ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމާއި ރާއްޖެއާއި އިންޑިއާ އާ ދެމެދު އޮތް ގުޅުންތައް ހަމައަކަށް އެޅުވުމަށް ބާޢްވަމުން އަންނަ ހައިލެވަލް މީޓިން ތަކުގެ 4 ވަނަ ބައްދަލުވުން ނިއު ދިއްލީގައި ބާއްވައިފިއެވެ.
މިއަދު ބޭއްވި ބައްދަލުވުމާ ގުޅޭ ގޮތުން ރާއްޖޭގެ ހާރިޖީ ވުޒާރާއިން ބުނީ، ރާޢްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމުގައި ކަންކަން ހިނގަމުން ދަނީ ދެފަރާތުންވެސް ހިތްހަމާ ޖެހޭ ގޮތަށް ކަމަށެވެ. އަދި ތާވަލު ކުރެވިފައި ވާ ގޮތަށް މިމަހުގެ 10 ވާ ހުކުރު ދުވަހުގެ ކުރިން ބާކީ ތިބި ހުރިހާ ސިފައިން ފައިބާނެ ކަމަށެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅަކަށް ވާއިރު އެ ވައުދުފުޅާ އެއްގޮތަށް އިންޑިއާ އިން އަމަލު ކުރަމުން ދަނީ ސިފައިން ބޭރުކޮށް ބަދަލުގައި މަދަނީ މީހުން ގެނެސްގެންނެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ތިބީ އިންޑިއާއިން ހަދިޔާ ކުރި ޑޯނިއާ މަތިންދާބޯޓާއި 2 ހެލިކޮޕްޓަރު ދުއްވުމަށާއި އޭގެ މެއިންޓަނެންސް ނުވަތަ ޓެކްނިކަލް މަސައްކަތްތަކުގައެވެ. މީގެ އިތުން އެމްއެންޑީއެފް އިން ހިންގާ ސެނެހިޔާ ހޮސްޕިޓަލްގައި ސިއްހީ ހިދުމަތްތެރިންގެ ގޮތުގައި އިންޑިއާ ސިފައިންގެ 8 މީހަކު މަސައްކަތް ކުރެއެވެ.
މިއަދު ނިއު ދިއްލީގައި ބޭއްވި ބައްދަލުވުމުގައި ސިފައިން ފޮނުވާލުމުގެ މައްސަލައިގެ އިތުރުން ދެގައުމުގެ ދެމެދުގައި އޮތް ގުޅުން ހަރުދަނާ ކުރުމާއި ރާޢްޖޭގައި އިންޑިއާއިން އިންވެސްޓް ކޮށްފައިވާ އެކިއެކި ދާއިރާތަކުގެ މަސައްކަތްތަކާއި ޕްރޮޖެކްޓުތައް ކުރިއަށް ދާ ގޮތާ ބެހޭގޮތުންވެސް މަޝްވަރާ ކޮށްފައި ވާކަމަށް ހަބަރުތައް ބުނެއެވެ.
އަދި އަސްކަރީ ދާއިރާއިން ގުޅުންތައް ހަރުދަނާ ކުރުމަށް ވެސް މިއަދުގެ ބައްދަލުވުމުގައި މަޝްވަރާ ކޮށްފައި ވާ ކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ފޮނުވާލުމުގެ މައްސަލަ އާއި މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން ކުރިން އިދިކޮޅުގައި ތިބި އިރު ޕްރޮމޯޓު ކުރަމުން ދިޔަ 'އިންޑިއާ އައުޓް' ގެ މައްސަލައާއި އިންޑިއާއިން ރާއްޖެ އަށް ބްލީ ކުރި މައްސަލައިގައި ދެގައުމުގެ ގުޅުން އޮތީ ބޮޑުތަކުން ހީނަރުވެފައެވެ. އަދި ރާޢްޖޭގެ އާ ސަރުކާރުން [ޑރ. މުއިއްޒުގެ ސަރުކާރުން] ޗައިނާ އާ ރައްޓެހި ސިޔާސަތެއް ގެންގުޅެން ފެށުމުންވެސް އިންޑިއާ އިން ރާއްޖެއާ މެދު ގެންގުޅޭ ސިޔާސަތުތަކަށް ބަދަލުތަކެއް ގެނައެވެ.
ނަމަވެސް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެރިކަން ކުރާ ޕީއެންސީން ބޮޑު އަޣުލަބިއްޔަތެއް ހޯދުމާއެކު މަޝްރަހު ފިނިކުރުމަށްޓަކައި އިންޑިއާއިން މަސައްކަތް ފަށާފައި ވާ ކަމަށް މުރާސިލުން ބުނެއެވެ. އެގޮތުން އިންޑިއާގެ ދައުވަތަކަށް ރާއްޖޭގެ ހާރިޖީ ވަޒީރު ރަސްމީ ދަތުރެއް ކުރެއްވުމަށް މިހާރު ވަނީ ތާވަލު ކުރައްވާފައެވެ.