"ހަތުރާސް ރޭޕް" ގެ ގޮތުގައި އިންޑިއާގެ މީޑިއާއިން ރިޕޯޓް ކުރަމުން އަންނަ ރޭޕްގެ މައްސަލައާ ގުޅިގެން، ސިޔާސީ ޝަހްސެއްގެ އިތުރުން ނޫސްވެރިއަކާ ސުވާލު ކުރުމަށް އުއްތަރަޕްރަދޭޝް ސްޓޭޓްގެ ފުލުހުން ނިންމާފައި ވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.

ނޫސްވެރިއެއްގެ އިތުރުން ސިޔާސީ ޝަހްސަކާ ސުވާލު ކުރަން ނިންމާފައި ވަނީ، "ހަތުރާސް ރޭޕް" ކޭހާ ގުޅިގެން ނަފުރަތު އުފެދޭ ގޮތަށް އަޑު ފަތުރާ، ހަމަނުޖެހުން ހިންގަން މަސައްކަތް ކުރުމާ، ޖިނާއީ ޖަރީމާ ހިންގަން ރޭވި ކަމުގެ ކުށުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

"ހަތުރާސް ރޭޕް" އާ ގުޅިގެން، 680 މީހަކާ ސުވާލު ކުރުމަށް އުއްތަރަޕްރަދޭޝް ސްޓޭޓްގެ ފުލުހުން ވަނީ އެދިފައެވެ. މީގެ ތެރޭގައި، ރޭޕް ކޭހާ ގުޅިގެން އެކި ގޮތް ގޮތުން ހަމަނުޖެހުން ހިންގާ، ސޯޝަލް މީޑިއާގައި އެކި ގޮތް ގޮތަށް ނަފުރަތު އުފައްދަމުން ދިޔަ މީހުން ކަމަށް ޚަބަރު ލިބެއެވެ.

"ހަތުރާސް ރޭޕް" އާ ގުޅިގެން ފުލުހުން ސުވާލު ކުރަން ފައިލް ކޮށްފައިވާ ސިޔާސީ ޝަހްސަކީ، އުއްތަރަޕްރަދޭޝްގެ ސަރުކާރާ ގުޅޭ ގޮތުން ދޮގު ވާހަކަ ފެތުރުމަށް އާއިލާއަށް މާލީ މާންފާ ހޯދާދިން ކަމުގެ ތުހުމަތުގައި ސުވާލު ކުރާ ސިޔާސީ ޝަހްސެއް ކަމަށްވެއެވެ. ރިޕޯޓަރަކީވެސް މިފަދަ ކަމަށް ހިތްވަރު ދިން ފަރާތެއް ކަމަށް މައުލޫމާތު ލިބެއެވެ.

"ހަތުރާސް ރޭޕް" ކޭހަކީ، ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު އުއްތަރަޕްރަދޭޝްގެ ހަތުރާސް ޑިސްޓްރިކްޓްގައި، ގޭންގަކުން، އުމުރުން 19 އަހަރުގެ ޒުވާން އަންހެނަކު ރޭޕްކުރި ކަމަށް ބުނާ ކޭހެވެ. ގޭންގް ރޭޕްގެ ޝިކާރައަކަށްވި ޒުވާން އަންހެން މީހާ ވަނީ، ސީރިއަސް އަނިޔާތަކަކަށް ފަރުވާ ހޯދަމުން ދަނިކޮށް މަރުވެފައެވެ.