އިމާމުންނާއި ހަތީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ޕްރޮގްރާމްގެ ދެވަނަ ބުރުގެ ބައިވެރިން މިއަދު ފުރައިފިއެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން އިލްމުވެރިންނާއި އިމާމުންނާއި ހަތީބުން ތަމްރީންކުރުމުގެ ގައުމީ މަޝްރޫއު މިއަހަރުގެ ފެބްރުއަރީ މަހުގައި ފަށަފައިވާ އިރު، މި މަޝްރޫއުގައި ދެވަނަ ބުރުގެ ބައިވެރިން މިއަދު ވަނީ ސައުދީ އަރަބަިއްޔާ އަށް ފުރާފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މި ޕްރޮގްރާމްގެ ދެވަނަ ބުރުގައި ހިމެނޭ 18 މީހުން މިއަދު ސައުދީ އަރަބިއްޔާއަށް ފުރާފައިވާ އިރު، މި ދަތުރަކީ މިމަހުގެ 17 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާ ދަތުރެއް ކަމަށެވެ. މި ދަތުރުގައި ޢިލްމީ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ އިތުރުން މައްކާ އަދި މަދީނާގެ ހާއްސަ ތަންތަނަށް ޒިޔާރަތްކުރާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

އެ މިނިސްޓްރީން ބުނެފައި ވަނީ ސައުދީ އަރަބިއްޔާއާގެ އިތުރުން މިސްރު، މެލޭޝިޔާ، އަދި ބުރޫނާއިގެ އިތުރުން އިންޑޮނޭޝިއާއަށް ވެސް ތަޖުރިބާ އާއި ތަމްރީނުގެ ދަތުރު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިއީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އެގޮތުން ރާއްޖޭގައި ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި ގއ. އަތޮޅުގެ ރަށްތަކުން 64 އިމާމުންނާއި ހަތީބުން ވަނީ ތަމްރީން ކޮށްފައެވެ.

މި ޕްރޮގްރާމްގެ އެންމެ ބޮޑު އެއް ބޭނުމަކީ ގުރްއާނާއި ތަޖުވީދުގެ އިލްމާއި ތަފްސީރާއި ފިގުހާއި ހަދީޘާއި އަގީދާގެ އިލްމުގެ ދާއިރާއިން އިމާމަކަށް ބޭނުންވާ މުހިއްމު އިލްމީ ކަންކަން އުނގަންނައިދީ، މިސްކިތްތައް ބެލެހެއްޓުމުގެ ގޮތުން އަދާކުރަންޖެހޭ މަސްއޫލިއްޔަތު އަދާކުރެވޭނެ ވަރަށް އިމާމުންގެ ޝަހްސިއްޔަތު ބިނާ ކުރުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައި ވެއެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ 700 އިމާމުން ތަމްރީންކޮށް ނިންމާލުމެވެ.