ހުޅުމާލެ ފޭސް 2 ގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވެ ފަރުވާ ދެމުން ދިޔަ ޒުވާނަކު 7 ދުވަސް ފަހުން މަރުވެއްޖެއެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ މި މަހުގެ 5 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އެ ދުވަހުގެ ހަވިރު 5:00 ގައި ހުޅުމާލެ ފޭސް 2، ނިރޮޅު މަގުގައި މި އެކްސިޑެންޓް ހިނގާފައި ވަނީ ދެ ސދައިކަލު ޖެހިގެންނެވެ.

މި އެކްސިޑެންޓްގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ، ރޭދުވާ، ދ. ކުޑަހުވަދޫ، މުހައްމަދު ވިޝާލް އަށެވެ. އެ ދުވަހުން ފެށިގެން އޭޑީކޭ ހޮސްޕިޓަލުގައި އޭނާ އަށް ފަރުވާ ދީފައިވާ އިރު،. އޭނާ މަރުވެފައި ވަނީ މިއަދުއެވެ.

އޭނާގެ ކަށުނަމާދު މިރޭ 12:00 ގައި ބާއްވަން ހަމަޖައްސާފައިވާ އިރު ކަށު ނަމާދު އޮންނާނީ ހުޅުމާލެ ސަހަރާގައެވެ.

މި އެކްސިޑެންޓު ހިނގި ދުވަހު ފުލުހުން ވަނީ، އެކްސިޑެންޓު ހިނގި މަންޒަރު ފެނުނު ބަޔަކު ތިބި ނަމަ ފުލުހުންނަށް އެކަމުގެ މައުލޫމާތު ދިނުމަށް އެދި ބަޔާނެއް ވެސް ނެރެފައެވެ. ނަމަވެސް މި އެކްސިޑެންޓާ ބެހޭ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މީނާ އަކީ ހުޅުމާލޭގައި ހުންނަ އެސްޖޭ މޯލްގެ މުވައްޒަފަކަށް އުޅުނު ޒުވާނެކެވެ.