ގިނަ އަދަދެއްގެ ކުންފުނިތަކެއް ހެކް ކުރި ކަމުގެ ކުށުގެ ތުހުމަތުގައި، އެމެރިކާއިން ޗައިނާއާއި މެލޭޝިއާގެ ބަޔަކާ ދެކޮޅަށް ދައުވާ އުފުލައިފިއެވެ.

100 އަށްވުރެ ގިނަ ކުންފުނި ހެކް ކޮށްފައި ވާ ކަމުގެ ކުށުގެ ތުހުމަތުގައި އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ދައުވާ އުފުލާފައިވަނީ ޗައިނާގެ 5 މީހަކާއި މެލޭޝިއާގެ 2 މީހަކާ ދެކޮޅަށެވެ.

އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ބުނީ މެލޭޝިއާއަށް ނިސްބަތްވާ 2 ވިޔަފާރިވެރިންނަކީ، ޗައިނާގެ ހެކަރުންނާ ގުޅިގެން، ވަކިން ހާއްސަކޮށް ވީޑިއޯ ގޭމް ކުންފުނިތަކަށް އަމާޒުކޮށް ހެކް ކުރަން ރޭވި މީހުން ކަމަށެވެ. މި 2 މީހުންވެސް މިހާރު ހައްޔަރު ކޮށްފައި ވާކަމަށް ޚަބަރު ލިބެއެވެ.

ޗައިނާއަށް ނިސްބަތްވާ 5 މީހުންނަކީވެސް ޗައިނާގައި "ފިލައިގެނ" އުޅޭ ބައެއް ކަމަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުންބުނެއެވެ. ގައިދީން ބަދަލު ކުރުމުގެ އެއްބަސްވުމެއް މި ދެގައުމުގެ މެދުގައި ހަމަޖެހިފައެއް ނެތެވެ.

ޗައިނާއަށް ނިސްބަތްވާ އަނެއް 3 ހެކަރުންނަކީ ސޮފްޓްވެއާ ޑިވަލޮޕަރުންނާ، ކޮމްޕިއުޓަރު ހަދާ ފަރާތްތަކާ، ސޯޝަލް މީޑިއާ ކުންފުނިތަކާއި އެނޫންވެސް ކުންފުނިތަކަކަށް ހެކް ކުރުމުގެ ހަމަލާ އަމާޒު ކުރި 3 މީހުން ކަމަށް މައުލޫމާތު ލިބެއެވެ.

އެމެރިކާއިން މިފަދަ ދައުވާއެއް އުފުލާފައި މިވަނީ ޓެކްނޮލޮޖީގެ ނަމުގައި، ޗައިނާގެ ސަރުކާރުން، އެމެރިކާގެ ޒާތީ މައުލޫމާތު ހޯދަމުން ދާ ކަމުގެ ތުހުމަތު، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްގެ ސަރުކާރުން ތަކުރާރުކޮށް ފެންމަތި ކުރަމުންދާ ދަނޑިވަޅެއްގައެވެ. އެމެރިކާގެ ތުހުމަތުތަކަށް ޗައިނާއިން ވެސް ދަނީ ތަކުރާރުކޮށް އިންކާރު ކުރަމުންނެވެ.