މުޅި ދުނިޔޭގެ އެންމެ ވަރުގަދަ އިގުތިސޯދުތައްވެސް އިނދަޖައްސާލި ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގެ ކާރިސާގައި، ދުނިޔޭގެ ބިލިއަނަރުންގެ މިލްކިއްޔާތުގެ އަގު، ރެކޯޑް މިންވަރަކަށް އުފުލިފައި ވާ ކަމަށް، ރެކޯޑްތަކުން ދައްކައިފިއެވެ.

"ރައިޑިންގް ދަ ސްޓޯމް" ގެ ނަމުގައި ސުވިސް ބޭންކް ޔޫބީއެސްއާއި ޕީޑަބްލިއުސީއިން އާންމުކޮށްފައިވާ ރިޕޯޓަށް ބަލާއިރު، މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ބިލިއަނަރުންނަށް ލިބުނު އާމްދަނީ ވަނީ 10.2 ޓްރިލިއަން ޑޮލަރަށް އަރާފައެވެ. މިއީ 2017 ވަނަ އަހަރު ގާއިމު ކުރި ރެކޯޑް މުގުރާލި އަދަދެކެވެ.

ހަމަ މިއާއެކު، ބިލިއަނަރުންގެ އަދަދުވެސް އިތުރު ވެފައި ވާ ކަން ފާހަގަކުރަންޖެހެއެވެ. 2017 ވަނަ އަހަރު ދުނިޔޭގެ ބިލިއަނަރުންގެ ގޮތުގައި 2158 މީހަކު ފާހަގަކޮށްފައި ވާއިރު، މި އަދަދު މި ހާރު ވަނީ 2189 އަށް އަރާފައެވެ.

ޔޫބީއެސްއިން ބުނި ގޮތުގައި މުދަލާއި، މާލީ އަދި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިވެރިންނާ އަޅާ ބަލާއިރު، ކާރިސާގެ ތެރޭގައި އާދަޔާ ހިލާފަށް މުއްސަނދިވުމުގެ ނަސީބު ލިބުނީ ޓެކްނޮލިޖީގެ ދާއިރާ، ސިއްހީ ދާއިރާ އަދި ސިނާއީ ދާއިރާގައި ހަރަކާތްތެރިވި ފަރާތްތަކަށް ކަމަށެވެ.

ކަން މިހެން އޮތް ނަމަވެސް، މިއަހަރުގެ 3 ވަނަ ކުއާޓަރަށް ފެށުމާ އެކުގައި ހެން ބިލިއަނަރުންގެ އާމްދަނީ ދަށަށް ދާން ފަށާފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

ދުނިޔޭގެ އެންމެ މުއްސަނދި މަހުޖަނުގެ ޓައިޓަލް އަދިވެސް އޮތީ އެމެޒޯން ކުންފުނީގެ ބާނީ، ޖެފް ބޭޒޯސްގެ އަތުގައެވެ. އޭނާގެ މިލްކިއްޔާތުގެ އަގު، 200 ބިލިއަން ޑޮލަރަށް އަރާ ކަމަށް މާލީ ސާވޭތަކުން ދައްކައެވެ.