ބައިނަލްއަގުވާމީ ސުޕާޕަވަރަށް ވުމަށް މަސައްކަތް ކުރަމުން އަންނަ ޗައިނާއާއި ދެކޮޅަށް 2018 ވަނަ އަހަރު އެމެރިކާއިން ތަންފީޒު ކުރަން ފެށި ވިޔަފާރިއަށް ދަތިކުރުމުގެ ފިޔަވަޅުތަކަކީ، ބައިނަލްއަގުވާމީ ވިޔަފާރީގެ ގާނޫނުތަކާ ހިލާފަށް އެޅި ފިޔަވަޅުތަކެއް ކަމަށް ވޯލްޑް ޓްރޭޑް އޯގަނައިޒޭޝަން (ޑަބްލިއުޓީއޯ) އިން ކަނޑައަޅައިފިއެވެ.

ޗައިނާއާއި ދެކޮޅަށް އެމެރިކާއިން ވިޔަފާރީގެ ދަތިކުރުމުގެ ފިޔަވަޅުތައް އެޅި، ޗައިނާއިން ނާއިންސާފުން ޓެކްނޮލޮޖީގެ ވައްކަން ކުރާ ކަމަށާ، ދައުލަތުގެ ނަމުގައި ދޭ އެހީތަކަކީ މިކަމަށް އޮތް ހުއްޖަތެއް ކަމަށް ބުނަމުންނެވެ. ނަމަވެސް މިކަމަށް ބާރުދޭ ސާބިތު ހެކި، އެމެރިކާއަށް ދެއްކިފައި ނުވާކަމަށް ޑަބްލިއުޓީއޯއިން ވަނީ ބުނެފައެވެ.

ޗައިނާގެ އޮފިޝަލުން ވަނީ ޑަބްލިއުޓީއޯގެ ނިންމުމަށް މަރުހަބާ ވިދާޅުވެފައެވެ. ނަމަވެސް އެމެރިކާއިން ވަނީ، ޑަބްލިއުޓީއޯއަކީ ޗައިނާއާއި ކުރިމަތިލުމަށް ކުފޫ ހަމަވާ އިދާރާއެއް ނޫން ކަމަށް ބުނެފައެވެ.

ވިޔަފާރީގެ ކަންކަމުގައި އެމެރިކާގެ ފަރާތުން އެންމެ އިސްކޮށް ވަކާލާތު ކުރައްވާ މަންދޫބު، ރޮބާޓް ލައިތާއިޒާ ވިދާޅުވީ، ވިޔަފާރީގައި ނާއިންސާފުން ބަޔަކު އަމަލު ކުރަމުންދާ ނަމަ، އެކަމަކުން އަމިއްލަ ގައުމު ދިފާއު ކުރުމުގެ ފުރިހަމަ ހައްގު، އެމެރިކާއަށް ލިބިގެން ވާ ކަމަށެވެ.

ލައިތައިޒާ ވިދާޅުވީ ޑަބްލިއުޓީއޯގެ ރިޕޯޓަކީ ފާއިތުވެދިޔަ 4 އަހަރު ދުވަހު އެމެރިކާގެ ސަރުކާރުން ކުރަމުންދިޔަ ދައުވާ ކަށަވަރުކޮށްދެނިވި ރިޕޯޓެއް ކަމަށެވެ. އެގޮތުން، ޓެކްނޮލޮޖީގެ އިމުގައި ޗައިނާއިން ގެންގުޅޭ ނުރައްކާތެރި އުސޫލުތަކާ ދެކޮޅަށް ހަރަކާތްތެރިވުމަށް ޑަބްލިއުޓީއޯއަކީ ކުފޫ ހަމަވާ އިދާރާއެއް ނޫންކަމަށް އެމެރިކާއިން ބުނަމުންދާ ދިއުން މިހާރު ސާބިތުވާ ކަމަށް ލައިތައިޒާ ވިދާޅުވިއެވެ.

ޗައިނާގެ ވިޔަފާރިއާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން، ޑަބްލިއުޓީއޯއަށް ޗައިނާއިން މައްސަލަ ހުށަހެޅީ 2018 ވަނަ އަހަރުގެ ތެރޭގައި އެއީ ޗައިނާއިން އުފައްދާ މުދަލުގެ ތެރެއިން 300 ބިލިއަން ޑޮލަރުގެ މުދަލާ ދެކޮޅަށް އެމެރިކާއިން އެޅި ދަތިކުރުމުގެ ފިޔަވަޅާ އެކުގައެވެ. މީގެ އިތުރުން ޖޫން މަހާ ސެޕްޓެމްބަރު މަހުވެސް އެމެރިކާއިންވަނީ 200 ބިލިއަން ޑޮލަރުގެ އަގުހުރި މުދަލާ ދެކޮޅަށްވެސް ފިޔަވަޅު އަލާފައެވެ.

3 މެމްބަރުންގެ މައްޗަށް އެކުލެވޭ ޑަބްލިއުޓީއޯގެ ޕެނަލުން ބުނީ، މި މައްސަލާގައި ބަލާފައިވާނީ ހަމައެކަނި އެމެރިކާއިން ފިޔަވަޅުތައް އެކަނި ނޫން ކަމަށާ، ރައްދުގައި ޗައިނާއިން އެޅި ފިޔަވަޅުތައްވެސް ބަލާފައިވާނެ ކަމަށެވެ. އެމެރިކާއާއި ޗައިނާއާ ދެމެދު ފެށުނު ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން، ތާރީހު ނުދެކޭ ވަރުގެ ނުތަނަވަސްކަމެއް ބައިނަލްއަގުވާމީ ވިޔަފާރީގެ ދުނިޔޭގައި އުފެދުނު ކަން ޑަބްލިއުޓީއޯއިން ވަނީ ފާހަގަކޮށްފައެވެ. އަދި މިކަމަށް ހައްލު ހޯދުމަށްވެސް ޑަބްލިއުޓީއޯއިންވަނީ އެމެރިކާއާއި ޗައިނާއަށް ގޮވާލާފައެވެ.