ހައިކޯޓުގެ ފަނޑިޔާރު ކަމަށް ސ .ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓްގެ މަގާމުގައި ހުންނެވި ފާތުމަތު ފަރުހީޒާ އާއި ހަސަން ޝަފީއު ހުވާކުރައްވައިފިއެވެ.

ޖޭއެސްސީން ބުނީ ޖޭއެސްސީގެ 68 ވަނަ ބައްދަލުވުމުގައި ނިންމާފައިވާ ފަދައިން، ސ.މަރަދޫ ޒެފެއާ، ފާތިމަތު ފަރުހީޒާއާއި ކ.ދިއްފުށީ ސްވީޓްމީޑް، ހަސަން ޝަފީއު ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުކަމަށް މިއަދު ވަނީ އައްޔަނުކުރައްވާފައިވާ ކަމަށެވެ. އެގޮތުން، އެ ދެ ފަނޑިޔާރުން، ފަނޑިޔާރުކަމުގެ ހުވާ ކުރެއްވުމާއި، މަގާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު މިއަދު އެކޮމިޝަނުގެ އިދާރާގައި ބާއްވާފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.

މިއަދު ޖޭއެސްސީގައި ބޭއްވި އެރަސްމިއްޔާތުގައި، އެދެބޭފުޅުންނަށް ފަނޑިޔާރުކަމުގެ ހުވާ ލައިދެއްވީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރު އޮނަރަބަލް ޑރ. މުހައްމަދު އިބްރާހީމްއެވެ.

ސ.ފޭދޫ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓްގެ މަގާމު އަދާކުރެއްވި ފާތިމަތު ފަރުހީޒާއަކީ ގާނޫނީރޮނގުން މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން ބެޗްލާ އޮފް ލޯ (އޮނާސް) އަދި މާސްޓާއޮފް ކޮމްޕަރޭޓިވް ލޯ ހާސިލްކުރައްވާފައިވާ ފަރާތެކެވެ. އަދި ގާނޫނީ ވަކީލުކަމުގައި 10 އަހަރު ދުވަހުގެ ތަޖުރިބާހުރި ފަރުހީޒާއަކީ ޕަބްލިކް ޕްރޮސެކިއުޓައެއްގެ ގޮތުގައާއި ޕްރައިވެޓް ޕްރެކްޓިސްގެ އިތުރުން، އެދާއިރާއިން ކިޔަވާދިނުމުގެ ތަޖުރިބާވެސް ހުރި ފަރާތެކެވެ.

ހަސަން ޝަފީއުއަކީ ގާނޫނީ ރޮނގުން މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަންއިން ބެޗްލާ އޮފް ލޯ(އެލްއެލްބީ) އަދި މެލޭޝިއާގެ އިންޓަނޭޝަނަލް އިސްލާމިކް ޔުނިވާސިޓީއިން މާސްޓާ އޮފް ކޮމްޕަރޭޓިވް ލޯހާސިލްކުރައްވާފައިވާ ފަރާތެކެވެ. އަދި 2013 ވަނަ އަހަރުން ފެށިގެން ފަނޑިޔާރެއްގެ ހައިސިއްޔަތުން ފެމެލީ ކޯޓުގައާއި ސިވިލްކޯޓުގައި މަސައްކަތްކުރެއްވި ޝަފީއުއަކީ ގާނޫނީ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހުރި ފަރާތެކެވެ. އެދާއިރާއިން ކިޔަވާދިނުމުގެ އިތުރުން ގާނޫނުތައް ޑްރާފްޓް ކުރެއްވުމުގައިވެސް މަސައްކަތް ކުރައްވާފައިވެއެވެ.

.