ތުރުކީގެ އަންތަލްޔާގައި ދުއްވާ ކޭބަލް ކާރުތަކުގެ ތެރެއިން ކާރެއް ދަތުރު ކުރަމުން ދަނިކޮށް ހޮޅިދަނޑިއަކާ މުޑިއަރާ އެކްސިޑެންޓްވެ ހިނގި ހާދިސާގައި 1 މަރުވެ 17 މީހަކު ޒަހަމްވެއްޖެއެވެ. މިހާދިސާ ހިނގި އިރު ޖުމްލަ 16 ކާރު ދިޔައީ ކޭބަލްގައި ދުއްވަމުންނެވެ.

އެ ހުރިހާ ކާރެއްގައި ވެސް މީހުން ތިބި އެ ހާދިސާ އާ އެކު 184 މީހަކު ކާރުތަކުގައި ތާށިވި ކަމަށާއި އެމީހުން ސަލާމަތް ކުރެވުނީ އޮފިޝަލުންގެ ބުރަ މަސައްކަތުން ކަމަށް ހަބަރުތަކުން ބުނެއެވެ.

މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި ޖުމްލަ 7 ހެލިކޮޕްޓަރާއި 500 އަށް ވުރެ ގިނަ އޮފިޝަލުން ހަރަކާތްތެރި ވެފައި ވެއެވެ.

ހުކުރު ދުވަހު ހިނގި މިހާދިސާގައި އެއްބަޔަކު ހުކުރު ދުވަހު ސަލާމަތް ކުރެވުނު ނަމަވެސް އަނެއްބަޔަކު ސަލާމަތް ކުރެވުނީ ހޮނިހިރު ދުވަހުއެވެ. މިހާދިސާގެ ތެރޭގައި ހާދިސާ ހިނގި ސަރަހައްދުން އެތައް ފަހަރަކު ކަރަންޓް ދިޔުމާއި އެކިއެކި ގޮންޖެހުންތައް ދިމާވި ކަމަށާއި އޭގެ ތެރެއިން ބައެއް ފަހަރުތަކުގައި މީހުން ތިބި ޕޮޑް ތިރިއަށް ސޮހެމުން ދިޔަކަމަށް ވެސް ބުނެފައި ވެއެވެ.

އިދާރާތަކުން ބުނި ގޮތުގައި ބައެއް ޕޮޑް [ކާރު] ތަކުގައި ކުޑަކުދިންވެސް ތިއްބެއެވެ. އަދި އޭގެ ތެރެއިން ބައެއް ކުދިންގެ ހެޔަށް ގޮތްވެ ހާނެތުނު ކަމަށް ވެސް ބުނެފައި ވެއެވެ.

މިހާދިސާގައި މަރުވީ އުމުރުން 54 އަހަރުގެ ތުރުކީގެ ރައްޔިތެކެވެ. ޒަހަމްވި މީހުންގެ ތެރޭގައި ކުޑަކުދިންވެސް ހިމެނޭ އިރު, ހާދިސާ ހިނގި ފަރުބަދަ މަތީގެ ސަރަހައްދުގައި ހޮޅިން ނެއްޓިފައި އޮތް ކޭބަލެއް ފެނުނު ކަމަށް ބުނެފައި ވެއެވެ.

މި ކޭބަލް ނެޓްވޯކަކީ ކޮންޔާލްޓީ ބީޗުން ޓޫރިސްޓުން ގޮވައިގެން 2028 ފޫޓު މަތީގައި އޮންނަ ޓުނެކްތެޕޭގެ ފަރުބަދަތަކުގެ މައްޗަށް އަރަން ބޭނުން ކުރާ ކޭބަލް ނެޓްވޯކެކެވެ.

2017 ވަނަ އަހަރު ބޭނުން ކުރަން ފެށި މި ކޭބަލް ކާރު ސިސްޓަމްގެ މިހާ ކުރީކޮޅު މިފަދަ ހާދިސާއެއް ހިނގި މައްސަލައިގައި 13 މީހަކު ހައްޔަރު ކޮށް މިހާރު ދަނީ ތަހުގީގު ހިންގަމުންނެވެ.