އެ ބައްޔަކާ ބެހޭ ގޮތުން މާ ބޮޑު ހޯދުންތަކެއް އަދިވެސް ހޯދިފައި ނުވާ ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) ޖެހި، ޝިފާ ލިބި ރަނގަޅުވާ މީހުންގެ ތެރެއިން 2 ބައިކުޅަ 1 ބަޔަށް ވުރެ ގިނަ މީހުންނަކީ، ދިގު މުއްދަތަކަށް އާދަޔާ ހިލާފު ވަރުބަލިކަން (ފެޓީގު)ގެ ތަކުލީފުތައް ތަހައްމަލު ކުރާ ބައެއް ކަމަށް ފަހުގެ ހޯދުންތަކުން ދައްކައިފިއެވެ.
ޑަބްލިންގެ ޓްރިނިޓީ ކޮލެޖުގެ ދިރާސާ ޓީމުން ކުރިއަށް ގެންދިޔަ ހޯދުންތަކުގައި ކޮވިޑް-19 އިން ރަނގަޅުވި 128 ޕޭޝަންޓެއްގެ މައުލޫމާތު މުރާޖައާ ކުރިއެވެ. މުރާޖައާގެ ނަތީޖާއަށް ބަލާއިރު، 52 ޕަސެންޓް މީހުން ވަނީ ބަލިން ރަނގަޅުވި ކަމަށް ނިންމިތާ 10 ހަފުތާ ފާއިތުވީ އިރުވެސް އާދަޔާ ހިލާފު ވަރުބަލިކަން އިހުސާސް ކުރެވޭ ކަމަށް ރިޕޯޓްކޮށްފައެވެ.
އަންނަ ހަފުތާގައި އޮންނަ ޔޫރަޕިއަން ކޮންގްރެސް އޮފް ކްލިނިކަލް މައިކްރޮބައޮލޮޖީ އެންޑް އިންފެކްޝަސް ޑިޒީޒަސް ކޮންފަރެންސް އޮން ކޮރޯނާވައިރަސް ޑިޒީޒްއަށް ތައްޔާރުކޮށްފައިވާ ހުލާސާ ބަޔާނެއްގައި ޓްރިނިޓީ ކޮލެޖުގެ ޓީމުން ބުނީ، ކޮވިޑް-19 ޖެހި ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުމާއި، އޮކްސިޖަން ދޭންޖެހުން ނުވަތަ އިންޓެންސިވް ކެއާ ޔުނިޓްގައި ފަރުވާ ދޭން ޖެހުމާ މިކަމާ ގުޅުމެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.
ޓްރިނިޓީ ކޮލެޖުގެ ބަޔާނުގައި ޑރ ލިއަމް ޓޯސެންޑް ވިދާޅުވީ، ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހުނު ޕޭޝަންޓުންނާ އެނޫން ޕޭޝަންޓުންނަށްވެސް މިކަން ކުރިމަތިވިކަމަށެވެ.
ކަން މިހެން އޮތްއިރު، ކޮވިޑް-19 ޖެހި، އެ ބަލިން ރަނގަޅުވަމުން އަންނައިރު ޕޭޝަންޓުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކާ، ފާހަގަކުރެވޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދިނުން މުހިންމު ކަމަށް މި ދިރާސާ އަންގައިދޭ ކަމަށް ޑރ ޓޯސެންޑް ވަނީ ވިދާޅުވެފައެވެ. އަދި މިކަމަކީ ބަލިޖެހިފައިވާ މުއްދަތުގައި ޕޭޝަންޓުގެ ހާލަތް ރިއާޔަތްކޮށްގެން ވިލަރެސް ކުރަންވީ ކަމެއް ނޫން ކަމަށްވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ކޮވިޑް-19އަށް ކަނޑައެޅިގެން ވަކި ފަރުވާއެއް އަދިވެސް ހޯދިފައި ނުވާއިރު، ބަލި ޖެހޭ މީހުންނަށް ފަރުވާ ކުރަނީ ޕޭޝަންޓުންގެ ހަށިގަނޑުން ފެންނަ އަލާމާތްތަކަށް ބަލައިގެންނެވެ. ބައެއް މީހުންނަކީ ބަލީގެ އަލާމާތްތައް ވަރަށް ކުޑަކޮށް، ނުވަތަ އެއްވެސް ވަރަކަށް ނުފެންނަ މީހުންނެވެ. މިފަދަ ގިނަ މީހުންނަށް އެއްވެސް ވަރެއްގެ ސިއްހީ ބޭސްވެރިކަމުގެ ފަރުވާއެއް ނުދީވެސް ރަނގަޅުވެއެވެ. ނަމަވެސް، މާ ބޮޑަށް ބަލިނުވާ ޕޭޝަންޓުންވެސް ބަލިން ރަނގަޅުވުމަށްފަހު އިތުރު ތަކުލީފުތައް ދެމިގެންދާ ކަމަށް ފަހުގެ ހޯދުންތަކުން މިދަނީ ސާބިތުވަމުންނެވެ.