ހަލުވިކަމާއެކު ފެތުރެމުންދާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ އަދަދު، 2 ލައްކައަށް ވުރެ މައްޗަށް އަރައިފިއެވެ.

މިއަދު ހެނދުނުގެ ނިޔަލަށް ލިބިފައިވާ އެންމެ ފަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ކޮވިޑް-19 ޖެހިގެން އެމެރިކާއިން މަރުވި މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ، 205471 އަށް އަރާފައެވެ. ރޭ މެންދަމު 00:00 ފެށިގެން މި ވަގުތާ ހިސާބަށްވެސް 969 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ.

އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، މާޗް މަހު ވިދާޅުވެފައި ވާ ގޮތުގައި ކޮވިޑް-19ގައި އެމެރިކާއިން މަރުވާ މީހުންގެ އަދަދު 1 ލައްކައާއި 2 ލައްކައާއި ދެމެދުގައި ހިފަހައްޓާލެވިއްޖެނަމަ އޭގެ މާނައަކީ، އެމެރިކާއަށް ކަންތައްތަކެއް ރަނގަޅަށް ކުރެވިފައި ވުމެވެ.

އެމެރިކާގައި ކޮވިޑް-19 ޖެހިގެން މަރުވި މީހެއްގެ ހަށިގަނޑު އެމްބިއުލާންސްއަކަށް އަރުވަނީ/ފޮޓޯ: ގެޓީ އިމޭޖަޒް

ޑަކޯޓާއާއި ޔޫޓާއިން ކޭސް ރެކޯޑް މިންވަރު އިންތިހާއަށް އިތުރުވަމުން ދާ މި ދަނޑިވަޅުގައި، އެމެރިކާއިން ކޮވިޑް-19އަށް ޕޮޒިޓިވްވެފައިވާ މީހުންގެ ޖުމުލަ އަދަދު މިހާރު ވަނީ 7097937 އަށް އަރާފައެވެ. ދުނިޔޭގެ ނިސްބަތުން ބަލާއިރު، އަދިވެސް އެންމެ ގިނަ އަދަދަކަށް ކޭސް ރެކޯޑް ކޮށްފައިވަނީ އެމެރިކާއިންނެވެ.

ކޮވިޑް-19ގެ ބަލިމަޑުކަމަށް ޓްރަމްޕްގެ ސަރުކާރުން އިޖާބަ ދެމުންދާ ގޮތާ މެދު ގިނަ ބައެއްގެ މެދުގައި ހިތްހަމަނުޖެހުން އުފެދި، ބޮޑު ފާޑުކިއުންތަކެއް އަމާޒު ކުރެއެވެ.

ޑިމޮކްރަޓިކް ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް ޖޯ ބައިޑަން ވިދާޅުވާ ގޮތުގައި އެމެރިކާގެ ތާރީހު ނުދެކޭ ވަރަށް ގައުމުގެ ރައްޔިތުންގެ ފުރާނަ ގެއްލިގެން ދަނީ، ޓްރަމްޕް ހައްދަވާ އިތުރުފުޅުތަކުގެ ސަބަބުންނާ، ޒިންމާ އަދާ ކުރެއްވުމަށް ނާގާބިލުކަމުންނެވެ. ކުރިމަތިވީ ހަގީގީ ކާރިސާއެއް ކަމަށާ، ނަމަވެސް ހަރަކާތްތެރިވެވަޑައިގަތުމުގެ ބަދަލުގައި ޓްރަމްޕަށް ހުއްޓުން އަރާ، އެއްވެސް ގައުމަކުން އަދާ ނުކުރާ ވަރުގެ ބޮޑު އަގެއް އެމެރިކާއިން އަދާކުރާ ކަމަށް ބައިޑަން ވަނީ ސިފަކުރައްވާފައެވެ.

ކަން މިހެން އޮތް ނަމަވެސް، ޓްރަމްޕް ވިދާޅުވަނީ އޭނާއާއި އޭނާގެ ސަރުކާރުން އަދާކުރަމުންދަނީ އާދަޔާ ހިލާފު ދައުރެއް ކަމަށާ، ކުރައްވާ މަސައްކަތްތަކަށް "އޭ ޕްލަސް" އެއް ދެއްވާނެ ކަމަށެވެ.

އެމެރިކާގެ ސެންޓާޒް ފޮ ޑިޒީޒް ކޮންޓްރޯލް އިން މިހާރު ވަނީ ވައިގެ ޒަރިއްޔާއިން ކޮވިޑް-19 ފެތުރިގެންދާ ކަމަށް ބުނާ ގޮތާ ގުޅިގެންވެސް ގަވައިދަށް ބަދަލު ގެނެސްފައެވެ. އެގޮތުން ވައިގެ ތެރޭގައި ހަރުލާފައި ހުންނަ ތިކިތައް ހަށިގަނޑުގެ އެތެރެއަށް ފޯރައިގެންވެސް ވައިރަހަށް އިންފެކްޓް ވެދާނެ ކަމަށާ، އެހެން ކަމުން އެތެރޭގެ މާހައުލްތަކުގައި ވައި ސާފު ކުރުމަށް އެއާ ޕިއުރިފައާޒް ބޭނުން ކުރުމަށް ސީޑީސީއިން ހުކުރު ދުވަހު ދިން އިރުޝާދު، މިހާރު ވަނީ ސައިޓުން ނަގާފައެވެ. ސީޑީސީއިން ބުނީ މިއީ ހުށަހަޅަން ތައްޔާރުކޮށްފައިވާ ގައިޑްލައިނެއްގެ ޑްރާފްޓް ކަމަށާ، ވެބްސައިޓްގައި ގަވައިދު ޝާއިއު ކުރެވުނީ "އޮޅިގެން" ކަމަށެވެ.