އިންޑިއާގެ ވިޔަފާރި މަރުކަޒީ ރަށް، މުމްބާއީ ސިޓީގައި ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) ހިންގާ އިމާރާތުގެ ބައެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

އަލިފާނުގެ ހަދިސާ ހިނގާފައިވަނީ އެކްސްޗޭންޖް ބިލްޑިންގްގައި ހިންގަމުންދިޔަ ފޮރިން ޕޯސްޓް އޮފީސް އިމާރާތުގައި ކަމަށް މައުލޫމާތު ލިބެއެވެ.

ހާދިސާ ހިނގުމާއެކު، ކަމާ ބެހޭ ފަރާތްތަކުން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށާފައެވެ. އަދި ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން އިމާރާތުން މީހުން ހުސްކޮށްފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ ގެއްލުމެއް ލިބިފައި ނުވާކަމަށް އަލިފާން ނިއްވުމާ ބެހޭ އޮފިޝަލަކު ވިދާޅުވި ކަމަށް އިންޑިއާ މީޑިއާއިންވަނީ ރިޕޯޓްކޮށްފައެވެ. ނަމަވެސް، އިމާރާތުގެ ބައެއް ފަރުނީޗަރާއި ތަކެއްޗަށް ގެއްލުން ވެފައި ވާ ކަމަށް ޚަބަރު ލިބެއެވެ.

ހާދިސާ ހިނގާފައިވަނީ ސާކިޓެއް ޝޯޓުވެގެން ކަމަށް މައުލޫމާތު ލިބެއެވެ.

އެންސީބީ އިމާރާތަކީ، ބޮލީވުޑްގެ ޒުވާން ބަތޮލް، ސުޝާންތް ސިންހް ރާޖުޕުތުގެ ކުއްލި މަރާއި ގުޅިގެން ފެންމަތިވި ޑްރަގް މައްސަލައިގެ ތަހުގީގު ހިނގަމުންދާ އިމާރާތެވެ. ސުޝާންތުގެ މަރަށް، އިންޑިއާގެ މީޑިއާގެ ބޮޑު ސަމާލުކަމެއް ވަނީ ހުއްޓިފައެވެ.