އެމެރިކާގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ހުސްވެފައިވާ މަގާމަށް، އެމެރިކާގެ އިސްތިއުނާފީ ކޯޓެއްގެ ފަނޑިޔާރު އޭމީ ކޯނީ ބެރަޓްގެ ނަން، ރައީސް ޑޮނާލްޑް ޓްރަމްޕް ނޮމިނޭޓް ކުރައްވައިފިއެވެ.

އެމެރިކާގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ގޮނޑިއެއް ހުސްވީ، އެ މަގާމު އަދާކުރައްވަމުން ގެންދެވި ރޫތު ބޭޑާ ގިންސްބާގް، ކެންސަރު ބަލިގައި އަވަހާރަވުމާ ގުޅިގެންނެވެ.

ވެރިކަމުގެ 2 ވަނަ ދައުރެއް ކަށަވަރު ކުރެއްވުމަށް ފައިވިއްދަވައިގެން ހުންނެވި ޓްރަމްޕް ގެންދަވަނީ، ނޮވެމްބަރު 3 ވަނަ ދުވަހުގެ އިންތިހާބުގެ ކުރިން، ސުޕްރީމް ކޯޓަށް ފަނޑިޔާރުން ހަމަކުރެއްވުމަށް މަސައްކަތް ކުރައްވަމުންނެވެ. ޓްރަމްޕުގެ ތާއީދު ބޮޑު، ސެނެޓުންވެސް ވަނީ ޓްރަމްޕް ނޮމިނޭޓް ކުރައްވާ ނަމެއް ފާސްކުރާނެ ކަމަށް ބުނެއެވެ.

ނަމަވެސް، ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންވަނީ، ސުޕްރީމް ކޯޓަށް ފަނޑިޔާރެއްގެ ނަން ހުށަހަޅުއްވަން ވާނީ، ރިޔާސީ އިންތިހާބު ކުރައްވާ ފަރާތަކުން ކަމަށް ވިދާޅުވެފައެވެ. އެމެރިކާގެ ޝަރުއީ ނިޒާމު ހަމަޖެހިފައި އޮންނަ ގޮތުން، ސުޕްރީމް ކޯޓުގެ ބެންޗުގެ ދައުރަކީ، ފަނޑިޔާރެއްގެ އުމުރު ދުވަހެވެ. ނުވަތަ އަމިއްލައަށް ރިޓާޔާ ކުރުމެވެ.

ބެރަޓް އައްޔަން ކުރުމާ މެދު ސެނެޓްގެ ޖުޑީޝަރީ ކޮމިޓީއިން ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުން ތާވަލުކޮށްފައި ވަނީ އަންނަ އޮކްޓޯބަރު މަހުގެ 12 ވަނަ ދުވަހަށް ކަމަށް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

ސެނެޓުން ފާސްވެއްޖެ ނަމަ ބެރަޓް ވާނީ، އެމެރިކާގެ އެންމެ އިސް ފަނޑިޔާރުންގެ ބެންޗުގައި ހިދުމަތް ކުރާ 5 ވަނަ ޝަހްސަށެވެ. އަދި މިއާއެކު ޓްރަމްޕަށް 6-3 ގެ އަގުލަބިއްޔަތެއް، ސުޕްރީމް ކޯޓުން ކަށަވަރުވާނެވެސްމެއެވެ. އުމުރުން 48 އަހަރުގެ ބެރަޓްއަކީ، 1991 ވަނަ އަހަރަށް ފަހު ސުޕްރީމް ކޯޓަށް ނޮމިނެޓް ކުރެވުނު އެންމެ ހަގު ފަނޑިޔާރެވެ.