ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޓެސްޓުކުރުމަށް ކަރުތެރެއާއި ނޭފަތުގެ އެންމެ އެތެރެއިން ވޭންދެނިވި ގޮތަކަށް ސާމްޕަލް ނަގަމުންދާ ދިއުމަށް ބަދަލެއް ގެނެސް، ކަރުތެރެ ދޮވެލައިގެން މި ބައްޔަށް ޓެސްޓު ކުރެވޭނެ އިންތިޒާމު، ކެނެޑާއިން ހަމަޖައްސައިފިއެވެ.

ބްރިޓިޝް ކޮލަމްބިއާ ސަރަހައްދުގައި އަލަށް ތައާރަފުކުރި މި ނިޒާމަކީ ކަރު ދޮންނަ އުސޫލުން ކަރުތެރޭގައި "ގާގްލް" ކޮށްގެން ކޮވިޑް-19 އަށް ޓެސްޓުކުރަން ސާމްޕަލް ނެގޭ ގޮތަށް ގެނައި ބަދަލެކެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ބްރިޓިޝް ކޮލަމްބިއާގެ ޕްރޮވިންޝަލް ހެލްތް އޮފިސާ ޑރ ބޯނީ ހެންރީ ވިދާޅުވީ، މިއީ މުޅި ދުނިޔޭގައިވެސް މިފަދަ ގޮތަކަށް ކޮވިޑް-19އަށް ޓެސްޓުކުރާ ފުރަތަމަ މަޝްރޫއު ކަމަށެވެ.

ބްރިޓިޝް ކޮލަމްބިއާގެ ސެންޓާ ފޮ ޑިޒީޒް ކޮންޓްރޯލްއިން ބުނީ، އަލަށް ތައާރަފުކުރި ޓެސްޓަކީ، ކަރާއި ނޭފަތުގެ އެންމެ އެތެރެއިން ސާމްޕަލް ނަގައިގެން ހަދާ ޓެސްޓުގެ ނަތީޖާހާ ކަށަވަރު ނަތީޖާ ނެރެވޭ ޓެސްޓެއް ކަމަށާ، ކުޑަކުދިންގެ ހަށިގަނޑުން ސާމްޕަލް ނަގަން، މި ޓެސްޓު މާ ފަސޭހަ ކަމަށެވެ.

ކޮވިޑް-19އަށް ޓެސްޓު ކުރުމަށް ނަގާފައިވާ ސްވަބް ސާމްޕަލް/ފޮޓޯ: ވެންކޫވާއިޒްއެމޭޒިންގް

މި ޓެސްޓު ކުރުމަށް ބޭނުން ކުރަނީ ސެލީން ގާގަލް ނުވަތަ ޒާތެއްގެ ލޮނު ރަހައެއް ހުންނަ ފެނަކުން ކަރުތެރެ ދޮވެލާ އުސޫލުން ގާގްލް ކުރުމަށްފަހު، ހާއްސަ ޓިއުބަކަށް އެ ގާގްލްކުރި ފެންފޮދު އަޅައިގެންނެވެ. މި ޓެސްޓުގައި ސާމްޕަލް ނެގުމަށް ސިއްހީ ތަޖުރިބާކާރެއްގެ އެހީއެއް ބޭނުމެއް ނުވެއެވެ. ނަމަވެސް، ސާމްޕަލް ޓެސްޓު ކުރުމަށް، ލެބޯޓްރީއަކަށް ގެންދަންޖެހެއެވެ.

މި ފުރުސަތު އޮންނަނީ އުމުރުން 4 އަހަރުން ފެށިގެން 19 އަހަރާ ދެމެދުގެ ކުދިންނަށެވެ. ނަމަވެސް ކުރިއަށް އޮތް ހަފުތާތަކުގައި، ބޮޑެތި މީހުންނަށްވެސް މި ޓެސްޓު ތައާރަފު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ޚަބަރު ލިބެއެވެ.

ކެނެޑާގައި ސްކޫލަށް ހާޒިރުކޮށްގެން ދަރިވަރުންނަށް ކިޔަވާދޭން ފަށާފައި ވާއިރު، ކޮވިޑް-19އަށް ކުޑަކުދިން ޓެސްޓުކުރާ މިންވަރު ވަނީ އިތުރުވެފައެވެ.