އެންމެ ބާރު ދުވެލީގައި އެއްގަމު އުޅަނދެއް ދުއްވައިގެން އިނގިރޭސިވިލާތުގައި ރެކޯޑް ހެދުމަށް މަސައްކަތް ކުރަނިކޮށް، މަޝްހޫރު ވިޔަފާރިވެރިޔާ އަދި ޓީވީ ހޮސްޓް ޒެފް އައިޒެންބާގު މަރުވެއްޖެއެވެ.

ރެކޯޑް ހަދަން އުޅުމުގެ ތެރޭގައި، ހެލްތް ސަޕްލިމެންޓް ކުންފުނި – "މެކްސިމަސަލް"ގެ ބާނީ، ޒެފް އައިޒެންބާގު މަރުވިކަން، އިނގިރޭސިވިލާތުގެ ފުލުހުންވެސް މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ޒެފް އައިޒެންބާގު މަރުވީ، އިންގްލަންޑްގެ އެލްވިންގްޓަން އެއާފީލްޑްގައި ރެކޯޑް މުގުރާލުމަށް ޕޯޝް 911 ޓާބޯ އެސް މޮޑެލްގެ ކާރު، ބާރު ދުވެލީގައި ދުއްވަނިކޮށް، އުޅަނދު ކޮންޓްރޯލް ނުވެގެން ހިނގި ހާދިސާގައެވެ.

އުމުރުން 47 އަހަރުގައި މި ދުނިޔެއާއި ވަކިވެދިޔަ ޒެފް އައިޒެންބާގަކީ، އެކި ކަހަލަ އެއްގަމު އުޅުނދު، އެންމެ ބާރު ދުވެލީގައި ދުއްވުމުގެ ގިނަ ރެކޯޑްތަކެއް އޮންނަ މީހެއް ކަމަށް އިނގިރޭސިވިލާތުގެ މޮޓޯސްޕޯޓް ގަވާނިންގް ބޮޑީއިން މައުލޫމާތު ދެއެވެ. އެގޮތުން ގައުމީ ފެންވަރާއި، ދުނިޔޭގެ ފެންވަރުގެ 70 ރެކޯޑެއް، ފާއިތުވީ 10 ވަރަކަށް އަހަރުގެ ތެރޭގައި ޒެފް އައިޒެންބާގު ވަނީ ހޯދާފައިކަން ފާހަގަކުރަންޖެހެއެވެ.

މޮޓޯސްޕޯޓް ޔޫކޭއިންވަނީ ހާދިސާ ހިނގަން މެދުވެރިވި ސަބަބު ތަހުގީގު ކުރާނެކަން ހާމަކޮށްފައެވެ.

ނުރައްކާތެރި އެކްސިޑެންޓެއް ހިނގާ، ޒެފް އައިޒެންބާގުގެ ފުރާނަ ގެއްލިދިޔައިރު އޭނާ މަސައްކަތް ކުރަމުންދިޔައީ 1970ގައި ޓޯނީ ޑެންޝަމް ހެދި، ގަޑިއަކު 207.6 މޭލު ބާރު މިނުގެ ރެކޯޑް މުގުރާލުމަށެވެ.