބޭނުން ނުވާ ކަމަށްވެސް ބައިޑަންގެ ކެމްޕޭން އޮފީހުން ވަނީ ބުނެފައެވެ.

ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ވައިޓްހައުސް ބެލްކަންޏަށް އަރާވަޑައިގެން މާސްކު ނަންގަވަނީ / ފޮޓޯ: ދަ ކްރޮނިކަލް

އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހަށް ތާވަލު ކޮށްފައިވާ 2 ވަނަ ސެޝަންގެ ބަހުސަށް ވަޑައިގަތުމަށް ޓްރަމްޕް އިންކާރު ކުރައްވަނީ، ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓްރަމްޕް ޕޮޒިޓިވްވެފައި ވާތީ، ބައިޑަންގެ ފަރާތުން ހުށަހެޅުއްވި ހުށަހެޅުންތަކަށް ރިއާޔަތް ކޮށް، ވާޗުއަލް ޕްލެޓްފޯމަކަށް ބަހުސްގެ މާލަން ބަދަލު ކުރުމާއެކު، އެފަދަ ގޮތަކަށް ބަހުސް ކުރިއަށް ގެންދަވަން ބޭނުންފުޅު ނުވާކަމަށް ވިދާޅުވަމުންނެވެ. ޓްރަމްޕް ތުހުމަތު ކުރައްވާ ގޮތުގައި، ވާޗުއަލް ޕްލެޓްފޯމުގައި ބަހުސް ކުރިއަށް ގެންދާއިރު، ޓްރަމްޕްގެ މައިކް-ކަނޑާލުން ފަދަ ކަމެއް ހިނގުމުގެ ފުރުސަތު އެބައޮތެވެ.

ރިޔާސީ ބަހުސްގެ ފުރަތަމަ ސެޝަން އޮތީ ކޮވިޑް-19އަށް ޓްރަމްޕް ޕޮޒިޓިވްވިކަން އެނގުމުގެ ކުރިންނެވެ. އެ ފަހަރުގެ ސެޝަންގައި ޓްރަމްޕް ވަނީ އިދިކޮޅު ކެންޑިޑޭޓްގެ އިތުރުން މޮޑަރޭޓަރު ވާހަކަދައްކަވަމުން ގެންދެވިއިރުވެސް ހުރަސް އަޅުއްވާފައެވެ.