ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދާ ރިޔާސީ އިންތިހާބުގައި ނާކާމިޔާބު ވެވަޑައިގެންފި ނަމަ، ދެން އަންނަ ސަރުކާރަކާ ބާރުތައް ހާލު ކުރެއްވުމުގެ މަރުހަލާ، ސުލްހަވެރި ކަމާއެކު ކުރިއަށް ގެންދެވުމަށް އެއްބާރުލުން ދެއްވުމަށް، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް އިންކާރު ކުރައްވައިފިއެވެ.

ވައިޓްހައުސްގައި ކުރިއަށް ދިޔަ ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ، ވާ ގޮތެއް ޖެހޭނީ ބަލަން ކަމަށެވެ. ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އާ ސަރުކާރަކަށް ބާރުތައް ހަވާލުކުރަންޖެހޭ 'ޓްރާންސްފާ' މަރުހަލާއެއް ނާންނާނެ ކަމަށާ، އަދުގެ ސަރުކާރު އޮތް ގޮތުގައި ކުރިއަށްދާނީ ކަމަށެވެ.

ޕޯސްޓް މެދުވެރިކޮށް ވޯޓުލުމުގައި ޝައްކު އުފެދޭ ކަންތައްތަކެއް ހުރިކަމަށް ވަކާލާތު ކުރައްވާ ޓްރަމްޕް ވަނީ، އިންތިހާބުގެ ނަތީޖާ، ސުޕްރީމް ކޯޓަށް ގެންދަން ޖެހިދާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށްވެސް ވިދާޅުވެފައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، މިނިވަން ދުވަހުގެ ތަގުރީރު ދެއްވަނީ/ފޮޓޯ: ފިންގާ ލޭކްސް ޓައިމްސް

އެމެރިކާގެ އިންތިހާބީ ނިޒާމު ރޭވިފައި އޮންނަ ގޮތުން، ޕޯސްޓް މެދުވެރިކޮށްވެސް ވޯޓުލެވެއެވެ. މި ދަނޑިވަޅަކީ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ ބަލިމަޑުކަމުގައި އެމެރިކާގެ މަސްރަހު ނުތަނަވަސް ވެފައިވާ ދަނޑިވަޅެއް ކަމުން، ޕޯސްޓް މެދުވެރިކޮށް ވޯޓު ދިނުމަށް ގިނަ އަދަދެއްގެ ބަޔަކު ޚިޔާރު ކުރާނެ ކަމަށް ލަފާ ކުރެވެއެވެ. ވޯޓުލާ މީހުންނަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި، ބައެއް ސްޓޭޓްތަކުން ދަނީ، މެއިލް މެދުވެރިކޮށް ވޯޓު ދިނުމަށް ރައްޔިތުންނަށް ބާރުއަޅަމުންނެވެ.

2016 ވަނަ އަހަރުގެ އިންތިހާބަށް ތައްޔާރުވަމުން ދިޔައިރުވެސް ޓްރަމްޕް ވަނީ، އިންތިހާބުގެ ނަތީޖާ ގަބޫލުފުޅުކުރެއްވުމަށް އިންކާރުކުރައްވާފައެވެ. ނަމަވެސް އެ ފަހަރުގެ އިންތިހާބު ކަށަވަރު ކުރެއްވީ ޓްރަމްޕްއެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވާހަކަފުޅުދައްކަވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

އެ ފަހަރުގެ އިންތިހާބުގައި ޓްރަމްޕާ ވާދަ ކުރެއްވި ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ހާރިޖީ ވަޒީރާއި ފަސްޓް ލޭޑީ ހިލަރީ ކްލިންޓަން ވަނީ، ކުޑަ ތަފާތަކުން ނާކާމިޔާބުވެއްޖެނަމަހީވެސް، އިންތިހާބުގެ ނަތީޖާ އިއުލާން ކުރުން ކުރިއަށްދާ ރޭ، ބަލި ގަބޫލުނުކުރެއްވުމަށް، މިފަހަރުގެ ޑިމޮކްރަޓިކް ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަންއަށް ގޮވާލައްވާފައެވެ.

ކްލިންޓަން ވަނީ، އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިމެ، އެހެން ނަމަވެސް ވޯޓުލާން ނުދާ މީހުންގެ ވޯޓުތަކާ ރިޕަބްލިކަންސްއިން ކުޅެން މަސައްކަތް ކުރާނެ ކަމުގެ ތުހުމަތުތަކެއް ފެންމަތި ކުރައްވާފައެވެ.

ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އެމެރިކާގައި އޮންނަ ރިޔާސީ އިންތިހާބުގައި އިދިކޮޅު ޑިމޮކްރަޓުންގެ ފަރާތުން ނިކުންނަވާ ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން/ފޮޓޯ: ކެވިން ލަމާކު

އިންތިހާބުގެ ނަތީޖާ، ސުޕްރީމް ކޯޓުން ނިންމަންޖެހިދާނެ ކަމުގެ އިޝާރާތެއް ޓްރަމްޕް ކުރައްވާފައިވާ މި ވަގުތަކީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ރޫތު ބާޑާ ގިންސްބާގް ނިޔާވުމާ ގުޅިގެން، އެ މަގާމަށްވެސް ޓްރަމްޕްގެ ފިކުރުގެ ފަނޑިޔާރަކު އިސްކުރެއްވުމަށް މަސައްކަތްތަކެއް ކުރިއަށްދާ ވަގުތެއްކަން ފާހަގަކުރަންޖެހެއެވެ. ނަމަވެސް ބައިޑަން ވަނީ، ސުޕްރީމް ކޯޓުން ހުސްވި ފަނޑިޔާރުގެ ގޮނޑިކޮޅަށް އާ ފަނޑިޔާރަކު ކަނޑައަޅަން ވާނީ، ނޮވެމްބަރު މަހު ރައީސްކަން ކަށަވަރު ކުރައްވާ ބޭފުޅަކު ކަމަށް ވިދާޅުވެފައެވެ.

މިދިޔަ ހަފުތާ ބަންދުގައި ނިޔާވި ގިންސްބާގްގެ ބަދަލުގައި ސުޕްރީމް ކޯޓަށް ދެންވެސް އިސްކުރައްވާނީ އަންހެން ފަނޑިޔާރެއް ކަމަށާ، މި ހަފުތާ ބަންދުގައި ކެންޑިޑޭޓެއްގެ ނަން ހުށަހަޅުއްވާނެ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ. އަދި ޓްރަމްޕް ފޮނުއްވާ ނަމެއް ފާސްކުރާނެ ކަމަށް، ރިޕަބްލިކަންސްއިން ކޮންޓްރޯލް ކުރާ ސެނެޓުންވެސް ވަނީ ބުނެފައެވެ.