އެމެރިކާގެ ތާރީހު ދުށް އެންމެ މަގުބޫލު ލީޑަރަކީ ބަރާކް އޮބާމާ ކަމާ މެދު ދެބަސްވާނެ މީހަކު މަދުވާނެއެވެ.
ވެރިކަމުގެ 2 ދައުރު ފުރިހަމަކުރެއްވި އޮބާމާއަކީ އެމެރިކާގެ ރައްޔިންގެ ހިތްތަކުން ހާއްސަ ޖާގައެއް ހޯއްދެވި ޝަހްސެކެވެ. އާ އިންތިހާބަކަށް އެމެރިކާގައި ވަގުތު ކުޑަތަންވެފައި ވާއިރު، މިހާރުވެސް އޮބާމާގެ މަގުބޫލުކަން ކުޑައެއް ނޫނެވެ.
ސަބަބެއް ނެތިއެއް ނޫނެވެ. މިފަހަރު އޮބާމާ ހާއްސަވީ، އާންމު ރައްޔިތުންނާ ފޯނު ނަމްބަރު ހިއްސާ ކުރައްވައިގެންނެވެ. 773-365-9687 އަށް ޓެކްސްޓެއް ކޮށްލާ، ހާލު ބަޔާންކޮށްދިނުމަށް އާންމުންގެ ކިބައިން އެދިވަޑައިގަތީ ޚުދު އޮބާމާ އަމިއްލަފުޅަށެވެ. ވީ ވަރަކުން ރައްޔިތުންގެ މެސެޖުތަކަށް ޖަވާބުދެއްވާ، ވާހަކަދައްކަވާނެ ކަމަށްވެސް އޮބާމާ ވަނީ ވިދާޅުވެފައެވެ.
އޮބާމާ އާންމު ކުރެއްވި ނަމްބަރަށް ގުޅާލުމުން ދެތިން ފަހަރަކު ރިންގުވެއެވެ. އެއަށްފަހު އިވެނީ، އޮބާމާގެ އަޑުން ރެކޯޑް ކުރައްވާފައިވާ ވޮއިސް މެސެޖެކެވެ. އޮބާމާއާއި ދައްކަން ބޭނުން ވާހަކައެއް އޮތްނަމަ އެ ވާހަކައެއް ބުނަންވީއެވެ. ބޭނުން ނަމަ ޓެކްސްޓެއްވެސް ކޮށްލެވިދާނެއެވެ. ޓެކްސްޓް މެސެޖުތަކަށް ޑައިރެކްޓް ލިންކެއް ލިބެއެވެ.
ނޮވެމްބަރު މަހުގެ އިންތިހާބަށް ޑިމޮކްރަޓުންނަށް ތާއީދު ކަށަވަރު ކުރެއްވުމަށް، އަނެއްކާވެސް އޮބާމާ މި އެޅުއްވީ ތަފާތު ފިޔަވަޅެއް ނޫންތޯއެވެ.