ކުރީގެ ރައީސް އަބްދުﷲ ބޭންކު އެކައުންޓްތައް ފްރީޒްކޮށްފައިވާތީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައިވާ މައްސަލައިގައި، ދައުލަތުގެ ފަރާތުންނާއި ރައީސް ޔާމީންގެ ފަރާތުން ހުލާސާ ބަޔާން އިއްވައި އަޑުއެހުންތައް ނިންމާލައިފިއެވެ.

އެ މައްސަލާގައި ފަނޑިޔާރުން އިތުރުކަމެއް ސާފުކުރަން ނެތްނަމަ، ދެން އޮންނާނީ، ހުކުމް ކުރުމަށް ބޭއްވޭ ޝަރީތުގެ މަޖިލީހެވެ.

ފަނޑިޔާރުންގެ ބެންޗުގެ ބައެއް ސުވާލުތައް މިއަދު ވެސް ފުލުހުންނާއި ދައުލަތަށް އަމާޒުވެފައިވާއިރު ފަނޑިޔާރު ސުއޫދު ވަނީ ރައީސް ޔާމީންގެ ހުރިހާ އެކައުންޓެއް ފްރީޒް ކުރަންޖެހުނީ ކީއްވެތޯ އާއި އިތުރު ފައިސާތަކެއް ބަންދުކުރަންޖެހުނު ގޮތާއި އިތުރު ފައިސާތަކަކާއި މެދު ސުވާލު އުފެދުނު ގޮތާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ.

އެސުވާލަށް ޖަވާބުދެމުން ފުލުހުން ބުނީ، ކޯޓު އަމުރަށް އެދުނު އިރު، ފުލުހުންނަށް ކަނޑައެޅުނީ ރައީސް ޔާމީންގެ 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރަން ޖެހޭނެ ކަމަށް ކަމަށެވެ.

އެ ޖަވާބު ދިނުމުން ފަނޑިޔާރު ސުއޫދު ސުވާލު ކުރެއްވީ އެ އަދަދު ފްރީޒް ކުރަން ކޯޓު އަމުރަށް އެދުނު ފޯމުގައި ޖަހާފައިވާނެތޯއެވެ. އެގޮތުން ފުލުހުން ބުނީ އެ އަދަދު ކޯޓު އަމުރު ހޯދަން އެދުނު އިރު ޖަހާފައި ނުވާނެ ކަމަށެވެ. އެޖަވާބާއެކު ފަނޑިޔާރުންގެ ބެެންޗުން ވަނީ އެ ވާހަކަ އިތުރަށް ނުދެއްކުމަށް އަންގާފައެވެ.

މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީން ވިދާޅުވީ، އިސްލާމިކް ބޭންކް އެކައުންޓުގައި ހުރި އެއް މިލިއަން ޑޮލަރުގައި އަތް ނުލުމަށް އޭސީސީއިން ކުރިން އަންގާފައިވާ ކަމަށާއި އެހެން ގޮތަކަށް އެއް މިލިއަން ޑޮލަރު ހޯދައި ކުރި އެސްކްރޯ އެކައުންޓުގެ މުއާމަލާތާ ގުޅިގެން ހުރިހާ އެކައުންޓުތަކެއް ފްރީޒްވާން ޖެހެންވީ ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށެވެ. އަދި އެކައުންޓުގައި 100 މިލިއަން ޑޮލަރު ހުރުމަކީ ފުލުހުން ކަންބޮޑުވާން ޖެހޭ ކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.

ކްރިމިނަލް ކޯޓުން ނެރުނު އަމުރު ބާތިލް ކުރުމަށް ހައިކޯޓުން ނިންމާފައި ވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫގެ 72 ވަނަ މާއްދާ އަދި 73ވަނަ މާއްދާއަށް ރިއާޔަތްކޮށެވެ. ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްފައި ވަނީ، ސަރުކާރުގެ އިދާރާތަކުން ފުލުހުންނަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން، ޔާމީންގެ އެކައުންޓްތައް ފްރީޒް ކޮށްދިނުމަށް ޕީޖީން ކްރިމިނަލް ކޯޓުގައި އެދުމުން، އެކޯޓުން އެކަމަށް އަމުރު ކޮށްފައި ވާތީއެވެ. ނަމަވެސް ރައީސް ޔާމީންގެ އެކައުންޓުތަކުގައި ހުރި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލު ކޮށްފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހެވެ.

ރައީސް ޔާމީންގެ ޖުމްލަ 3 މައްސަލައެއް މިހާރު ކޯޓުގައި ކުރިއަށް އެބަގެންދެއެވެ. އެގޮތުން، ގއ. ވޮޑަމުއްލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކުރި ކަމުގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވެފައި ވާއިރު، މި މައްސަލައިގެ އިސްތިއުނާފު އަޑުއެހުންތައް މި މަހުގެ 1 ވަނަ ދުވަހު ހައި ކޯޓުގައި ވަނީ ނިންމާލާފައެވެ. އަދި ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންގެ ކުށުގެ ދައުވާއާއި، ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.